މިލާން (މެއި 23) - ޓްރާންސްފާ ޑީލްތަކުގައި މަކަރުހެދުމާއި ކްލަބްގެ މާލީ މުއާމަލާތްތަކުގެ ލިޔެކިޔުންތައް އޮޅުވާލާފައިވާ ކަަމަށް ބުނެ، ޔުވެންޓަސް އަތުން އެންމެ ފުރަތަމަ އުނިކުރި 15 ޕޮއިންޓްގެ މައްސަލަ އަލުން އެއްކޮށް ބަލައި، އެ ޓީމު އަތުން އުނިކުރަން ޖެހޭނީ 10 ޕޮއިންޓް ކަމަށް ނިންމައިފި އެވެ.
ޔުވެންޓަސް އިން ރޭ އިޓާލިއަން ލީގުގައި އެމްޕޮލީ އަތުން 4-1 އިން ބަލިވި މެޗު ފެށުމުގެ ދެތިން ގަޑިއިރެއް ކުރިން، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ އެޕީލް ކޯޓުން ނިންމާފައިވަނީ އެ ޓީމު އަތުން 10 ޕޮއިންޓް އުނިކުރަން ޖެހޭނެ ކަމަށެވެ. މި ފިޔަވަޅާ އެކު، ޔުވެންޓަސް މި ވަނީ ހަތް ވަަނަ އަށް ވެއްޓިފަ އެވެ. އެއީ ހަ ވަނައިގައި އޮތް ރޯމާ އަށް ވުރެ ޕޮއިންޓެއް ފަހަތުގަ އެވެ.
ރޭގެ މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުނީ އެ ޓީމު އަތުން 10 ޕޮއިންޓް އުނިކުރިކަން މެޗެއްގެ ކުރިން އެނގުމުން އޭގެ ސަބަބުން ޓީމުގެ ކުޅުމަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށެވެ.
ޔުވެންޓަސް މި ވަގުތު އޮތީ ލީގުގެ ހަތަރެއްގައި އޮތް މިލާނަށް ވުރެ ހަ ޕޮއިންޓް ފަހަތުގަ އެވެ.
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބެލި މައްސަލައިގައި އެންމެ ފުރަތަމަ ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކުރީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. ޔުވެންޓަސް އިން އިޓަލީގެ ކުޅިވަރުގެ ކަންތައްތަކާ ބެހޭ އެންމެ މަތީ ކޯޓުގައި ކުރި އެޕީލްގެ މައްސަލަ ކާމިޔާބުވެ، މައްސަަލަ އަލުން ބަލަން އެންގުމާ އެކު، ކޯޓުން މިދިޔަ މަހު 20 ވަނަ ދުވަހު، އަންގާފައިވަނީ މައްސަަލައިގެ އަޑުއެހުންތައް ފަށައިގެން ނިމުމަކާ ހަމައަށްދިއުމަށް ދާންދެން، ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކޮށްފައި ނުބޭއްވޭނެ ކަމަށެވެ. އެެހެންވެ، އަލުން ޔުވެންޓަސް އަށް އެ ޕޮއިންޓްތައް ދިނެވެ.
އެކަމަކު، އިއްޔެ ކޯޓުން ނިންމާފައިވަނީ ޔުވެންޓަސް އަތުން 10 ޕޮއިންޓް އުނިކުރަން ޖެހޭ ކަމަށެވެ. މިއާ އެކު 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔުވެންޓަސް އަށް އަންނަ ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅަ ގެއްލުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
ޔުވެންޓަސްގެ މައްޗަށް ސާބިތުވި މައްސަލަ އަކީ 2019 އާއި 2021 އާ ދެމެދު ހަދާފައިވާ ބައެއް ޓްރާންސްފާތަކާ ގުޅޭ މާލީ ހިސާބުތައް އޮޅުވާލާފައިވާ ކަމެވެ. އެ ގޮތުން، ބެލި ބެލުމުގައި ފާހަގަވީ ޓްރާންސްފާތަކަށް ފަހު، ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ ތެރެއިން އެ ކުޅުންތެރިންގެ އިމޭޖްރައިޓްސް އިން ލިބޭ އާމްދަނީ އޮޅުވާލާފައިވާ ކަމެވެ. އަދި އިޓަލީގެ ސްޓޮކް އެކްްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ޔުވެންޓަސް އިން އިންވެސްޓަަރުންނަށް މާލީ ހިސާބުތައް އޮޅުވާލާފައި، ނުހިނގާ ޓްރާންސެކްޝަންތަކެއްގެ އިންވޮއިސްތަކެއް ވެސް ހަދާފައިވާ ކަމަށް އޭރު ތަހުގީގަށް ސާބިތުވެފައިވެ އެވެ.
ޖެނުއަރީ މަހު، ޔުވެންޓަސްގެ މައްޗަށް އެޅި އިތުރު ފިޔަވަޅުތަކަށް ބަލާއިރު، އެ ކްލަބްގެ މިހާރުގެ ސްޕޯޓިން ޑިރެކްޓަރު، ފެޑެރީކޯ ޗެރުބީނީ ވަނީ 16 މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. އަދި ޔުވެންޓަސްގެ ކުރީގެ ރައީސް އަންދްރެއާ އަގްނެލީ އާއި ކުރީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) މައުރީޒިއޯ އަރިވަބީނޭ ދެ އަހަރަށް ސަސްޕެންޑްކުރުމާއި ކުރީގެ ސްޕޯޓިން ޑިރެކްޓަރު، ފަބިއޯ ޕަރަޓީޗީ، 30 މަހަށް ސަސްޕެންޑްކުރުމުގެ އިތުރުން ކުރީގެ ނައިބު ރައީސް، ޕަވެލް ނެޑްވެޑް އަށް މަސް ދުވަހަށް ސަސްޕެންޑް ކުރުން ހިމެނެ އެވެ. ޕަރަޓީޗީ މި ވަގުތު ހުރީ ޓޮޓެންހަމްގެ ސްޕޯޓިން ޑިރެކްޓަރަކަށެވެ. ޔުވެންޓަސްގެ ކުރީގެ ބޯޑު މެމްބަރުން ސަސްޕެންޝަނުން ސަލާމަތްވާން ކުރި އެޕީލް ކާމިޔާބުވެފައިނުވެ އެވެ.












