ރިޕޯޓުފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް: ސިޔާސީ ނުފޫޒުގެ މަޅިއަކަށް؟

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް: ސިޔާސީ ނުފޫޒުގެ މަޅިއަކަށް؟

ޔާމީންގެ ދައުރުގަ ސުޕްރީމް ކޯޓު ބެންޗު ކުޑަ ކުރުމުން އުއްތަމަ ފަނޑިޔާރު ފާއިޒާއި މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ މަގާމު ގެއްލުނު. "އެކެއް ފެބްރުއަރީ" ގެ އަމުރަށްފަހު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މަގާމު ގެއްލުނު. ރައީސް ސޯލިހުގެ ވެރިކަމުގައި މުޅި ބެންޗު ބަދަލު ކުރެއްވި.

ފަނޑިޔާރުން ކުރާ ވަރަށް އާންމު އަމަލުތަކުން ފެށިގެން ވެސް ސުލޫކީ މައްސަލަތައް ގިނަވަމުންދާ ކަން ރަމްޒުކޮށްދޭ އާޓް ވޯކެއް - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު
ފަނޑިޔާރުން ކުރާ ވަރަށް އާންމު އަމަލުތަކުން ފެށިގެން ވެސް ސުލޫކީ މައްސަލަތައް ގިނަވަމުންދާ ކަން ރަމްޒުކޮށްދޭ އާޓް ވޯކެއް - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު

މުޖުތަމައުގައި ދިރިއުޅެމުންދާއިރު، ބޭއިންސާފުން ކަމެއް މެދުވެރިވުމުން އިންސާފު ހޯދުމަށް ދާން އޮތް ތަނަކީ ކޯޓުތަކެވެ. ނުހައްގުން ވަޒީފާ ގެއްލުމުން އޭގެ ބަދަލު ހޯދަން ވެސް މި ދާން ޖެހެނީ އެ ތަނަށެވެ. ވިޔަފާރީގެ މުއާމަލާތެއްގެ ތެރެއިން އެކަކު މަކަރު ހެދުމުން، އޭގެ ބަދަލު ހޯދެނީ ވެސް ކޯޓު މެދުވެރިކޮށެވެ. އާއިލާ ތެރޭގެ މައްސަލަތަކާއި ވާރުތަ މުދަލުގެ ކަންކަން ވެސް ކަނޑައެޅެން އަންނަނީ ކޯޓުންނެވެ. އަނިޔާއެއް ލިބުނަސް، ޓަކި ޖަހަން ދާން ޖެހެނީ ހަމަ ފަނޑިޔާރުގޭގެ ދޮރޯށީގަ އެވެ.

ފަނޑިޔާރުންނަށް ފާރަވެރިވެ، ގޯހެއް ހަދައިފި ނަމަ، އެ ކަމެއް ބަލައި ފިޔަވަޅު އަޅަން ބަޔަކު ތިބެން ޖެހެނީ ވެސް މިހެންވެ އެވެ. ޑިމޮކްރެޓިކް އަސާސްތަކުގެ މައްޗަށް އޮންނަ ދައުލަތެއްގެ އޮނިގަނޑުގައި އެ ޒިންމާއަށް ހާއްސަ މުއައްސަސާތައް ހުރެ އެވެ. ރާއްޖޭގައި އެއީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެވެ. ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ކަނޑައަޅައި، އެއާ ހިލާފުވާ ނަމަ ފިޔަވަޅު އެޅުމުގެ ޒިންމާ އޮންނަނީ އެ ކޮމިޝަނުގެ ބޮލުގައި އަޅުވައިފަ އެވެ.

