އޭޕްރީލް 6, 2019
އެއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ފާހަގަކޮށްލެވޭ ދުވަހެކެވެ. މަޖިލިސް އިންތިހާބުގައި 87 ގޮނޑިއަށް ވާދަކޮށް ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން 65 ގޮނޑި ކާމިޔާބު ކުރި އެވެ. ސުޕަމެޖޯރިޓީ ކަށަވަރުކޮށް އިދިކޮޅުގެ އަޑު އެއްކޮށް ފަނޑުކޮށްލި އެވެ. އެއަށްފަހު, މާފުށީ ޖަލުން ޕާޓީ ހިންގަން އޮޕޮޒިޝަން ލީޑަރު ގަސްތު ކުރެއްވުމާ އެކު ސިޔާސީ މައިދާން މުޅީންހެން ހަމަހިމޭންވެ އިދިކޮޅުގެ އަޑު އެއްކޮށް ކެނޑުނެވެ.
ކަން މިހެން އޮއްވައި ކިރިޔާ ވެސް ސަރުކާރަށް ގުޑުންތަކެއް އަރާން ފެށީ ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ އަޒުމުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ފެއްޓެވި ހިސާބުންނެވެ. ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ދެކޮޅަށް ފާޅުގައި ބަސް ވިދާޅުވާން ފެއްޓެވި އެވެ. ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސް ކަމުގައި ހުންނެވި ނަމަވެސް އެމަނިކުފާނު އަމަލުކުރައްވަމުން ގެންދެވީ އިދިކޮޅަށް ފަހިވާ ގޮތަށެވެ.
ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އިދިކޮޅުގެ އަޑު އިއްވުމަށް މަގުފަހި ކޮށްދެއްވި އެވެ. ގަރާރުތަކާއި ކުއްލި މައްސަލަތަކުން މަޖިލީހުގެ އެޖެންޑާ ފުރާލުމަށް ފުރުސަތު ދެއްވައި މަޖިލިސް އިދާރާގެ ވަލު ދޮރާށި އިދިކޮޅަށް ހުޅުވާލަދެއްވި އެވެ.
އެހެން ނަމަވެސް, އެވަރުން ވެސް އިދިކޮޅަށް ސަރުކާރަށް ޗެލެންޖެއް ދެވިފައެއް ނުވެ އެވެ. އެއާއެކު، ރިޔާސީ ޕްރައިމަރީގެ ހޫނުގައި އެންމެ ފަހުން ވަކި ފެކްޝަނެއް ހައްދަވައި "އެމްޑީޕީ އަނބުރާ ހޯދުމުގެ" މަސައްކަތް ސީދާ ރައީސް ނަޝީދު ފެއްޓެވި އެވެ. އިންތިހާބުން ނާކާމިޔާބުވެ، ހިންގަވަން އުޅުނު މަގު ބަންދުވުމާއެކު އެންމެފަހުން ދެން އެމަނިކުފާނު އިހުތިޔާރު ކުރައްވަން ޖެހިވަޑައިގަތީ އެހެން ގޮތެކެވެ.
ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް، ހަރުދަނާ އޮޕޮޒިޝަނެއް ނެތް ދަނޑިވަޅެއްގައި، ނަޝީދު ކޮށްޓަވަން އެ ފެއްޓެވީ މި ސަރުކާރަށް އެންމެ ބޮޑަށް ޕްރެޝަރު ކުރެވޭނެ މަގެވެ. ސިޔާސީ ކަސްތޮޅުން ނެއްޓި އެމަނިކުފާނުގެ އަރިސް ބޭފުޅުން އިއްޔެ އިއުލާނު ކުރެއްވި "ފިކުރެއްގެ ދިރުން" ޕާޓީއަކީ އަނެއްކާ ވެސް އޮޕޮޒިޝަން ލީޑަރެއްގެ މަގާމަށް ނަޝީދު ކޮށްޓެވި މަގެކެވެ.
ނަޝީދު އެކަހެރިކޮށް އަސާސްތައް ދޫކޮށްލި
ނަޝީދު އެމްޑީޕީން ވަކިނުވި ނަމަވެސް އެމަނިކުފާނު ގަބޫލުކުރެއްވި އަސާސްތަކެއް މިއަދު އެ ޕާޓީގައި ނުހިނގާ ކަމަށް ފިކުރެއްގެ ދިރުމުން ތުހުމަތު ކުރެ އެވެ. ބާރުގަދަ ބަޔަކު އެމްޑީޕީ "ހައިޖެކުކޮށް ޕާޓީއަށް ވެރިވެގެންފައި" ވުމަކީ "ފިކުރެއްގެ ދިރުން" އުފަން ކުރުވި ސަބަބުކަމަށް އިއްޔެގެ ނޫސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވިދާޅުވި އެވެ.
