އަންނަ ޖުލައި މަހު ރާއްޖޭގައި އޮންނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ރާއްޖޭގެ ސާފިން ޓީމަށް ގިނަ މެޑަލްތަކެއް ލިބުމުގެ ފުރުސަތު ބޮޑުކަމަށް ގައުމީ ސާފިން ޓީމުގެ ކޯޗު ކްލައުޑް މާޓިން ބުނެފި އެވެ.
މާޓިން މިހެން ބުނެފައިވަނީ ދެ ވަނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗް ކުރުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ. އަންނަ ޖުލައި މަހުގެ 8-17 އަށް ކ. ތުލުސްދޫގައި އޮންނަ މުބާރާތުގައި އޭޝިއާގެ އެކި ގައުމުތަކުން 200 އެއްހާ ސާފަރުން ވާދަކުރާނެ ކަމަށް ބެލެވެ އެވެ.
ގައުމީ ޓީމުގެ ކޯޗު މާޓީން ބުނީ ރާއްޖޭގައި މި ވަގުތު އޮތް ފިރިހެން ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމުގައި ތިބި ކޮންމެ ސާފަރަކަށް މެޑަލް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން، ތައްޔާރީތައްވެސް ކުރިއަށް މިގެންދަނީ މެޑަލްއަށް ޓާގެޓްކޮށްގެންކަމަށް އޭނާ ބުންޏެވެ.
"އަހަރެމެންގެ ސީނިއާ ޓީމް ވަރަށް ވަރުގަދަ. އަހަރުމެންނަށް ވަރަށް ޗާންސް ބޮޑުކަމަށް މި ބަލަނީ މެޑަލްތަކެއް ހޯދުމަށް. އޯޕަން ފިރިހެން އަދި ޓީމް މެޑަލް އެއް ހޯދުމުގެ ފުރުސަތު ވަރަށް ބޮޑު. އެއީ ޓާގެޓަކީ. އެކަމަށް ވަރަށް ބޮޑަށް ޓާގެޓްކޮށްގެން މި މަސައްކަތްކުރަނީ." މާޓިން ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އައްމަޑޭ ވާހަކަ ދައްކަނީ.---
މި މުބާރާތާ ގުޅޭގޮތުން މިދިޔަ އަހަރުގެ އެންމެ މޮޅު ސާފަރުގެ މަގާމް ހޯދި އަހުމަދު އާގިލް (އައްމަޑޭ) ބުނީ ރާއްޖެއިން ބޭރުގެ ގިނަ މުބާރާތްތަކުގައި އާންމުކޮށް ރާޅާ އަޅަނީ ބީޗު ބްރޭކްތަކުގައި ކަމަށާއި، އެހެންކަމުން އެ މުބާރާތްތަކުން ވަނަ ހޯދުމުގައި ދިވެހި އެތުލީޓުންނަށް އުނދަގޫތަކެއް ހުންނަ ކަމަށެވެ. ނަމަވެސް މި ފަހަރު ދިވެހިންނަށް ފަރިތަ ރީފް ބްރޭކުގައި އަޅާލަން ލިބުމަކީ ދިވެހި އެތުލީޓުންނަށް އެޑްވާންޓޭޖަކަށްވާނެ ކަމަށް އައްމަޑޭ ބުންޏެވެ.
"ވަރަށް ބޮޑު އެޑްވާންޓޭޖެއް އަސްލު. އެއީ ރާއްޖެއިން ބޭރުގައި ގިނައިން މި ހުންނަނީ ބީޗް ބްރޭކް. ރާއްޖޭގައި ބީޗް ބްރޭކްސް ނުހުންނާތީ އުނދަގޫތަކެއް ހުރޭ އެކޮޅުގައި ވާދަކުރަން. އެކަމަކު ރީފް ބްރޭކަށް އަހަރުމެން ފަރިތަވާނެ. އެހެންވީމަ ހުރިހާ ދިވެހިންނަށްވެސް މިއީ ވަރަށް ބޮޑު އެޑްވާންޓޭޖެއް އެއީ." މިދިޔަ އަހަރު ގައުމީ ސާފް ލީގުގެ އެއް ވަނަ ހޯދީ އައްމަޑޭ ބުންޏެވެ.
ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ ހުސައިން އަރީފް (އިބޫ) ބުނީ ދިވެހިންގެ ސަޕޯޓާ އެކު މި މުބާރާތުން ރަނގަޅު ކާމިޔާބެއް ލިބޭނެކަމުގެ އިތުބާރު އެބައޮތް ކަމަށެވެ. އަދި މިއީ އެ އެތުލީޓުން ފަރިތަ ރާޅުތަކުގައި އަޅައި އަނެއްކާ ވެސް ސާފިން އިން ބައިނަލްއަގްވާމީ ވަނައެއް ހޯދަން ލިބޭނެ ރަނުގެ ފުރުސަތެއްކަމަށް އިބޫ ބުންޏެވެ.
