ރިޕޯޓުއާ ޕާޓީއެއް، ބޮޑު ބަދަލެއް، އީވާ ބޭނުމީ އެމްޑީޕީއަށްވުރެ ވަރުގަދަވާން

އާ ޕާޓީއެއް، ބޮޑު ބަދަލެއް، އީވާ ބޭނުމީ އެމްޑީޕީއަށްވުރެ ވަރުގަދަވާން

ރިޔާސީ ޕްރައިމަރީއަށް ފަހު އެމްޑީޕީގައި އުފެދުނު ހިޔާލުތަފާތުވުން، ސިޔާސީ ބޮޑު ކޯޅުމަކަށްވެ، އެޕާޓީ ރޫޅި، އާ ޕާޓީއެއްގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަކީ އެ މަސައްކަތުގެ އެއް ތަނބެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އެމްޑީޕީގެ ކޮންގްރެސްގައި: ވިދާޅުވީ އެމްޑީޕީއަށްވުރެ އާ ޕާޓީގެ އަސާސީ ގަވާއިދު ވަރުގަދަވާނެ ކަމަށް -- ފޮޓޯ:މުހައްމަދު ޝާބިން/އަދަދު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އެމްޑީޕީގެ ކޮންގްރެސްގައި: ވިދާޅުވީ އެމްޑީޕީއަށްވުރެ އާ ޕާޓީގެ އަސާސީ ގަވާއިދު ވަރުގަދަވާނެ ކަމަށް -- ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ދެ ވަނަ ސަރުކާރަށް މާ ގިނަ ދުވަހެއް ނުވަނީސް އެޕާޓީގެ އެތެރޭގައި އުފެދެން ފެށި ހިޔާލުތަފާތުވުންތައް ބޮޑު ހައިޖާނަކަށްވެ، ހުޅުފަޅައިގެން ދިޔައީ މިއަހަރުގެ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީއާ އެކުގަ އެވެ.

އެ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު "ފިކުރެއްގެ ދިރުން" ނަމުގައި އާ ސިޔާސީ ހަރަކާތެއް ފެއްޓެވި އެވެ.

އެ ހަރަކާތް ފުޅާވެ، އެމްޑީޕީގެ ސީނިއާ އެތައް މެމްބަރަކު ގާނޫނު ހަދާ މަޖިލީހުގެ 12 މެމްބަރަކާއެކު ޕާޓީން ވަކިވެ، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް މިހާރު ވަނީ ދިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ހުށަހެޅުމާ މެދު އިލެކްޝަންސް ކޮމިޝަނުން މިއަދު ގޮތެއް ނިންމާނެ އެވެ.

ތިރީގައި މިވަނީ އެ އާޕާޓީ އުފެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި އެއް ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މިވަގުތުގެ ނައިބު ރައީސް އީވާ އަބްދުﷲ "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މި ނޫހުން ކުރި ބައެއް ސުވާލުތަކަށް އޭނާ ދެއްވި ޖަވާބުތަކެވެ.

ބުނެވިދާނެތޯ އެމްޑީޕީގެ ތެރޭގައި މިޖެހުނު މައްސަލައަކީ ދެމީހެއްގެ ދޭތެރޭގައި ޖެހުނު ޒާތީ މައްސަލައެކޭ؟

އީވާ: ނޫން، ނޫން، ނޫން. އަޅުގަނޑަކީ ވަރަށް ގާތުން ތިޔަ ކަން ފެންނާނެ މީހެއް. ނޫން، މިއީ ހަމަ ޕާޓީގެ މިސްރާބާ، ޕާޓީ ހިމެނޭ ސަރުކާރުގެ މިސްރާބާ، ވައްކަމާ ޑިމޮކްރެޓިކް ވެލިއުސްއާ، އެމްޑީޕީން ވީ ވައުދުތަކާ އެމްޑީޕީން ހުށަހެޅި ސިޔާސަތުތަކާ ހަމަ މިކަހަލަ ހުރިހާ ކަމަކާ ބެހޭ މައްސަލައެއް.

