ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅެމުން އަންނަ 17 އަހަރުގެ ފޯވާޑް، ޝަނާން ރަޝާދު، އަންނަ މަހު އިންޑިއާގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ނެގި ޕްރިލިމިނަރީ ސްކޮޑުން ފުރުސަތު ހޯދައިފި އެވެ.
އެފްއޭއެމް އިން މިއަދު އާންމުކުރި ސާފް ޗެމްޕިއަންޝިޕްގެ ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި 40 ކުޅުންތެރިން ހިމެނެ އެވެ. މީގެ ތެރެއިން ބަލާއިރު، މުޅިން އަލަށް ސްކޮޑުގައި ހިމެނުނީ ޝަނާން އާއި ބުރު ސްޕޯޓްސް ކްލަބްގެ ފުލްބެކް، އިބްރާހިމް އުސާމާ, ފާރޫގު އިސްމާއިލް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ އަހުމަދު އައިހަމް އާއި މުހައްމަދު ނިޒާމް (ޕީކޭ) އެވެ. މުޅި ސްކޮޑަށް ބަލާއިރު، އެންމެ ޒުވާން ކުޅުންތެރިއަކީ ޝަނާން އެވެ.
މިއީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފޯވާޑް، ޝަނާން އަށް ކެރިއަރުގައި ކުރިއަށްދާން ލިބުނު ބޮޑު ފުރުސަތެކެވެ. ފުރަތަމަ ޑިވިޝަނުގައި ދެ މެޗެއް ކުޅުމަށް ފަހު، ކ. ގާފަރަށް އުފަން ޝަނާން އަށް ގައުމީ ސްކޮޑުން ފުރުސަތު ލިބިގެންދިޔައިރު، އޭނާ ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނިގެން ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ސްޓްރައިކަރެއްގެ ރޯލުގައި ތަފާތު މޮޅަށް ކުޅޭ ޝަނާން، ފުރަތަމަ ޑިވިޝަނުގައި ކުޅުނު ދެ މެޗަކީ، މި ފަހަރުގެ ލީގުގައި މާޒިޔާ ސްޕޯޓްސް އެންްޑް ރެކްރިއޭޝަނާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ގަލޮޅު ދަނޑަށް ސީނިއާ ބޮޑު މެޗަކަށް ނުކުމެ، ޝަނާން ވަނީ މާޒިޔާ ކޮޅަށް މޮޅު ގޯލެއް ޖަހައިފަ އެވެ.
އަންނަ މަހު 27 ވަނަ ދުވަހު 18 އަހަރު ފުރޭ ހުނަރުވެރި ކުޅުންތެރިޔާ، ޝަނާންއާ ބެހޭ ގޮތުން ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނީ ޝަނާން އަކީ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ނަގަން ބޭއްވި ޓްރަޔަލުން ފެނުނު ކުޅުންތެރިއެއް ކަމަށެވެ. އެއީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވި ޓްރަޔަލްގަ އެވެ.
"ރާއްޖޭގައި މި މަދުވެގެން އުޅެނީ ސްޓްރައިކަރުން. ވިންގުން މި ގިނައިން ފެންނަނީ، ޝަނާން އަކީ ބޮކްސް ސްޓްރައިކަރަކަށް މޮޅަށް ކުޅެވޭނެ ކުޅުންތެރިއެއް. އެހެންވެ، އެއީ މުސްތަގުބަލުގައި ސީނިއާ ލެވަލްގައި ވަރަށް ބޮޑަށް ބޭނުންހިފޭނެ ކުޅުންތެރިއެއް ގޮތުގައި ފެންނަނީ. ޑިސިޕްލިން އެބަހުރި، މިހާރު އެ މަސައްކަތް ކުރާގޮތަށް ކުރިއަށް ގޮސްފިނަމަ ވަރަށް އިމްޕްރޫވް ކުރެވޭނެ ޕްލޭޔަރެއް،" ޝަނާން އަށް އިރުޝާދުދިނުމުގައި ގައުމީ ޓީމާއި ކްލަބް ލެވަލްގައި މަސައްކަތްކުރާ ކާމިޔާބު ޔޫތު ކޯޗު، ޝާކިއްޓެ، "އަދަދު" އަށް ބުންޏެވެ.
