ގާހިރާ، މިސްރު (މޭ 7) - އެގާރަ އަހަރަށް ފަހު ސީރިއާއަށް އަރަބި ލީގުގެ މެމްބަރުކަން ދޭން ނިންމައިފި އެވެ.
އަރަބި ލީގުން 2011 ވަނަ އަހަރު ސީރިއާ އެކަހެރި ކުރީ އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ރައީސް ބައްޝާރުލް އަސަދް ކުރިއަށް ގެންދެވި ކެމްޕެއިނާ ގުޅިގެންނެވެ.
"ސީރިއާ ސަރުކާރުގެ ވަފުދުތަކުން އަރަބި ލީގުގެ ބައްދަލުވުންތަކުގައި އަލުން ބައިވެރިވާނެ،" އަރަބި ލީގުގެ ފޮރިން މިނިސްޓަރުންގެ ނިންމުމުގައިވެ އެވެ.
ސީރިއާގެ ދާހިލީ ހަމަނުޖެހުމާ އެކު ހަނގުރާމަ ފެށުމުން، ބައްޝާރުލް އަސަދްގެ ސަރުކާރު އޮތީ އަރަބި ދުނިޔެއާ އެކަހެރިވެފަ އެވެ.
އެހެން ނަމަވެސް އިރާނާއި ސައުދީ އަރަބިއްޔާއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ފަހުން، އަރަބި ގައުމުތަކުން ސީރިއާއާ މެދު އަމަލުކުރާ ގޮތް ވެސް ވަނީ ބަދަލުވެފަ އެވެ.
އަރަބި ގައުމުތަކުން ސުލްހަ އިސްކޮށް، އެއްބައިވަންތަވަމުންދާ އިރު، މޭ 19 ވަނަ ދުވަހު ޖިއްދާގައި އަރަބި ގައުމުތަކުގެ ސަމިޓެއް ބޭއްވުމަށް ވަނީ ނިންމައިފަަ އެވެ.










