ކުޑަކުދިންނަށް ބޭނުންވާ ބޭހުގެ ދަތިކަން ކުރިމަތިވަމުންދާ ކަމަށް ބުނެ ޔޫރަޕް ގައުމުތަކުގެ ކުޑަކުދިންގެ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހެލްތު މިނިސްޓަރުންނަށް ފޮނުވި ސިޓީއެއްގައި ޑޮކްޓަރުން ބުނީ ކުޑަކުދިންގެ އެންޓިބަޔޮޓިކްސް އަދި އެސްމާއަށް ދޭ ބޭހުގެ ދަތިކަން އެބަ އޮތް ކަމަށެވެ.
"ޔޫރަޕުގައި ބޭހުގެ ދަތިކަން އޮތުމުގެ ސަބަބުން އަޅުގަނޑުމެންގެ ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންގެ ސިއްހަަތު އޮތީ ނުރައްކަލަށް ހުށަހެޅިފައި،" އެ ސިޓީގައި ބުންޏެވެ.

އެ ސިޓީ ފޮނުވީ އޮސްޓްރިއާ، ފްރާންސް، ޖަރުމަނު، އިޓަލީ އަދި ސްވިޓްޒަލޭންޑްގެ ހެލްތު މިނިސްޓަރުންނަށެވެ.
ސިޓީގައި ސޮއިކުރީ ފްރާންސްގެ ކުޑަކުދިންގެ ޑޮކްޓަރުންގެ ޖަމިއްޔާގެ ރައީސް އެންޑްރިއަސް ވާނާ، ޖަރުމަަނުގެ ކުޑަކުދިންގެ ޑޮކްޓަރުންގެ ޖަމިއްޔާގެ ރައީސް ތޯމަސް ފިޝްބެކް އަދި ޔޫރަޕިއަން ކޮންފެޑެރޭޝަން އޮފް ޕްރައިމެރީ ކެއާ ޕީޑިއެޓްރިޝަންސްގެ ވެރިޔާ ލޯރާ ރެއަލީ އެވެ.
ކުޑަކުދިންނަށް ބޭނުންވާ ބޭސް އެކަށީގެންވާ މިންވަރަށް އުފައްދައި ސަޕްލައި ޔަގީން ކުރުމަކީ ސިޔާސީ ގޮތުން ގޮތް ނިންމާ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އެ ސިޓީގައި ބުންޏެވެ.
އެ ސިޓީއާ ގުޅިގެން ޖަރުމަނުގެ ހެލްތު މިނިސްޓަރު ކާލް ލޯޓާބެކް ވިދާޅުވީ ޑޮކްޓަރުންގެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ.