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ރައީސް ނަޝީދު އަދި ރައީސް ސޯލިހު. ނިޒާމުގެ ބަހުސާ ގުޅޭ ކަރުދާހެއް ކޮންގްރެސްއަށް ހުށަހަޅަން ނަޝީދު އުޅުއްވި ނަމަވެސް ރައީސް އެކަމަށް އޭރު ވެސް އެއްބަސްވެވަޑައިނުގަންނަވާ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ރައީސް ނަޝީދު އަދި ރައީސް ސޯލިހު. ނިޒާމުގެ ބަހުސާ ގުޅޭ ކަރުދާހެއް ކޮންގްރެސްއަށް ހުށަހަޅަން ނަޝީދު އުޅުއްވި ނަމަވެސް ރައީސް އެކަމަށް އޭރު ވެސް އެއްބަސްވެވަޑައިނުގަންނަވާ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ރައީސް ނަޝީދު އަދި ރައީސް ސޯލިހު. ނިޒާމުގެ ބަހުސާ ގުޅޭ ކަރުދާހެއް ކޮންގްރެސްއަށް ހުށަހަޅަން ނަޝީދު އުޅުއްވި ނަމަވެސް ރައީސް އެކަމަށް އޭރު ވެސް އެއްބަސްވެވަޑައިނުގަންނަވާ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަދަދު: މަޖިލީހުގައި މިހާރު ތިޔަ ނިންމަވަނީ ތިން ވަނަ ދައުރު، މިހާރު ތި އުފައްދަވާ ޕާޓީގެ ލީޑަޝިޕުގެ މަގާމަކަށް ޝައުގުވެރިކަން އެބަހުރިތޯ؟

އީވާ: އަޅުގަނޑުތޯ؟ އަޅުގަނޑުމެން ދަ ޑިމޮކްރަޓްސްގެ އޮނިގަނޑާ އަސާސީ ގަވާއިދާ އިހަށް އަދި ރާވަމުން، ލިޔަމުން މި ދަނީ، ކޮންސަލްޓޭޝަން ޕްރޮސެސްއެއްގެ ދަށުން ވީހާވެސް ގިނަ މީހުންނާ ވާހަކަ ދައްކައިގެން އަޅުގަނޑުމެން މި ބޭނުންވަނީ ޕާޓީގެ އަސާސީ ގަވާއިދާ އޮނިގަނޑު އެކުވާލަން، އަޅުގަނޑަށް ވެސް އެނގޭ ދަ ޑިމޮކްރަޓްސް އުފައްދައިގެން މިއުޅެނީ ސިޔާސީ ތަޖުރިބާ ކިތަންމެ ވަރަކަށްވެސް ހުރި ބައެއް، އަޅުގަނޑުމެން ބޭނުންވޭ އެމްޑީޕީގެ އަސާސީ ގަވާއިދާ އޮނިގަނޑަށްވުރެ [އާ ޕާޓީގެ] ކަންކަން ވަރުގަދަވާން، އެހެންވީމަ ޕާޓީގެ މަގާމުތައް ހުންނާނެ ގޮތެއްވެސް ދަންނަވާކަށް ނޭނގެ، އެއްގޮތަކަށް ވެސް އަޅުގަނޑު އެސިއުމް [ލަފާ] ކުރާކަށް ބޭނުމެއް ނޫން އެހެން ޕާޓީތަކުގަ ހުރި މަގާމުތަކަށް ބަލާފަ އަޅުގަނޑުމެން އަދި އެ މަގާމުތަކާ ދިމާލަށް ދާނެއެކޭ. އަޅުގަނޑު ބޭނުންވާ ކަންތައްތަކެއް އެބަހުރި، މިސާލަކަށް އާ ޕާޓީގެ އަސާސްތައް ވެލިއުތައް އަޅުގަނޑު ވަރަށް ބޭނުންވޭ ސާފުކޮށް ޕާޓީގެ އަސާސީ ގަވާއިދުގައި ލިޔެފަ އޮންނަން. އޭގެ އިތުރަށް މަގާމުތައް އޮންނާނެ ގޮތެއް ދަންނަވާކަށް ނޭނގޭ.

