ނިއު ދިއްލީ (މެއި 11) - އަނިޔާގެ މައްސަލަތަކާ ގުޅިގެން އިންގްލެންޑްގެ ފާސްޓް ބޯލަރު، ޖޮފްރާ އާޗާ އަށް މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
އާޗާ ވަނީ މިހާރު އިތުރު ފަރުވާ އަށް އެނބުރި ގައުމަށް ދާން ނިންމައިފަ އެވެ.
އައިޕީއެލްގައި އާޗާ ކުޅެމުންދާ ޓީމު ކަމަށްވާ މުމްބާއީ އިންޑިއަންސް އިން މިހާރު ވަނީ އޭނާގެ ބަދަލުގައި އިންގްލެންޑްގެ ކްރިސް ޖޯޑަން އެ ޓީމަށް ނަގައިފަ އެވެ. މި ސީޒަންގައި މުމްބާއީ މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން އާޗާ އަށް ކުޅެވުނީ ފަސް މެޗެވެ.
މިދިޔަ އަހަރުގެ އޯކްޝަންގައި 1.06 މިލިއަން ޑޮލަރުގެ އަގަކަށް މުމްބައީ އަށް ގެނައި އާޗާ ،28، މިދިޔަ ސީޒަން ވެސް އެއްކޮށް ގެއްލުނެވެ.
އަނިޔާގެ މައްސަލަތަކަކާ ގުޅިގެން އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަންޖެހުނު އާޗާ އެނބުރި އައީ މި އަހަރުގެ ޖެނުއަރީ މަހުއެވެ.
މި ސީޒަންގައި ވެސް އާޗާ ބައެއް މެޗުތައް ކުޅުނަސް، އޭނާގެ ފޯމު ދަށެވެ. ރިޕޯޓްތަކުން ބުނާގޮތުގައި އައިޕީއެލްގެ ކުރު ބްރޭކެއްގައި ވެސް އޭނާ ވަނީ ބެލްޖިއަމް އަށް ގޮސް، އަނިޔާގެ މައްސަލަތަކާ ގުޅޭ ސްޕެލިސްޓަކަށް ދައްކަފައިފަ އެވެ.
އިންގްލެންޑް އެންޑް ވޭލްސް ކްރިކެޓް ބޯޑް (އީސީބީ) އިން ބުނީ އިތުރު ފަރުވާ ހޯދުމަށް އާޗާ އެނބުރި އިންގްލެންޑަށް އަންނާނެ ކަމަށެވެ. އަދި އީސީބީގެ ބެލުމުގެ ދަށުން އޭނާގެ ފަރުވާ އާއި ރިކަވަރީ ކުރިއަށްދާނެ ކަމަށެވެ.












