އިންޑިއަން ޕްރިމިއާ ލީގުގެ ލީގު ބުރުގެ ފަހު މެޗުން ބަލިވެ، ރޯޔަލް ޗެލެންޖާސް ބެންގަލޫރު މުބާރާތުން ކަޓައިފި އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް ލީގުގެ ލީގު ބުރުގެ މެޗުތައް ނިމުނުއިރު ނޮކްއައުޓް ބުރުން ފުރުސަތު ލިބުނީ ގަދަ ހަތަރު ޓީމަށެވެ. ލީގު ބުރުގެ އެއް ވަނަ ގުޖުރާތު ޓައިޓަންސް ހޯދިއިރު، ދެ ވަނަ ހޯދީ ޗެންނާއީ ސުޕަ ކިންގްސް އެވެ. ތިން ވަނަ ލަކްނޯ ސުޕަ ޖަޔަންޓްސް ހޯދިއިރު، ހަތަރު ވަނަ ލިބުނީ މުމްބާއީ އިންޑިއަންސް އަށެވެ. ފަހު މެޗާ ހަމަައަށް ނޮކްއައުޓް ބުރުގެ ފުރުސަތު ފަހިކޮށް އޮތް ބެންގަލޫރު ފަހު މެޗުން ބަލިވެ ދިޔައީ ފަސް ވަނަ އަށެވެ.
ފަހު މެޗުގައި ބެންގަލޫރު ބަލިވީ ގުޖުރާތު އަތުން ހަ ވިކެޓުންނެވެ. މި މެޗުގައި ފުރަތަމަ ކުޅެން އަރައި ބެންގަލޫރުން 20 އޯވަރުގައި ފަސް ކުޅުންތެރިން ނުބައިވެގެން 197 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ، 101 ލަނޑު ހެދި ވިރާތު އެވެ. ވިރާތު ވަނީ އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގައި ވެސް ސެންޗަރީ އެއް ހަދައިފަ އެވެ.

އައިޕީއެލް މެޗެއްގެ ތެރެއިން ވިރާތުގެ ސަޕޯޓަރަކު އޭނާ އަށް ހިތްވަރު ދެނީ.---
ގުޖުރާތުން ކުޅެން އަރައި 19.1 އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 198 ލަނޑު ހަދައި މެޗު ކާމިޔާބުކުރި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 104 ލަނޑު ހެދި ޝުބަމް ގިލް އެވެ.
ބެލްގަލޫރު ފަސް ވަނަ އަށް ވެއްޓުނީ އިއްޔެ މެންދުރު ކުޅުނު މެޗުގައި ސަންރައިޒާސް ހައިދަރުއާބާދު އަތުން މުމްބާއީ މޮޅުވުމުންނެވެ. މުމްބާއީ އެ މެޗު ކާމިޔާބުކުރީ އަށް ވިކެޓުންނެވެ.
މި މެޗުގައި ފުރަތަމަ ކުޅެން އަރާ ހައިދަރުއާބާދު 20 އޯވަރުގައި ފަސް ކުޅުންތެރިން ނުބައިވެގެން 200 ލަނޑު ހެދި އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 46 ބޯޅައިން 83 ލަނޑު ހެދި މަޔަންކް އަގަރްވާލް އާއި 47 ބޯޅައިން 69 ލަނޑު ހެދި ވިވްރާންތު ޝަރުމާ އެވެ. މި އިނިންގްސްގައި މުމްބާއީގެ އާކާޝް މަދްވާލް ހަތަރު ވިކެޓު ނެގި އެވެ.
ޖަވާބުގައި މުމްބާއީ އިން ކުޅެން އަރާ 18 އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން 201 ލަނޑު ހަދާ މެޗު ކާމިޔާބުކުރި އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 100 ލަނޑު ހެދި ކެމެރަން ގްރީން އާއި 56 ލަނޑު ހެދި ކެޕްޓަން ރޯހިތު ޝަރުމާ އެވެ.
އައިޕީއެލްގެ ފުރަތަމަ ސެމީ ފައިނަލްގައި ޗެންނާއީ ނިކުންނާނީ ގުޖުރާތާ ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ފުރުސަތު ލިބޭއިރު ބަލިވާ ޓީމެއް ފަހު ސެމީ ފައިނަލުގައި ނިކުންނާނީ ލަކްނޯ އާއި މުމްބާއީ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.