އަދަދު: އެމްޑީޕީގެ ތެރޭގެ މަސްލަހަތު ގެއްލުނީ ސާފުކޮށް އަސާސީ ގަވާއިދުގައި ކަންކަން ލިޔެވިފަ ނެތީމަ ކަމަށް ގަބޫލުކުރައްވަންތޯ؟

އީވާ: ނޫން، ނޫން. އަޅުގަނޑު ސިޔާސީ ހަޔާތުގަ މި ވޭތުކުރި ދުވަސްތަކުގައި ދަސްވެފަ ހުރި އެއްޗަކުން އެނގޭ ލިޔެވިފަ އޮނިގަނޑަކީ ނުވަތަ އަސާސީ ގަވާއިދަކީ ނުވަތަ ގާނޫނު އަސާސީއަކީ ވަރަށް މުހިން ދައުރެއް އަދާކުރާ އެއްޗެއް. އެކަމަކު، ނުބައި މީހުންގެ އަތްމައްޗަށް ގޮއްސިއްޔާ ހަމަ ކޮންމެފަދަ ގޮތެއްވެސް [ލިޔެފަ އޮންނަ އެއްޗަށް] ހަދާފާނެ. ރާއްޖޭގަ އެކަންޏެއް ނޫން އެމަރިކާ ކަހަލަ ގައުމުތަކަށް ބަލާލިޔަސް އަޅުގަނޑުމެންނަށް އެބަފެނޭ ހުދުމުހުތާރު ސިފައެއް ހުންނަ ވެރިޔަކު އައިސިއްޔާ ކިތަންމެ ޑިމޮކްރެޓިކްވެފަ ލިޔުންތައް ވަރުގަދަޔަސް އެ މެނިޕިއުލޭޓް އެބަކުރޭ. އެހެންވީމާ، ތެދުފުޅެއް ކޮންމެވެސް ވަރަކަށް އަސާސީ ގަވާއިދުގެ މައްސަލަތަކެއް ހުރީމަވެސްމެ [ޕާޓީގެ ތެރޭގައި މައްސަލަޖެހުނީ].

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އީވާ ބަހުގެ ހަމަލާތައް ބަދަލުކުރައްވަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އީވާ ބަހުގެ ހަމަލާތައް ބަދަލުކުރައްވަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އީވާ ބަހުގެ ހަމަލާތައް ބަދަލުކުރައްވަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އަދަދު: ކުރިން އަޅުގަނޑުމެންނަށް މާލެ ފެނިގެންދިޔައީ އެމްޑީޕީގެ ސްޓްރޯންގު ހޯލްޑެއްގެ ގޮތުގައި. ނަމަވެސް ފަހުން މި ބޭއްވި އިންތިހާބުތަކުގައި އެ މަންޒަރު ބަދަލުވެއްޖެ. ވަކި ޕާޓީއެއް ވީމަ މާލޭގައި ޔަގީންވާ ވޯޓެއް ނެތް. އެހެންވީމަ ގާނޫނު ހަދާ މަޖިލީހުގައި އީވާ ފުރުއްވަމުންދާ ގޮނޑި އަލުން އަނބުރާ ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރައްވަންތޯ؟

އީވާ: އަޅުގަނޑު ހަމަ ހަގީގަތުގަވެސް، އަޅުގަނޑުގެ އަމާޒު މިވަގުތު މިހުރީ ވީހާވެސް އަވަހަށް އަޅުގަނޑުމެންގެ އާ ޕާޓީ ހަރުދަނާ ކުރުމަށް. އަދި ސެޕްޓެމްބަރު 9، ގަ އޮތް ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ކެންޑިޑޭޓަކު ނެރޭނަން. އެހެންވީމަ އެޔަށް ވީހާވެސް ބޮޑަކަށް ތައްޔާރުވާން އަޅުގަނޑުގެ އަމާޒު މިހުރީ. އަޅުގަނޑު އިތުރަށް ކުރިމަތިލާނީ ކޮން މަގާމަކަށް ކަމާމެދު ޖަވާބެއް ދެވޭކަށް ނެތް.

