ވިލާ ކޮލެޖުގެ ބިޒްނަސް ސޮސައިޓީން އިސްނަގައިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބިޒްނަސް ފެސްޓިވަލެއް ބާއްވައިފި އެވެ.
މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގައި ކުރިއަށް ގެންދިޔަ އެ ފެސްޓިވަލު ހުޅުވައިދެއްވީ ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ، ރިސާޗް އެންޑް އިނޮވޭޝަން ޑރ. މުހައްމަދު އަދީލް އާއި ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓުގެ ޑީން، އަބްދުﷲ ނާފިޒާއި ވިލާ ކޮލެޖުގެ އިސް މުވައްޒަފުންނެވެ.
ތިން ސަތޭކައަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރި އެ ފެސްޓިވަލުގައި ވިލާ ކޮލެޖުގެ އެންޓަޕްރައިޒް ޕްރޮޖެކްޓު އަދި އެޕްލައިޑް މާކެޓިން ޕްރެކްޓިސް ކިޔަވަމުންދާ ދަރިވަރުން ވެސް ބައިވެރިވެ އެކުދިންގެ ތައުލީމީ ތަޖުރިބާ ހިއްސާ ކުރި އެވެ.
ބިޒްނަސް ފެސްޓިވަލަކީ ތަފާތު ވިޔަފާރި ހިޔާލުތަކާއި އަލަށް ފަށާ ވިޔަފާރިތައް އިތުރަށް ކުރިއެރުވުމަށް ފަހިވާ ގޮތަށް އެއްތަނަކުން އިންވެސްޓަރުންނާ ވެސް ބައްދަލުކޮށްލެވޭނެ ގޮތަށް ހިންގާ ހަރަކާތެކެވެ. އެފަދަ ފެސްޓިވަލްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުގައި އާންމުކޮށް ބާއްވާ ހަރަކާތްތަކެއް ނަމަވެސް މިއީ ރާއްޖޭގައި އެފަދަ ފެސްޓިވަލެއް ބޭއްވި ފުރަތަމަ ފަހަރެވެ.
ވިލާ ކޮލެޖުގެ ބިޒްނަސް ސޮސައިޓީގެ ކުލަބުތަކުން ތަފާތު ކުޅިވަރުތަކާއި ކާއެއްޗެހީގެ ސްޓޯލްތައް ވެސް ހިންގި ބިޒްނަސް ފެސްޓިވަލުގައި އެ ކޮލެޖުގެ އެންޓަޕްރައިޒް ޕްރެޖެކްޓުގެ ދަރިވަރުން ވަނީ ތަފާތު އެކި ވިޔަފާރި ހިޔާލުތައް އެ ފެސްޓިވަލުގެ ބައިވެރިންނާ ހިއްސާ ކޮށްފަ އެވެ. އަދި އެޕްލައިޑް މާކެޓިން ދަރިވަރުން ވަނީ އެކުދިންގެ މާލެޓިން ކޮންސެޕްޓުތައް ބައިވެރިންނާ ހިއްސާކޮށްފަ އެވެ.

ބިޒްނަސް ފެސްޓިވަލުގައި ހިންގި ސްޓޯލެއް -- ފޮޓޯ: ވިލާ ކޮލެޖު
ވިލާ ކޮލެޖުގެ ބިޒްނަސް ސޮސައިޓީގެ ރައީސް، މޫސާ މީކާއިލް ވިދާޅުވީ އެ ފެސްޓިވަލަކީ ވިޔަފާރިތައް ފަށަން ބޭނުންވާ ޒުވާނުންނަށް ކުރިއަށް ދިއުމަށް ހުޅުވިގެންދިޔަ ދޮރެއް ކަމަށާއި އެއީ އެފަދަ ހިޔާލުތައް އުފަންކުރުވައި ކުރިއަށް ދިޔުމަށް ދެވޭ އިތުރު ހިތްވަރެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެފަދަ ފެސްޓިވަލުތައް ކުރިއަށް ގެންދިއުމުން ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުދި ވިޔަފާރިތައް އިތުރަށް ފުޅާ ކުރުމަށް ބޭނުންވާ ފަރާތްތަކާ ރަނގަޅު އިންވެސްޓަރުންނާ ދިމާވެ ކުރިއަރަގެންދިއުމުގެ ފުރުސަތު އެތަނުން ފަހިވެގެން ދިޔަ ކަމަށެވެ.
އެ ފެސްޓިވަލް ނިންމުމުގެ ގޮތުން ބޭއްވި ކުޑަ ހަފުލާއެއްގައި ވަނީ އެންމެ މޮޅު ވިޔަފާރި ހިޔާލާއި އެންމެ މޮޅު ހުށަހެޅުންތެރިޔާ އަދި އެންމެ މޮޅު ޕްރޮޑަކްޓު ކޮންސެޕްޓު ހޮވައި އެ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.
އެންޓަޕްރައިޒް ޕުރޮޖެކްޓުގެ ދަރިވަރުން ހުށަހެޅި ވިޔަފާރި ހިޔާލުތަކުގެ ތެރެއިން އެންމެ މޮޅު ހުށަހެޅުންތެރިއަކަށް ހޮވުނީ އިބްރާހިމް ނާއިފެވެ. އަދި އެންމެ މޮޅު ވިޔަފާރި ހިޔާލަކަށް ހޮވުނީ ހުސެއިން މުއާންގެ ހިޔާލެވެ. އެންމެ މޮޅު ޕްރޮޑަކްޓު ކޮންސެޕްޓަކަށް ހޮވުނީ އެޕްލައިޑު މާކެޓިން ޕްރެކްޓިސްގެ ފަސް ދަރިވަރުން ހުށަހެޅި ފޯޗޫން ބައިޓްސް އެވެ.
ވިލާ ކޮލެޖުގެ ބިޒްނަސް ސޮސައިޓީގެ ނައިބު ރައީސް، އަހުމަދު އުވެއިސް މުހައްމަދު ވިދަޅުވީ ފެސްޓިވަލު ރާވައި ހިންގި ގޮތް ވަރަށް ފުރިހަމަ ކަމަށާއި އެފަދަ ފެސްޓިވަލުތައް ކުރިއަށް އޮތް ތަނުގައި ވެސް ހިންގުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

ވިލާ ކޮލެޖުން ކުރިއަށް ގެންދިޔަ ބިޒްނަސް ފެސްޓިވަލް -- ފޮޓޯ: ވިލާ ކޮލެޖު
އަދި އޭނާ ވަނީ އެ ފެސްޓިވަލުގެ ޕާޓުނަރުންގެ ގޮތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށާއި ފެސްޓިވަލް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި ވިލާ ކޮލެޖުގެ ހީވާގި މުވައްޒަފުންނަށް ވެސް ޝުކުރު އަދާ ކުރައްވާފަ އެވެ.
ފެސްޓިވަލް ނިންމާލީ އެތަނަށް ޒިޔާރަތް ކުރި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތަކުންނެވެ. ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް އިނާމެއްގެ ގޮތުގައި ދިނީ ބޮޑީޓެކުން ހަ މަސްދުވަހުގެ ޖިމް މެމްބަރުޝިޕެވެ.











