ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން މެންބަރުންތަކެއް ވަކިވެއްޖެ އެވެ. ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީގައި "ފިކުރެއްގެ ދިރުން" ނަމުގައި ފެށި ހަރަކާތުން "ދި ޑިމޮކްރެޓިކްސް" ނަމުގައި ޕާޓީއަށް އުފައްދަން ވެސް ހުށަހަޅައިފި އެވެ.
މި މެންބަރުންގެ އޮތީ ސަރުކާރާއި އެމްޑީޕީއާ މެދު ވެސް ހުސް ޝަކުވާ އެވެ. އުދާސްތައް ބޭރުކުރަން ބޭނުން ކުރަނީ މަޖިލީހުގެ ބަހުސް ވަގުތެވެ. އާ ޕާޓީއާއެކު ރައްޔިތުންނަށް އެތައް އުންމީދެއް އަންނަނީ ދެމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އާ ޕާޓީ އުފެއްދުމުގައި ހަރަކާތްތެރިވާ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވެސް ދެއްކެވީ އެ ވާހަކަ އެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފަހު ފާހަގަކުރެއްވީ ރައްޔިތުންގެ އުންމީދުތައް ގުޅިފައި އޮތީ "ދި ޑިމޮކްރެޓިކްސް" ޕާޓީ އާ ކަމަށެވެ.
"ވެންޓިލޭޓަރުން ވައްކަން ކޮށްގެން މި ސަރުކާރު ތާ އަބަދަށް ހިންގޭނެ ކަމަށް ގަބޫލުކުނުކުރައްވާތި އެއްވެސް އިއްޒަތްތެރި މެންބަރަކު މިތާ ތިއްބެވި އެމްޑީޕީގެ އެއްވެސް އިއްޒަތްތެރި މެންބަރަކު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން [ޑިމޮކްރެޓިކްސް ޕާޓީން] މި ގައުމު ހަމަ މަގަށް އަޅުވާނަން،" ބަހުސް ނިންމާލަމުން ޒާހިރު ވިދާޅުވި އެވެ.
އޭނާގެ ވާހަކައަށް "ފިކުރެއްގެ ދިރުން"ގެ ލީޑަރުކަމުގައި ހުންނެވި ނަމަވެސް އެމްޑީޕީން އިސްތިއުފާ ދެއްވާފައިނުވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވީ ޅެން ބައިތަކުންނެވެ.

"ޖުންޖުލައި ގަދަ ކުރިމަތިވަނީ އޭ، ދުއްވާނު އޮޑި މަޑުކޮށްގެން ނުވާނެއޭ، ހުންގާނު ތިޔައީ މޮޅު ލަކުޑިއެއްހޭ، ކޮޅުވަތުގައި ހުރި ގޮތް ރަނގަޅަށް ބަލާށޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިއަދު ވިދާޅުވި ބައިތަކީ ރާއްޖެ ދުށް އެންމެ މަޝްހޫރު އެއް ލަވަކިއުންތެރިޔާ، ނައިފަރު ދޮހޮއްކޮ ވިދާޅުވެފައިވާ "ދިޔަވަތް ރަނގަޅު އޮޑި" ފަރިހީގެ ބައިތެކެވެ. މުޅި އެ ފަރިހީގައި ކިޔައިދެނީ ގަދަ ވިއްސާރައިގައި ދަތުރުކުރާ އޮޑިއެއްގެ މާލިމީ އެ އޮޑީގެ ފަޅުވެރިންނަށް ދޭ އިރުޝާދު ތަކެކެވެ.
"ޖުންޖުލާ ގަދަ ކުރިމަތިވަނީއޭ" އޮންނަ ބައިތުގައި މާލިމީ ފަޅުވެރިންނަށް ބުނެދެނީ ކުރިމަތިވާން އުޅޭ ކޮޅިގަނޑު ގަދަފަދަ ކަމެވެ. އެއާ އެކު އެ ހިތްވަރު ދެނީ އެ ކޮޅިގަނޑު އަންނާތީ އޮޑިމަޑު ނުކޮށް އަމާން ބަނދަރަކަށް ދާން މަސައްކަތް ކުރުމަށެވެ.