އަދަދު: ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ލިބުމުން ކިހާވަރަކަށް މެމްބަރުން ގުޅޭނެ ކަަމަށްތޯ ދެކިލައްވަނީ؟ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ވޯޓުދިން 17،000 އެއްހާ މީހުން އަދި ޕާޓީން ވަކިކުރި 39،000 މެމްބަރުން އާ ޕާޓީއަށް ގުޅޭނެތޯ؟

އީވާ: އަޅުގަނޑުމެންނަށް ލަފާކުރެވޭ، އޮޓޮމެޓިކް ތަރުހީބެއް ލިބޭނެ މީހުންތަކެއް ފެނޭ. އޭގެ ތެރޭގަ ވަރަށް ގިނަ މީހުންނަކީ ކުރިން އުޅުނު ސިޔާސީ ޕާޓީން އެ ޕާޓީގެ އަސާސްތަކާ ދުރަށް ދިޔައިމަ އެނޫން ގޮތެއް އެ އަސާސްތަކުގަ ހިފަހައްޓާނެ އެހެން ބަޔަކު ހޯދަން ތިބި ބައެއް. އޭގެ އިތުރުން ވަރަށް ގިނަ ވޯޓުލާ މީހުން ތިބީ 'ނަން އޮފް ދި އެބަވް' ޖަހަން. އެއީ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެ މީހުންނަށް އެ މީހުން ކުރާކަހަލަ އުންމީދެއް ކުރާ ކަހަލަ ރިޔާސީ ކެންޑިޑޭޓަކު ނުފެންނާތީ.

އަދަދު: ތިބޭފުޅުންނާއެކު އެމްޑީޕީއިން ގާތްގަނޑަކަށް ކިހާ އަދަދެއްގެ މެމްބަރުންނެއް ވަކިވެފައިވާކަމަށް ބެލެވޭތޯ؟

އީވާ: އެމްޑީޕީގެ މެމްބަރުންތޯ؟ އެއީ އަޅުގަނޑު ބަލަހައްޓާ ހިސާބެއް ނޫން، އަޅުގަނޑުމެން ޕާޓީން ތައްޔާރަށް މިތިބީ ހުއްދަ ލިބޭ ހިސާބުން ޕާޓީ އުފައްދަން ބޭނުންވާ މެމްބަރުން ހަމަކުރުމަށް ފުދޭވަރަކަށް ތައްޔާރަށް އަޅުގަނޑުމެން މިތިބީ.

ހަތަރު އަހަރު ގައިމު ވެސް ވެއްޖެ [މީހުން ބުނާތާ]، ކިހިނެތްހޭ ދެން އީވާ ތިހަދަނީ ކަލޭމެން، އަހަރެމެނެއް ދެން އިބްރާހީމް މުހައްމަދު ސޯލިހެއް ނުހޮވާނަމޭ. ހޮވުނީތީ އަހަރެމެން ބޯގޮވައިފިއޭ، މިއަޑުގައި ދިޔައީ. ހަމަ ވަރަށް ތެދަށް އަޅުގަނޑު މި ދަންނަވަނީ، މޭ 17 ގައި އަޅުގަނޑުމެންގެ ދަ ޑެމޮކްރެޓްސް އިއުލާނުކުރި ފަހުން އަޅުގަނޑަކަށް އަދި މަގުމައްޗަކަށް ނުނިކުމެވޭ، އޭ އިވާ، ނަމެއް އެބަ އޮތޭ، އޭ އީވާ ޖައްސައިލާނަން އިނގޭއޭ، އޭ އީވާ މަމިހިރީ ކަލޭމެންނާ އެކީއޭ، ހަމަ ވަރަށް ތެދަށް މި ދަންނަވަނީ، މިހެން ނުބުނާ ގޮތަކަށް އަޅުގަނޑަކަށް މަގުމައްޗަކަށް ނުނުކުމެވޭ މިދިޔަ ފަސް ދުވަސް ތެރޭގައި.

ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުން އިލެކްޝަންސް ކޮމިޝަނާ ޕާޓީ ހެދުމުގެ ހުއްދައަށް އެދި ބައްދަލުކުރައްވަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުން އިލެކްޝަންސް ކޮމިޝަނާ ޕާޓީ ހެދުމުގެ ހުއްދައަށް އެދި ބައްދަލުކުރައްވަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުން އިލެކްޝަންސް ކޮމިޝަނާ ޕާޓީ ހެދުމުގެ ހުއްދައަށް އެދި ބައްދަލުކުރައްވަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އެހެންވީމާ ފުދޭވަރަކަށް މީހުން އިންވޯލްވް ވާން [ޕާޓީއާ ގުޅެން] ބޭނުންވާ ތަން އަޅުގަނޑަށް ފެންނަނީ. އަދި ހަމަ މަގުމައްޗެއް އެކަންޏެއްނޫން އިނގޭތޯ، މިސާލަކަށް އަޅުގަނޑުގެ އިންސްޓަގްރާމުން، ދުވަހަކު ސިޔާސީ ކަމެއްގައި ނޫޅޭނޭ، އަޑެއް ނާހާނޭ ހީވާ ކުދިން ވެސް އެބަ މެސެޖްކޮށްލާ، މިވެނި ކޮންސެޕްޓެއް ރަނގަޅުވާނޭ ކުލަޔަށް، މި ވެނި ނަމެއް [ކިޔާފައި]. އަދި ހާއްސަކޮށް ދަ ޑެމޮކްރެޓްސް އެނަން އަަޅުގަނޑަށް ހީވަނީ ވަރަށް ހިނގައިފި ހެން.

އަދަދު: ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު ޖެހެމުންދިޔަ މައްސަލަތައް ހައްލުކުރުމަށް އެއްވެސް ވަރަކަށް މަސައްކަތް ކުރެއްވިންތޯ؟

އީވާ: އޭރުގެ ޕާޓީގެ ލީޑަޝިޕުގަ ތިއްބެވި ބޭފުޅުން، ހަސަން ލަތީފު، މުހައްމަދު ޝިފާޒު، އެބޭފުޅުން އަރިހުން އައްސަވާލައްވާ ކިހާވަރަކަށް މައްސައްކަތް ކުރެއްވިންތޯ. ތިބޭފުޅުންނަށް ސިއްރަކަށް ނުވާނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މީހެއްގެ މެސެޖަކަށް ޖަވާބެއް ދެއްވާ ބޭފުޅެއް ނޫން އެބޭފުޅާއަށް ލަފާ ދެއްވަނީ، މަޝްވަރާކުރައްވަނީ ކޮން ބަޔަކާ ކަމެއް އަޅުގަނޑުމެންނަށް ފެންނާކަށް ނެތް.

މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބުނު ހިސާބުން އެބޭފުޅާ ފެއްޓެވީ 'ޑިވައިޑް އެންޑް ރޫލް'، މިސާލަކަށް އޭރު އަލީ އާޒިމް ހުންނެވީ ޕީޖީ ލީޑަރަކަށް އެކަމަކު އާޒިމްއާ މަޝްވަރާކުރުމުގެ ބަދަލުގަ ކުޑަ ގްރޫޕެއް ހަދައިގެން މަސައްކަތް ކުރެއްވީ. އަޅުގަނޑުމެންނަށް ފެނުނީ ޕާޓީ އެކަތިގަނޑަކަށް ބޭއްވުމުގެ ބަދަލުގައި އެކަކަށް ޕްރޮޖެކްޓެއް، ގާތް މީހެއް ވެއްޖިއްޔާ ފައިސާކޮޅެއް ދީގެން ރަށްރަށުގަ، ރަށުތެރޭގަ އަދި ޕާޓީ ތެރޭގަ ކުޑަވަރެއްގެ ނެޓްވޯކެއް އުފައްދަވަން މަސައްކަތް ކުރެއްވިތަން.

ރައީސަކީ އެމްޑީޕީގެ އެންމެ އިސްވެރިޔާއޭ އަސާސީ ގަވާއިދުގައި އޮންނައިރު ހަމައެކަނި މަސްއޫލިއްޔަތަކަށް ލިޔެފަ އޮންނާނީވެސް ޕާޓީގެ އެއްބައިވަންތަކަށް ހިފެހެއްޓުން، މި އިސްވެރިޔާގެ ދަށުގައި އެމްޑީޕީ ހީނަރުވިވަރަކަށް ދުވަހަކު ވެސް ހީނަރެއް ނުވޭ. އެތެރޭގެ ކުދިކުދި ދެބަސްވުން ހުއްޓަސް އިދިކޮޅު ފަރާތްތަކާ ކުރިމަތިލާއިރު އެކަތިގަނޑެއްގެ ގޮތުގައި [ކުރިން] އޮތް ޕާޓީއެއް އެއީ.