ރާއްޖޭގައި އެ މުއައްސަސާގެ އޮނިގަނޑު އެކުލަވާލާފައި އޮންނަނީ ދެކުނު އެފުރިކާގައި އޮންނަ އޭގެ ކޮމިޝަނުގެ އެކުލެވުން ގާތްގަނޑަކަށް ނަކަލުކޮށްގެެނެވެ. އެއިރުގެ ވިސްނުމަކީ މުޅި ދައުލަތް އެ ޒިންމާގައި ޝާމިލުވުމެވެ. ފަނޑިޔާރުންނާއި ގާނޫނު ހަދާ މަޖިލީހާއި ސަރުކާރު ހިމެނޭހެން ދައުލަތުގެ ތިން ބާރާއި ސިޔާސީ ޕާޓީތަކާއި ވަކީލުންނާއި އާންމުންގެ ތެރެއިން ބަޔަކު ވެސް ފަނޑިޔާރުންނަށް ފާރަވެރިވުމުގައި ބައިވެރި ކުރުމެވެ.

Advertisement

ނަމަވެސް ފުރަތަމަ 10 އަހަރު ދިޔައީ ކޮމިޝަނުގެ އެއްވެސް ހަރަކާތެއް ނުފެނި އެވެ. ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާފައި އޮތް ގިނަ ޝަކުވާތައް ބަލައިފައެއް ނެތެވެ. އެއްވެސް މައްސަލައެއްގައި ފަނޑިޔާރަކު ވަކިކޮށްފައެއް ނެތެވެ. އެކަމަކު، އެމްޑީޕީއަށް ކޮމިޝަނުގެ ބާރުތައް ފުރޮޅިގެން ދިޔަ ފަހުން އެކަން މުޅިން ބަދަލުވި އެވެ. ހުށަހެޅޭ ޝަކުވާތައް ބަލަން ފެށި އެވެ. އެ ކަން ހާމަކުރަމުން ގެންދިޔަ އެވެ. އަދި ފުރަތަމަ ފަހަރަށް ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ ވެސް މި ކޮމިޝަނުގަ އެވެ.

"މިއީ އަޅުގަނޑު ވަރަށް ކުރާ ހިތުން ކުރާ ކަމެއް، ޝަރުއީ ދާއިރާގެ ކަންކަން އިސްލާހު ކުރުން، ވަރަށް ވަގުތު ވެސް ދޭ ކަމެއް، އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެން މި ތަނުން ދާއިރު މިއީ ގާނޫނު ހަރުދަނާ ގޮތެއްގައި ހިނގާ މުއައްސަސާއަކަށް ހެދުން،" ޖޭއެސްސީގެ ރިޔާސަތާ މިހާރު ހަވާލުވެ ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވި އެވެ.

ކުރެވޭ "އާދައިގެ" ކަމަކުން ސުލޫކީ މައްސަލަ އުފެދުން؟

ފަނޑިޔާރުން ހިމެނޭހެން ޝަރުއީ ދާއިރާގެ ބަޔަކު ތިބޭ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ ކަރުގައި ޗޭނު ޖަހާފައި ހުރި މަންޒަރު ހިމެނޭ ފޮޓޯއެއްގެ މައްސަލާގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކުރި އެވެ.

ދާދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާ ގުޅޭ ގޮތުން ބަލަމުން ދިޔަ ޝަކުވާއަކީ ފަނޑިޔާރު ބަތް ޕާރުސަލެއް ބައްލަވައިގަތް މައްސަލަ އެވެ. އެއީ ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލު އަދަބުން މިނިވަންވި ހުކުމް އިއްވުމަށްފަހު، އެހެން ދުވަސްތަކުގެ އާދައިގެ މަތިން ސުޕްރީމް ކޯޓުގައި ބޭއްވި މެންދުރުގެ ފަރިއްކޮޅެކެވެ. އެ ޝަރީއަތުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ.

ސުލޫކީ މައްސަލަތައް ބަލަމުން އަންނަ ގޮތުންނާއި ފަނޑިޔާރު މަހާޒުގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ދެ މުވައްޒަފަކު ޖޭއެސްސީއަަށް ގެންގޮސް އެ މުވައްޒަފުންނަށް ކުރި ސުވާލުތަކަކާ ގުޅިގެން ފަނޑިޔާރުންގެ ޖަމިއްޔާއިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ، ސުޕްރީމް ކޯޓު މުވައްޒަފުންނަށް ޖޭއެސްސީން "ޖެއްސުން ކުރީ" ކަމުގައި ސިފަކުރައްވައިފަ އެވެ.