"ޖުންޖުލާ" އަކީ ގަދައަށް ވިއްސާރަކުރާ ދުވަސްވަރު ސިފަކުރަން ބޭނުންކުރާ ލަފުޒެކެވެ. އެއީ ރާއްޖޭގައި ހުޅަނގު މޫސުމުގެ ވިއްސާރަ އެންމެ ގަދަވާ ޖޫން މަހާއި ޖުލައި މަސް ކަމަށް ވާތީ އެ ދެމަހުގެ ނަން އެއްކޮލައިގެން އުފައްދާފައިވާ ލަފުޒެކެވެ. ޖޫން މަސް ދިމާވަނީ ހުޅަނގުގެ މިއަހެލި އަދި އަދަ ނަކަތާ އެވެ.
މި ފަރިހި ހެއްދެވީ ހދ. ކުޅުދުއްފުށީ ފާލްސާގެ ޙަސަން އަޙްމަދު، މަޝްހޫރު ލަނގޮނޑި މާލިމީ (ދޮހާމާލިމީ) ކަމުގައި ބުނާ މީހުނާއި މި ފަރިހި ހެއްދެވީ މ. މަޑުއްވަރީ ރަސްކޮއްކޮއިގެ ރަސްއަހަންމަދޭ ކަމުގައި ބުނާ މީހުން ތިބި ކަމަށް ވެސް ތާރީހު ދިރާސާކުރައްވާ ލިޔުންތެރިޔާ ޝަމްއޫން ޖަލީލް ލިޔުއްވާފައިވެ އެވެ.
މިހާތަނަށް އާ ޕާޓީއާ މެދު ވެސް އެއްވެސް އެއްޗެކޭ ވިދާޅުވެފައިނުވާ ނަޝީދު ދެއްވީ ސިޔާސީ މައިދާނުގައި ކުރިއަށް އޮތް ހަނގުރާމައިގެ ވަރުގަދަ އިންޒާރެއް ކަމަށް ބެލެވެ އެވެ.
ހއ. އަތޮޅު ކައުންސިލުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ތިލައުތުރު އެވޯޑު ހަފުލާގައި، ވާހަކަ ދައްކަވަމުން ވެސް ނަޝީދު ވަނީ ހަމަނުޖެހުމާއި ވަކިވެގަތުމަކީ ދިވެހިންގެ ތޮބީއީ ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ގާނޫނު އަސާސީ، ހާއްސަކޮށް ލާމަރުކަޒީ ބާބުގައި ހުރި އުނިކަން ސާފުވާ ކަމަށާއި ރައްޔިތުންގެ ބާރު ދެމެހެއްޓުމަށް ލާމަރުކަޒީ ގާނޫނުގައި ދީފައިވާ ބާރު ގާނޫނު އަސާސީގައި ކަނޑައަޅަންޖެހޭ ކަމަށާއި ރަށްތަކުގެ މިލްކުވެރިކަން އެ އަތޮޅަކަށް ބޭއްވުމަށް ގާނޫނު އަސާސީގައި ލިޔަންޖެހޭ ކަމަށާއި އެ ބަދަލުތައް ނުގެނެސްފި ނަމަ ގިނަވާ ޝަކުވާ ހަމަނުޖެހުމަށް ބަދަލުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ހީނުކުރައްވާތީ އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ މައްސަލަ ނެތް ތަނެއްގެ ގޮތުގައި. ނޫން ވަރަށް ބައިވަރު ދާހިލީ މައްސަލަ މި ދިވެހިރާއްޖޭގައި އޮތީ އުފެދިފައި. ވަކިވެގަތުމުގެ ރޫހު. ބަގާވާތުގެ ކުލަވަރުތައް އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ހުރޭ. ނުވިސްނައިފި ނަމަ އަޅުގަނޑުމެންނަށް މިކަންކަމުން ލިބޭނެ ގެއްލުން ވަރަށް ބޮޑު،" ނަޝީދު ވިދާޅުވި އެވެ.
