ލަންޑަން (މެއި 13) - އިނގިރޭސި ޕްރިިމިއާ ލީގުގައި މިރޭ ވުލްވްސް އަތުން 2-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ލީގުގެ ގަދަ ހަތަރެއްގައި ނިންމުމުގެ އުންމީދު ބޮޑުކުރިއިރު، އަމިއްލަ ދަނޑުގައި 2-0 އިން ފުލަމް އަތުން ބަލިވެ، 11 އަހަރަށް ފަހު ސައުތެމްޓަން ޕްރިމިއާ ލީގުން ރެލިގޭޓްވެއްޖެ އެވެ.
ލީގުގެ ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑް ވަނީ މިރޭ ރަށުންބޭރުގައި ލީޑްސް ޔުނައިޓެޑާ 2-2 އިން އެއްވަރުވެފަ އެވެ. ނިއުކާސަލް ތިނެއްގައި އޮތީ ހަތަރެއްގައި އޮތް ޔުނައިޓެޑާ އެއްވަރަށް 35 މެޗުން 66 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ލިވަޕޫލަށް 35 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ހައެއްގައި އޮތް ޓޮޓެންހަމް އާއި ހަތް ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަނީ 36 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. އެސްޓަން ވިލާ އިން ވަނީ މިރޭ 2-1 އިން ޓޮޓެންހަމް ބަލިކޮށްފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޔުނައިޓެޑަށް މިރޭ ފުރަތަމަ ހާފުގައި ލީޑުނަގައިިދިނީ 32 ވަނަ މިނިޓްގައި އެންޓޮނީ ދިން ބޯޅައަކުން އެންތަނީ މާޝިއަލް އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުން މާޝިއަލް ޖެހި ފުރަތަމަ ގޯލެވެ. އަދި 2023 ވަނަ އަހަރު މާޝިއަލްގެ ދެ ވަނަ ގޯލެވެ.
ޔުނައިޓެޑުން ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވެ އެވެ. ޔުނައިޓެޑަށް ދެ ވަނަ ގޯލެއް ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި އަލެހަންދްރޯ ގާނާޗޯ އެވެ. މިއީ ދެ މަހެއްހާ ދުވަހު އަނިޔާގައި އުޅެފައި އެނބުރި އައި ފަހުން ގާނާޗޯ ޖެހި ގޯލެކެވެ.
ލީޑްސް ދަނޑުގައި ނިއުކާސަލްގެ ދެ ގޯލު ވެސް ޖެހީ ދެ ޕެނަލްޓީން ކަލުމް ވިލްސަން އެވެ. ލީޑްސްގެ ޕެޓްރިކް ބެމްފޯޑް އަތުން ޕެނަލްޓީއެއް ނާކާމިޔާބުވި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ ލޫކް އޭލިން އާއި ރަސްމުސް ކްރިސްޓެންސަން އެވެ. ލީޑްސް އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ޖޫނިއާ ފާޕޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.
އެސްޓަން ވިލާ އިން ޓޮޓެންހަމް ކޮޅަށް ލީޑުނެގީ ޖޭކަބް ރާމްސީ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި އެސްޓަން ވިލާގެ ޑަގްސަލް ލުއީޒް ވަނީ ހިލޭ ޖެހުމަކުން އެ ޓީމަށް ލީޑުފުޅާކޮށްދީފަ އެވެ. ޓޮޓެންހަމްގެ ގޯލު ޖެހީ ޕެނަލްޓީ އަކުން ހެރީ ކޭން އެވެ. ޕެނަލްޓީ ހޯދީ ވެސް ކޭން އެވެ.
ލީގުގެ 11 ވަނައިގައި އޮތް ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ލީގުގެ 16 ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓާ 2-2 އިން އެއްވަރުވެފަ އެވެ. ޗެލްސީގެ ރަހީމް ސްޓާލިން ދެ ގޯލު ޖެހި މި މެޗުގައި ނޮޓިންހަމްގެ ދެ ލަނޑު ޖެހި ނައިޖީރިއާ ފޯވާޑް ޓައިވޯ އަވޮނިޔީ އެވެ. ނޮޓިންހަމް އިން ލީޑުނެގި މި މެޗުގައި ޗެލްސީން ނަތީޖާ އަނބުރާލި ނަމަވެސް ހިފެހެއްޓޭ ގޮތެއްނުވެ، މެޗު އެއްވަރުވީ އެވެ.
ސައުތެމްޓަން ރެލިގޭޓްވީ އަމިއްލަ ދަނޑުގައި ފުލަމް އަތުން ބަލިވުމުންނެވެ. ފުލަމް އަށް މި މެޗުގެ ދެ ވަނަ ހާފުގައި ގޯލުތައް ޖަހައިދިނީ ކާލޯސް ވިނީޝިއުސް އާއި އަލެކްސަންޑަ މިޓްރޮވިޗް އެެވެ. މިއީ ސަސްޕެންޝަނަށް ފަހު އެނބުރި އައިސް މިޓްރޮވިޗް ޖެހި ފުރަތަމަ ގޯލެވެ. މި މެޗުން ބަލިވެ، ސައުތެމްޓަން އިން އަންނަ އަހަރު ކުޅޭނީ އިނގިރޭސި ދެ ވަނަ ޑިވިޝަނުގަ އެވެ. އެ ޓީމުން އެންމެ ފަހުން ދެ ވަނަ ޑިވިޝަންގައި ކުޅެފައިވަނީ 2012 ވަނަ އަހަރު އެވެ،.
ސައުތެމްޓަން ލީގުގެ ފުލުގައި އޮތީ 36 މެޗުން 24 ޕޮއިންޓާ އެކު އެވެ. ލީގުގައި ބާކީ އެ ޓީމަށް އޮތް ދެ މެޗުން މޮޅުވިޔަސް ސަލާމަތްވެވޭނެ ގޮތެއް ނެތެވެ.












