ޕެރިސް، ފްރާންސް (މޭ 14) - ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި "ޖިއޯޕޮލިޓިކަލް" ގޮތުން ރަޝިއާ ބަލިވެފައިވާ ކަމަށާއި ޗައިނާގެ ދަށުވެފައި އޮތް ދައުލަތަކަށް ރަޝިއާ ބަދަލުވަމުންދާ ކަމަށް ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ވިދާޅުވެއްޖެ އެވެ.
"ޗައިނާގެ ދަށުވެފައި އޮތް ގައުމެއް ފަދައިން ރަޝިއާއިން އަމަލު ކުރަމުންދާ އިރު ބޯލްޓިކް ސަރަހައްދަށް އޮތް ރަޝިއާގެ ނުފޫޒު ގެއްލިއްޖެ. ހަނގުރާމައާ ހެދި ސްވިޑަން އާއި ފިންލޭންޑުން ނޭޓޯއާ ގުޅިއްޖެ،" އޮޕީނިއަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި މެކްރޯން ވިދާޅުވި އެވެ.
"މިއީ މީގެ ދެ އަހަރު ކުރިން ހިތަށް ގެނެވޭނެ ފަދަ ކަމެއް ނޫން. އެހެންވީމާ، މިހާރު ވެސް ސަރަހައްދީ ސިޔާސީ ގޮތުން ބަލާއިރު ރަޝިއާ އޮތީ ބަލިވެފައި،" މެކްރޯން ވިދާޅުވި އެވެ.
"އަސްކަރީ ގޮތުން މި ހަނގުރާމައިން ރަޝިއާ މޮޅުވެގެން ނުވާނެ. އެހެންވީމާ ރަޝިއާއާ ދެކޮޅަށް އޮޕަރޭޝަންތައް ހިންގަން ޔޫކްރެއިނަށް އެހީވެދިނުމަކީ އަޅުގަނޑުމެންގެ އަތް މަތީގައި އޮތް ކަމެއް."
މެކްރޯން އެގޮތަށް ވިދާޅުވި އިރު، ޔޫރަޕާއި އެމެރިކާއިން މިހާރު ވެސް ވަނީ އަސްކަރީ ގިނަ އެހީތަކެއް ޔޫކްރެއިނަށް ފޯރުކޮށްދީފަ އެވެ. އޭގެ އިތުރުން ހަނގުރާމައަށް ސިޔާސީ ހައްލެއް ލިބޭތޯ ޗައިނާއިން ދަނީ ހަރަކާތްތެރިވަމުންނެވެ.