ޝަނާން ހުރީ ލިބުނު ފުރުސަތުގެ ބޭނުންހިފައި ކުރިއަށްދިއުމުގެ އަޒުމުގަ އެވެ.
ގައުމީ ސްކޮޑުގައި ނެތް ސީނިއާ ކުޅުންތެރިންނަށް ބަލާއިރު، ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އާއި މިދިޔަ އަހަރު ކަކުލުގެ އޮޕަރޭޝަނެއް ކޮށްގެން ފިޓްވާން މަސައްކަތް ކުރަމުން އަންނަ އަކުރަމް އަބްދުލް ގަނީ (އަކޫ) ހިމެނެ އެވެ.
އަކޫ އަކީ 2018 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ޓީމުގެ ކެޕްޓަން އެވެ. އަދި އެންމެ ފަހުން 2021 ވަނަ އަހަރު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު، ޓީމު ލީޑުކުރީ ވެސް އަކޫ އެވެ. އަކޫ މި ސީޒަނުގައި ފެންނާނީ ދެ ވަނަ ޑިވިޝަނުގައި ކުޅޭ ވިކްޓަރީ ސްޕޯޓްސް ކްލަބުންނެވެ.
އެންމެ ފަހުން ގައުމީ ޓީމުން ކުޅުނު މެޗުތަކުގައި ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ މާޒިޔާގެ ޑިފެންޑަރު، ސަމޫހު އަލީ (ސަމުއްޓެ) އެވެ. ފީފާ އެވޯޑްގައި ވެސް ގައުމީ ކެޕްޓަނެއްގެ ހައިސިއްޔަތުން ވޯޓުލާފައިވަނީ ސަމުއްޓެ އެވެ.
ސާފް ޗެމްޕިއަންޝިޕަށް ނެގި ޕްރިލިމިނަރީ ސްކޮޑު:
މާޒިޔާ؛
ސަމޫހު އަލީ (ސަަމުއްޓެ)، އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު (ކުރޯ)، އިބްރާހިމް އައިސަމް، ހައިޝަމް ހަސަން (ބިޑި)، ހަސަން ރާއިފް (ހަންނަ)، ހުސެއިން ނިހާން (ނިހާޓް)، ހަސަން ޝިފާޒް (ޑުންގާ)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް (ހުސެން)، ނާއިޒް ހަސަން (ދާދު)، މުހައްމަދު އިރުފާން (އިރޭ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ފައިސަލް، ހަސަން ނަޒީމް ގާސިމް (ޗޯޓު)
އީގަލްސް:
މުހައްމަދު ޝަފީއު (ޗެކް)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، ނިޝާމް މުހައްމަދު ރަަޝީދު (ޕޮގްބާ)، އަހުމަދު ހަަސަން (އަންމަޑޭ)، ހުމެއިދު ހުސެއިން، އަހުމަދު ރިޒުވާން (ރިޒޭ)
ސުޕަ ޔުނައިޓެޑް ސްޕޯޓްސް:
މުހައްމަދު ސަހާއު (ބޭލް)، އަހުމަދު އައިހަމް (އައިހު)، މުހައްމަދު ނިޒާމް (ޕީކޭ)، ވިޝާހު އަބްދުލް މަޖީދު (ވިއްޓު)، އަހުނަފް ރަޝީދު (އަހުއްކޮ)
ބުރު ސްޕޯޓްސް ކްލަބް
އިބްރާހިމް އުސާމާ، މުހައްމަދު ނާއިމް، ޝައިހާން އަލީ، މުހައްމަދު ސާއިފް، ފާރޫގު އިސްމާއިލް
ޔުނައިޓެޑް ވިކްޓަރީ
އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، އަލީ ނާޖިހު (ނާޖީ)، ޝިފާން ހަސަން (ޝިފާންޓެ)، ޝަނާން ރަޝާދު
ގްރީން ސްޓްރީޓްސް
އަންސަރު އިބްރާހިމް، މުހައްމަދު ޖައިލަމް (އޮގީ)
ވެލެންސިއާ
އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އަބްދުﷲ ޔާމީން (ޔާނު)
ޓީސީ
އަހުމަދު މާއިޝް ރަޝީދު (މާއި)