"ފަނޑިޔާރުގެ މުވައްޒަފުން ކައިރީ މި އަހަނީ، ފަނޑިޔާރުންގެ ކެއި އިރުގައި ބާކީވި އެތިކޮޅެއް ކަލޭމެންނަށް ނުދެނީހޭ، ކަލޭމެންނަށް ބާކީވި އެތިކޮޅު ވެސް ނުދީހޭ ކާލީ، އެ ދުވަހު ކީއްވެހޭ ކުކުޅު ނުގެނައީ، ކީއްވެހޭ ބީފް ނުގެނައީ، މިއީ ޖެއްސުމަށް ކުރާ ސުވާލުތަކެއް،" މި އަހަރު ކުރީކޮޅު ބޭއްވި ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ދުވަހުގެ ޖަލްސާގައި ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ޖޭއެސްސީގެ އެކުލެވުމާއި ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން އަންނަ ގޮތް ދިރާސާކުރައްވާ ބައެއް ވަކީލުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ސުލޫކީ މިންގަނޑެއްގައި ފަނޑިޔާރުން ބެެހެއްޓުމަށް ވުރެ ބޮޑަށް ކޮމިޝަނުގެ މަސައްކަތްތައް ބައްޓަން ވެފައި އޮތީ ފަނޑިޔާރުން "ބޭޒާރުކޮށްލުމުގެ" މަގުސަދުގައި ކުރުމަށެވެ.

"ހަމަ ވަރަށް ކުދިކުދި ކަންކަމުގައި ވެސް ސުލޫކީ މައްސަލަ އެބަ ބަލާ. ތާކުން ތާކު ނުޖެހޭ ކަންކަމުގައި ފިޔަވަޅު އަޅާ، އަނެއްކާ އެ ފިޔަވަޅެއް އާންމުކުރުން، ނޫސް ބަޔާނެއްގައި އެ ލިޔެފައި އާންމު ކުރޭ އެބަ، އެއީ ހިއުމިލިއޭޓް ކުރުން ކަމުގައި އަޅުގަނޑު ދެކެނީ، ލަދު ގަންނަވާލުން،" ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި އެވެ.

ޖޭއެސްސީގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ހިސާން "އަދަދު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އެ ކޮމިޝަނުގެ އަމާޒަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ރަނގަޅު ފަނޑިޔާރެއް ލިބުމުގެ ހައްގު ކަށަވަރު ކުރުން ކަމަށެވެ. ފަނޑިޔާރުގެ "ކޮންޓްރޯލް" ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ހިސާން ދޮގު ކުރައްވަ އެވެ.

ހިސާން ދެކެވަޑައިގަންނަވާ ގޮތުގައި ފަނޑިޔާރުގެ އިސްލާހު ކުރެވެނީ ފަނޑިޔާރުން ތަމްރީން ކުރުމުގެ އިތުރުން، ތިބި ފަނޑިޔާރުންގެ ފެންވަރު ވަޒަންކޮށް، އަދި ފަނޑިޔާރުން ވަކި ސުލޫކީ މިންގަނޑެއްގައި ހިފަހައްޓައިގެނެވެ. އެ ތިން ދާއިރާއިން ވެސް މަސައްކަތް ކުރުމުގައި ޖޭއެސްސީ ހަރަކާތްތެރިކޮށް އޮންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުމަކީ ކޮމިޝަންގެ އޮތް ހަމައެކަނި ބޭނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަސައްކަތުގެ ތެރެއިން، ގާނޫނު އެ ލާޒިމުކުރާ ސުލޫކު ނެތް ފަނޑިޔާރުން، އަދި އެ އޮންނަ އިޖުރާއަތުގެ ތެރެއިން، ކޮމިޝަނުން ބެލި ބެލުމުގައި، ސުލޫކު ތަކުރާރުކޮށް ނުހިފަހައްޓާ ނަމަ، ކުރެއްވި އަމަލަކީ އެއްވެސް ސަބަބަކަށް ޓަކައި ފަނޑިޔާރު ކުރައްވަން ނުވާނެ ޒާތުގެ ކަމަކަށް ވަންޏާ، އެ އަޅަން ޖެހޭ ފިޔަވަޅެއް އަޅަން މި ކޮމިޝަނަކުން ފަހެއް ނުޖެހޭނަން،" ހިސާން ވިދާޅުވި އެވެ.