"ދިވެހިންނަށް، ޓީމްގަ ތިބި ކުދިންނަށްވެސް މިއީ(މުބާރާތް ރާއްޖޭގައި ބޭއްވުމަކީ) ވަރަށް ބޮޑު އެޑްވާންޓޭޖެއް. ހާއްސަކޮށް އައްމަޑޭއަށް. އޭނާގެ ރަށުގައި މި މުބާރާތް މިއޮތީ. ވަރަށް ބޮޑު އުއްމީދެއް އެބައޮތް މުބާރާތުގައި ރަނގަޅު ހިސާބަކަށް ދެވޭނެކަމުގައި." 2018 ވަނަ އަހަރު ޖަޕާނުގައި އޮތް އޭޝިއަން ޗެމްޕިއަންޝިޕުން ތިންވަނަ ހޯދި އިބޫ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިބޫ ވާހަކަ ދައްކަނީ.---
ކ. ތުލުސްދޫގައި މި މުބާރާތް ބޭއްވުމަށް ނިންމި ސަބަބާ ގުޅޭގޮތުން ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހު (ޗޭ) ވިދާޅުވީ ބައިވެރިވާ އެތުލީޓުން އެ ރަށަށް ދިޔުމަށް ކުރަން ޖެހޭ ހަރަދާއި، އެ ކުޅުންތެރިންގެ ހުރުމުގެ ކަންތައްތަކާއި ރާޅުގެ ކަންޑިޝަންއަށް ބަލާއިރު މާލެއާ ކައިރި ރާޅު ޕޮއިންޓްތަކަށްވުރެ ތުލުސްދޫ ރަނގަޅުވާނެކަމަށް ފެންނާތީކަމަށެވެ.
"މީގެ ކުރިން މާލެއަށް ހަމައެކަނި ޓާގެޓްކުރެވިފައި އޮތް ސާފިން މިހާރު އެހެން ރަށް ރަށަށް ގެންދެވިއްޖެ. ދިވެހި ސާފަރުން އެންމެ ފަރިތަ ރާޅުތައް މާލެ ކައިރީގައި މިހިރަ ރާޅު ޕޮއިންޓްތަކަކީ. އެކަމަކު ތުލުސްދޫ އަށް މި މުބާރާތް ގެންދަން ނިންމީ ބައިވަރު ކަންތައްތަކަކަށް ބަލާފައި. މިގޮތުން ބައިވެރިވާ އެތުލީޓުންނަށް ކުރަން ޖެހޭ ހަރަދަށްވެސް ބަލަން ޖެހޭ. ހަރަދު ބޮޑުވަންޏާ އެތުލީޓުން ބައިވެރިވާ އަދަދު މަދުވެދާނެ. ގާތް ގަނޑަކަށް 200 ވަރަކަށް އެތުލީޓުން އަންނާނެކަމަށް މި ލަފާ ކުރަނީ. އެހެންވީމަ އެބަ ބަލަންޖެހޭ އެވަރުގެ އަދަދެއް އެކޮމެޑޭޓްކުރެވޭނެ ތަނެއްވެސް." ޗޭ ވިދާޅުވި އެވެ.
މި އަހަރުގެ އޭޝިއަން ސާފިން މުބާރާތުގައި ޝޯޓްބޯޑް ފިރިހެން އަދި އަންހެން ޑިވިޝަންގެ އިތުރުން ޖޫނިއާ ޑިވިޝަން ވެސް ކުރިއަށް ގެންދާނެ އެވެ. ފިރިހެން އޯޕަން ޑިވިޝަނާއި ފިރިހެން ޖޫނިއާ ޑިވިޝަނުގައި ރާއްޖެއިން ވާދަކުރެ އެވެ.
ފިރިހެން އޯޕަން ޑިވިޝަނުގައި ދިވެހި އަށް އެތުލީޓުން ވާދަކުރާއިރު އޭގެ ތެރެއިން ހަ ޖާގަ ލިބޭނީ ގައުމީ ސްކޮޑުގެ ހަ އެތުލީޓުންނަށެވެ. އަނެއް ދެ ޖާގަ ލިބޭނީ ވައިލްޑްކާޑު އުސޫލުން ތުލުސްދޫގެ ދެ ރާޅާ އެޅުންތެރިއަކަށެވެ.
ޖޫނިއާ ބައިގައި ރާއްޖެއިން ވާދަކުރާނީ ގައުމީ ސްކޮޑުގައި ހިމެނޭ 12 އެތުލީޓުންގެ ތެރެއިން ހަ އެތުލީޓުންނެވެ.