"މިއަދު ފެޑަރަލް ނިޒާމަކަށް އަޅުގަނޑުމެން ބަދަލުވާން ނުވިސްނައިފި ނަމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ހަޔާތުގައި ވަރަށް ހިތާމަވެރި މަންޒަރެއް ފެނިދާނެއޭ. އިގުތިސޯދީ ތަނަވަސްކަމާއެކީގައި ފަލްސަފާއެއް ގަބޫލުކުރެވެން ފެށީމާ ދެން ކާމިޔާބު ހޯދަން ޒުވާނުން ނުނިކުންނާނެ ކަމަށް އިންސާނީ ތަޖުރިބާ އެއްވެސް، ގައުމުތަކުގެ ހަޔާތެއް ވެސް ދައްކާފައެއް ނެތް."
'ފެޑަރަލް ދިވެހިރާއްޖެ އަލިވިލާންޖެހޭކަން' މިހާރު ގަބޫލު ކުރައްވި ނަމަވެސް އެ ބާރު އެ މަނިކުފާނުގެ ވެރިކަމުގައި ވެސް ދިނުމަށް އުނދަގޫފުޅުވި ކަމަށް ވެސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
ގައުމެއްގެ ތަރައްގީ ގުޅިފައި ވަނީ އުމްރާނީ ބިނާތަކެއްގެ ބިއްލޫރީގެ ދަޅަ، ޕްލާސްޓިކުގެ ވިދުވަރު ކަމަށް، ބޮކިތަކުގެ އަލިކަން ކަމަށް ހީވެ، އެ އަވާގައި ބައެއް ފަހަރު ގެއްލޭ ކަމަށް ނަޝީދު ފާހަގަ ކުރެއްވެވި އެވެ.
އާ ޕާޓީގެ ފަސްފަހަތް
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި އިސްތިއުފާގެ ސިޓީގައި ސޮއިކުރެއްވި 12 މެންބަރުން އިސްވެ، "ދި ޑިމޮކްރެޓިކްސް" ނަމުގައި ޕާޓީއެއް އުފެދުމުގެ ހުއްދައަށް އެދުނީ އާދިއްތަ ދުވަހު އެވެ.
އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީ އަށް ފަހު ފުރަތަމަ ވެސް ނިންމެވީ ފިކުރެއްގެ ދިރުން ހަރަކާތުން ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން ކެންޑިޑޭޓަކަށް ތާއިދު ކުރުމަށެވެ.
ރިޔާސީ ޕްރައިމަރީއަށް ފަހު ފެކްޝަނެއްގެ ގޮތުގައި ހަރަކާތްތެރިވި "ފިކުރެއްގެ ދިރުމުން" އުފައްދާ ޕާޓީއަށް ހުއްދަ ހޯދަން އީސީއަށް ފޯމް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ނަމުގަ އެވެ.
"ފިކުރެއްގެ ދިރުން" މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ބޭނުން ކުރެއްވި ޝިއާރެކެވެ. ޕްރައިމަރީގެ ނަތީޖާއާ މެދު ސުވާލު އުފައްދަވައި އެ ނަމުގައި ފުރަތަމަ އުފެއްދީ އެމްޑީޕީގެ އެތެރޭގެ ގޮތްޕެކެވެ. އެ ހަރަކާތުން އާ ޕާޓީއެއް އުފައްދާނެ ކަން އިިއުލާނު ކުރީ އެ ހަރަކާތުގައި އިސްކޮށް އުޅުއްވި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިވުމާ އެކު ފިކުރެއްގެ ދިރުމުގެ ދެން ތިއްބެވި ޕާލަމެންޓޭރިއަނުން އެމްޑީޕީ ވަކިވުމަށް ފަހު މިދިޔަ ބުދަ ދުވަހު އެވެ.
ބުދަ ދުވަހު ބޮޑުފެންވަޅުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ "ފިކުރެއްގެ ދިރުން" ނަމުގައި އުފައްދާ ޕާޓީން އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.
އެމްޑީޕީއަކީ ބިރުދެއްކުމާއި ކޮރަޕްޝަނާ ފަސާދައާއި ނަފުރަތުގެ ނެޓްވޯކަކަށް ބަދަލުވެފައިވާ ކަމަށް ތުހުމަތު ކުރައްވައި އިލްޔާސް ވިދާޅުވީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ އެކަން ބަދަލު ކުރަން އެމްޑީޕީގެ އެތެރޭން މަސައްކަތް ކޮށް ނާކާމިޔާބުވުމުން ކަމަށެވެ.