"އެމްޑީޕީ މެމްބަރުން އެމްޑީޕީއާ އެކު މިއޮށް ހުރިހާ ދުވަހު ތިބީ އެމްޑީޕީގެ އަސާސްތަކެއް ގަބޫލުކޮށް. އެއީ ހެޔޮވެރިކަމުގެ އަސާސާއި, ވައްކަމާއި ދެކޮޅަށް މަސައްކަތް ކުރާނެ ޕާޓީއެއްގެ ގޮތުގައި ގަބޫލުކޮށް, އިންސާނީ ހައްގުތަކާއި, ނޫސްވެރިކަމުގެ މިނިވަންކަމާއި, ދެފުށް ފެންނަ ހާމަކަން ބޮޑު ތެދުވެރި އިހުލާސްތެރި ވެރިކަމެއް ކުރުމުގެ އުންމީދުތަކާއި, އަސާސްތަކާ އެކު," އެމްޑީޕީގެ ޓިކެޓުގައި ތިން ދައުރު މަޖިލީހަށް އިންތިހާބުވި އީވާ, އެ ޕާޓީ ދޫކުރި ސަބަބުތަކާއި ގުޅޭގޮތުން ވިދާޅުވި އެވެ.
މިއަދުގެ އެމްޑީޕީއަކީ އެ އަސާސްތަކުގެ ޕާޓީއެއް ނޫން ކަމަށް ވިދާޅުވެ އީވާ އެމްޑީޕީ ސިފަކުރެއްވީ "ވައްކަމުގެ ހާއްޔެއް" ގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އަސާސްތައް ދަމަހައްޓައި ނަގަހައްޓަން "ފިކުރެއްގެ ދިރުން" ޕާޓީ އުފައްދަން މަޖުބޫރުވީ އެވެ.
އެ ޕާޓީ ވުޖޫދުވި ދެ ވަނަ ސަބަބަކީ އެމްޑީޕީގެ ތެރޭގައި ނަޝީދު އެކަހެރިވުމެވެ. ދެ ރައީސުންގެ ދެމެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު އުފަންވި ދެ ފެކްޝަނުން އެމްޑީޕީގެ ކޮންޓްރޯލް ހޯދުމަށް ވާދަކޮށް ތަކުރާރުކޮށް ކުރި ހޯއްދެވީ ރައީސް ސޯލިހުގެ ފެކްޝަނެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމައި, ޕާޓީގެ އިދާރީ މަގާމުތަކުގެ އިތުރުން އެ ޕާޓީގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަމުގައި ވެސް ކުރި ހޯއްދެވީ އެމަނިކުފާނެވެ.
އޭގެ ސަބަބުން, ނަޝީދަށް އެމްޑީޕީގެ ތެރެއިން ސިޔާސީ ހަރަކާތްތައް އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ ގޮތަށް ކުރިއަށްގެންދިޔުމަށް ހުރަސްތައް ކުރިމަތިވި އެވެ. ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ދެކެނީ އެއީ "އެކަހެރިކުރުން" ކަމަށެވެ.
"އެ ރައީސް [ނަޝީދު] އެއްފަރާތް ކުރައްވަމުން, އެއްފަރާތް ކުރައްވަމުން އެ ފެއްޓެވި މަސައްކަތްތައް ތަކުރާރުކޮށް ނުކުރުމަށް, މި ޕާޓީއަށޭ ގެއްލުން ވަނީ, ރައީސް ނަޝީދަކަށް ނޫނޭ ގެއްލުންވަނީ. އަޅުގަނޑުމެން އެންމެންނަށޭ ތީގެއިން ގެއްލުން ވަނީ. ތަކުރާރުކޮށް. އެހެން ނަމަވެސް އެކަން ކުރައްވަމުން ގެންދެވީ," އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި އިއްޔެއާ ހަމައަށް ހުންނެވި މުހައްމަދު ޝިފާޒް ވިދާޅުވި އެވެ.
ނަޝީދު "މަރުގެ ތުންފަތް މައްޗަށް" ގެންދިޔުމުން ވެސް އެކީގައި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރި ކަމަށް ޝިފާޒް އިއްޔެ ވިދާޅުވި އެވެ. އެ ހަމަލާއަށް އިންސާފު ނުލިބުމަކީ ވެސް "ފިކުރެއްގެ ދިރުން" ގެ ބޮޑު ޝަކުވާއެކެވެ.