އަދަދު: އެމްޑީޕީއަށް މި ވީގޮތަށް އަލަށް އުފައްދާ ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދުންފަދަ ކަންކަން ވިޔަނުދޭން ކޮންކޮން ކަންކަމެއްތޯ ކުރައްވާނީ؟

އީވާ: ތަޖުރިބާގެ ބޭނުން ކުރަންޖެހޭނީ، އޭގެއިތުރުން ކުރިން ދެންނެވިހެން ޕާޓީގެ އަސާސީ ގަވާއިދާ ޕާޓީގެ އޮނިގަނޑާ އަޅުގަނޑުމެންނަށް ދަސްވެފަ ހުރި އެއްޗަކަށްވުރެ ޑައިނަމިކް ވާން އަޅުގަނޑު ބޭނުން، ވީހާވެސް ގިނަ ބައެއްގެ އިހުސާސްތަކަށާއި އަސާސްތަކަށް ރެސްޕޮންޑުކުރެވޭނެ އަސާސީ ގަވާއިދަކާއި އޮނިގަނޑަކަށް ވާން އަޅުގަނޑު ބޭނުން.

އަދަދު: ތިބޭފުޅުން އެބަ ވިދާޅުވޭ ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށް، ގަބޫލު ކުރައްވަންތޯ އެ ކެންޑިޑޭޓަށް އެއްބުރުން އިންތިހާބު ކާމިޔާބު ކުރެއްްވޭނެ ކަމަށް؟

އީވާ: އަޅުގަނޑަށް ހީވަނީ އާ ގާނޫނު އަސާސީއަށްފަހު އަޅުގަނޑުމެން ރިޔާސީ ކެންޑިޑޭޓުން އިންތިހާބުކުރަން ފެށީއްސުރެން ދިވެހިރާއްޖެ ތާރީހު ދައްކައިފިހެން ދިވެހިން އަދި އެހާ ތައްޔާރެއް ނޫނޭ ވަކި އެއް ޕާޓީއަކަށް ގޮސް ރިޔާސީ ކެންޑިޑޭސީ ދޭކަށް. ކޯލިޝަނެއް ނުހަދާ އާ ގާނޫނު އަސާސީއަށްފަހު މީހަކަށް ވެރިކަމަށް އާދެވުނު ތަނެއް ނުފެނު. އަޅުގަނޑުމެން ރިޔާސީ ކެންޑިޑޭޓެއް ނެރޭނަން، އެ ރިޔާސީ ކެންޑިޑޭޓު އެކެއް ނުވަތަ ދޭއްގަ ހިމެނޭނެކަން އަޅުގަނޑުމެންނަށް ޔަގީން.

އިއްޔެގަ އިދިކޮޅު ފަރާތްތަކުން ވެސް ބުނެފަ އެބައޮތް އެ ފަރާތްތަކުން ވެސް ދެން ވާދަކުރަން ޖެހޭނީ ދަ ޑިމޮކްރެޓްސް [އާ އޭ]، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ދެން މިހާރު ދެން ނެތް އެއްޗެކޭ. އަޅުގަނޑު ފުރަތަމަ ޕްރެސްގަ ވެސް ދެންނެވިން އަޅުގަނޑުމެން އިއްތިހާދުވުމުގެ ވަގުތު އައިސް ޖެހިއްޖިއްޔާ އަޅުގަނޑުމެން މިތިބީ އެކަމަށް ތައްޔާރަށޭ.

އަހުމަދު އާއިދު

ޖާނަލިސްޓް

އަހުމަދު އާއިދު ނޫސްވެރިކަމުގެ ދާއިރަށް ވަނީ މީގެ ދެ އަހަރު ކުރިންނެވެ. ސިޔާސީ ދާއިރާއިން ފެށިގެން ކުޅިވަރުގެ ދާއިރާގައި އޭނާގެ ގަލަން ހިނގަ އެވެ. އެންމެ ފަހުން އޭނާ އުޅުނު "ވޮއިސް" ނޫހުގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox