ފައިސާގެ ގޮތުން ގެއްލުން ވިޔަސް ބުނަން ބޭނުން އެއްޗެއް ބުނާނެ ކަމަށް ޓްވިޓާގެ ވެރިޔާ، ބިލިއަނަރު އެލޮން މަސްކް ބުނެފި އެވެ.
އޭނާ އެގޮތަށް ބުނީ ޓްވިޓާގައި ފާޅުކުރާ ހިޔާލުތަކަށް ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވާތީ އެވެ. އެންމެ ފަހުން މަސްކަށް ފާޑުކީ އިޒްރޭލުގެ ސަރުކާރުންނެވެ.
ބިލިއަނަރު ޖޯޖް ސޯރޯސްއަކީ "އިންސާނިއްޔަތަށް ނަފުރަތު ކުރާ މީހެއް" ކަމަށް ބުނެ މަސްކް ޓްވީޓް ކުރުމުން، އެއީ ޔަހޫދީންނާ ދެކޮޅު ވިސްނުމެއްގެ ގޮތުގައި ލޭބަލްކޮށް ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ.
ޖޯޖް ސޯރޯސްއަކީ ޔަހޫދީއެކެވެ. އެއީ އޭނާއާ ގުޅޭ ހެއްކެއް ނެތް "ކޮންސްޕިރަސީ" ތިއަރީތަކާ ގުޅުން ހުރި ޓްވީޓެއް ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.
"ކޮންސްޕިރަސީ" ތިއަރީތަކުގައި ބުނަނީ ދުނިޔޭގެ ސިޔާސީ އިގްތިސާދީ ކަންކަމުގައި ސޯރޯސްއަކީ އެންމެ ކުރީގައި އުޅޭ މީހާ ކަމަށާއި ޔޫރަޕްގެ ރެފިއުޖީ ކާރިސާ ފަދަ ކަންކަން އުފެއްދީ އޭނާ ކަމަށެވެ.
ސީއެންބީސީއަށް ދިން އިންޓަވިއުގައި މަސްކް ބުނީ ޔަހޫދީންނާ ދެކޮޅު ވިސްނުމެއް އޭނާ ނުގެންގުޅޭ ކަމަށެވެ.
މިދިޔަ މޭ މަހު ސޯރޯސް ފަންޑް މެނޭޖްމަންޓުން ވަނީ މަސްކްގެ ޓެސްލާ ކުންފުނީގައި އޮތް ހިއްސާތައް މަދުކޮށްފަ އެވެ.