"އެމްޑީޕީއާ އެކު އިތުރަށް ކުރިއަށްދިޔުމުގެ ބޭނުމެއް ނެތް ކަމަށް އަޅުގަނޑުމެންނަށް ފެންނާތީ އެމްޑީޕީން ވަކިވާން ނިންމީ..... މި ވެރިކަން ފެށުމާ އެކު އަޅުގަނޑުމެން ބާކީ ކުރަމުންދިޔައީ. ހާއްސަ ގޮތެއްގައި އެމްޑީޕީގެ ރައީސް ބާކީކުރަމުން, އެމްޑީޕީގެ ރައީސްގެ މަޝްވަރާއެއް އެއްގޮތަކަށް ވެސް ނުހޯއްދަވާ... ބަޔަކު މި ޕާޓީއަށް ވެރިވެގަތުމަށް ކުރި މަސައްކަތުގެ ތެރޭގައި," މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވި އެވެ.
"އުންމީދު ބޮޑު، މައުމޫނަށް ވީ ގޮތް ނުވާނެ"
ސެޕްޓެމްބަރުގެ އިންތިހާބަށް "ފިކުރެއްގެ ދިރުން" ގެ ކެންޑިޑޭޓެއް ނުކުންނާނެ އެވެ. އަދި އެއީ ކޮން ބޭފުޅެއްކަން ނޭނގުނު ނަމަވެސް އެއީ ރައީސް މުހައްމަދު ނަޝީދަށް ވުމުގެ ފުރުސަތު އެބައޮތެވެ. އެމަނިކުފާނު އެމްޑީޕީގައި މިވަގުތު ހުންނެވިޔަސް ކުރު ރާސްތާގައި އެމަނިކުފާނުގެ ސިޔާސީ ކުރިމަގު އެ ޕާޓީއަކުން ނުފެނެ އެވެ.
"ރިޔާސީ އިންތިހާބުގައި މި ފިކުރެއްގެ ދިރުމުގެ ނަމުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓަކު ހުންނާނެ. އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން އެދޭ އެދުމަކީ ތިޔަ ބޭފުޅުންގެ ހިތްވަރުގެ އުންމީދުގައޭ އަޅުގަނޑުމެން ނުކުންނަނީ," ގްރާސްރޫޓުން އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އިއްޔެ އިއުލާނު ކުރެއްވި އެވެ.
"ފިކުރެއްގެ ދިރުން" ލީޑާޝިޕް އޮތީ އުންމީދުގަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަދި އޭގެ ފަހުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެއްލި ސިޔާސީ ވިނދުން ފަނޑުވިކަން ތާރީހުން އެ އޮތީ ފެންނާށެވެ.
"އަޅުގަނޑުމެންނަކީ ފިކުރެއްގެ މައްޗަށް ބިނާވެގެން އުފެދޭ ޕާޓީއެއް. މި ޕާޓީ އަބަދުވެސް މަސައްކަތް ކުރާނީ ފިކުރެއް ދިރުވުމަށް, އޭގެ އަަސާސްތަކުގެ މައްޗަށް. ވަކި މީހެއް ވަށާ އެ މީހެއް ދިރުވާކަށެއް ނޫން. އެ އަސާސްތަކަށް މަސައްކަތް ކުރާނަމަ އަޅުގަނޑުމެންނަށް އެ މައްސަލައެއް [މައުމޫނަށް ދިމާވި ގޮތް] ނުޖެހޭނެ," އާ ޕާޓީ ތަފާތުވާ ގޮތާއި ގުޅޭގޮތުން އޭނާ ވިދާޅުވި އެވެ.
އެ ދަތުރު ނަޝީދު ކުރައްވާނެ ކަމަކަށް އާ އިދިކޮޅު ހަރަކާތުން ގަބޫލުނުކުރެ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނުގެ ސިޔާސީ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ ބޭފުޅުން ގަބޫލުކުރެ އެވެ.
"އަޅުގަނޑުމެންގެ ކަމަކީ ސިޔާސަތު, އެއީ ރައްޔިތުން ބޭނުންވާ ކަންތައްތައް. އެ ކަންތައްތައް ކުރުމަށް ބޭނުންވާ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ވެސް އެބަ ތިއްބެވި. އަދި ސަރުކާރުގެ ތެރޭގައި ވެސް އެބަ ތިއްބެވި. އެ ބޭފުޅުން, އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ވަގުތަކު ނިކުމެވަޑައިގެން އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާނެ," އެފަދަ މީހުންނަށް މަރުހަބާ ކިޔާނެކަން ހާމަކުރަމުން އިލްޔާސް ހާމަކުރެއްވި އެވެ.
އެމްޑީޕީއަށް ޗެލެންޖަކަށް ވާނެބާ؟
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން "ފިކުރެއްގެ ދިރުން" ޕާޓީ މަސައްކަތްތައް ފަށާ ހިސާބުން ސަރުކާރަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެ އެވެ. އެ ޕާޓީގެ ލީޑާޝިޕުގައި ތިއްބެވި އިދިކޮޅު ރޯލު އަދާކުރެއްުމުގައި ޓްރެކް ރެކޯޑު އޮތް ބޭފުޅުންނެވެ. ގިނަ އަހަރުތަކެއް ވަންދެން މަޖިލީހުގައި ތިއްބެވި ތަޖުރިބާކާރުންނެވެ.
ގިނަ ދުވަސްތަކެއް ވަންދެން އިދިކޮޅު ކިއްލާއެއްގެ ގޮތުގައި އޮތް ގުރައިދޫ ދާއިރާވެސް ރީނދޫކޮށް އެމްޑީޕީން 68 މެމްބަރުން ހަމަކުރި އެވެ. އެހެން ނަމަވެސް, "ނަޝީދުގެ 12" ވަކިވުމާއި މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް ވަކިކުރުމުން އެ އަދަދު ވަނީ 55 އަށް ވެއްޓިފަ އެވެ. އޭގެ ތެރޭގައި ރިޔާސަތުގައި އިންނަވާ ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ.
ރައީސްއަށް ތާއީދުކުރާ މެންބަރުންގެ އަދަދަކީ 54 އެވެ. މިއީ ގާނޫނު އަސާސީ ބަދަލުކުރުން ފިޔަވައި އެހެން ހުރިހާ ކަމަކަށް ފުދޭ އަދަދެކެވެ. ރިޔާސަތުން އީވާ ވަކިކުރުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާއިރު އެ މަގާމުން ނަޝީދު ވަކިކުރުމުގެ ފުރުސަތު ވެސް އެމްޑީޕީއަށް އެބައޮތެވެ. އެ ޕާޓީން އެކަމުގައި އަމަލުކުރާނެ ގޮތެއް އަދި ހާމަނުކުރެ އެވެ.
ރިޔާސަތުން ނަޝީދު ވަކިކުރުން ވެގެންދާނީ އެމްޑީޕީއަށް އުނދަގޫ ނިންމުމަކަށެވެ. އެ ނިންމުމާ އެކު ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވާނޭ ވަރުގަދަ އިދިކޮޅެއް އުފަންވާނެ ކަމަށް ބެލެވެ އެވެ. "ފިކުރެއްގެ ދިރުން" ޕާޓީގެ ފުރަތަމަ ޕްރެސްގައި ނަޝީދު ނެތް ނަމަވެސް, އެއީ އެމަނިކުފާނުގެ ސިޔާސަތުތަކަށް ތާއިދުކުރާ އެމަނިކުފާނުގެ ވަފާތެރިންގެ ޕާޓީއެކެވެ.
އެއީ, ހަރުދަނާ އޮޕޮޒިޝަނަކަށް ބަދަލުވެ އެމްޑީޕީގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވައި ސަރުކާރަށް އިދިކޮޅު ސިޔާސީ މަސައްކަތް ފުޅާކުރައްވަން ނަޝީދު ހައްދަވާ ޕްލެޓްފޯމެކެވެ. އެމަނިކުފާނަކީ އިންތިޒާމުވެ ސިޔާސީ ހަރަކާތްތައް ހިންގުމުގައި އަދިވެސް ވަރުގަދަ ޝަހްސިއްޔަތެކެވެ. މަގުމަތީ ހަރަކާތްތަކަށް ގަދަ ބޭފުޅެކެވެ. އެމްޑީޕީގެ ބަލިފައިތައް ދަންނާނެ ބޭފުޅެކެވެ.
"އިއްތިހާދުވާން ޖެހޭ ސިޔާސީ ޕާޓީއަކާ އެކު އިއްތިހާދުވާން ޖެހޭ ހާލަތެއްގައި އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ އިއްތިހާދުވާނަން," ގުޅިފައިވާ އޮޕޮޒިޝަނެއް ފެނިދާނެ ކަމުގެ އިޝާރާތެއް އީވާ ދެއްވި އެވެ
ޔަގީނުންވެސް, ނަޝީދު އޮޕޮޒިޝަން ލީޑަރެއްގެ ގޮތުގައި ހުންނެވުމަކީ ސަރުކާރަށް ޗެލެންޖަކަށް ވާނެ އެވެ. ރިޔާސީ އިންތިހާބަށް ވެސް އެމަނިކުފާނު ނުފޫޒު އެއާއެކު ގަދަވެގެންދާނެ އެވެ. މިވަގުތު "ފިކުރެއްގެ ދިރުން" އާއެކު އެއްވެސް ޕާޓީއަކުން ކޯލިޝަން ހަދާފައި ނުވި ނަމަވެސް، އެ ޕާޓީން ކުރާން ޖެހުނު ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އިއްޔެ ވަނީ ދީފަ އެވެ.