ރިޔާސީ ދައުރަކަށް އައްޔަންކުރާ ސިޔާސީ ބަޔަކަށް ފަނޑިޔާރުން؟

ފެހި ގާނޫނު އަސާސީ 2008 ވަނަ އަހަރު ތަސްދީގު ކުރި ފަހުން އައި ކޮންމެ ސަރުކާރެއްގައި ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުތަކެއް ގެންނަން އުޅުނު ތަން ފެނުނެވެ. އަދި ބައެއް ބަދަލުތައް ގެނެސްފައި ވެސް ވެ އެވެ.

ސުޕްރީމް ކޯޓު ފުރަތަމަ އުފެއްދި އިރު އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ފަހެކެވެ. އެހެން ނަމަވެސް 2010 ވަނަ އަހަރު އެކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރި އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު އަނެއްކާ ވެސް ފަހަކަށް ބަދަލުކުރި އެވެ. އަދި 2019 ވަނަ އަހަރު އަނެއްކާ ވެސް އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސުޕްރީމް ކޯޓު ބެންޗުގައި ތިބޭ ފަނޑިޔާރުންގެ އަދަދު މަދުކުރުމުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު މުއުތަސިމް އަދުނާންގެ މަގާމު ގެއްލުނެވެ. އަދި ފަހުން، ސުޕްރީމް ކޯޓުން ނެރުނު "އެކެއް ފެބްރުއަރީ" ގެ އަމުރާ ގުޅިގެން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މަގާމު ގެއްލުނެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމަނިކުފާނުގެ އެމްޑީޕީއަށް ލިބުނު ފަހުން ފެނިގެން ދިޔައީ މުޅި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރި މަންޒަރެވެ. އެ ވަގުތު ތިބި ކޮންމެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތްކަން ބަލައިގެނެވެ. ބައެއް ފަނޑިޔާރުން މަޖިލީހުން ވަކިކުރިއިރު، އެހެން ފަނޑިޔާރުން އޭގެ ކުރިއަށް އަމިއްލައަށް ވަކިވެވަޑައިގަތީ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗު މިހެން ބަދަލުވާކަމުގެ ޕެޓާނެއް ފެންނަން އޮތް އިރު، ދާދި ފަހުން ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދު ވެސް ވަނީ އެ ޒާތުގެ ކަންބޮޑުވުމެއް ފާޅުކުރައްވައިފަ އެވެ. ފަނޑިޔާރުންނަކީ ކޮންމެ ރިޔާސީ ދައުރަކު އޭރުގެ ސަރުކާރުންނާއި މަޖިލިހުން އައްޔަންކުރާ ސިޔާސީ މަގާމުތަކެއްގެ ގޮތުގައި މުޖުތަމައުގައި ދެކެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"[ރިޔާސީ] ދައުރު ބަދަލުވާއިރަށް ވަޒީފާ އެބަ ގެއްލޭ، ސުލޫކީ މައްސަލައެއް ބަލަން ފަށައިފާނެ، ކޮން އިރަކުން ކަމެއް ނޭނގެ ކަނޑާލާނީއެއް، އެއީ ވަރަށް ދެރަ ކަމެއް އެނގޭތޯ، ހަގީގަތުގައި މިއީ ފަނޑިޔާރުންގެ މިނިވަންކަމާ ގުޅިފައި އޮތް ކަމެއް،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ނަމަވެސް އޭގެ ސަގާފަތެއް މިހާރު އޮތް ކަމަކަށް ހިސާން ދެކެވަޑައެއް ނުގަންނަވަ އެވެ. އަދި ކޮމިޝަން ބަދަލުވި ފަހުން އެ ވަރުގެ ބޮޑު ބަދަލެއް އައިސްފައި އޮތް ކަމަކަށް ވެސް ގަބޫލެއް ނުކުރައްވަ އެވެ. ހިސާންގެ ނުކުތާ ސާބިތު ކުރުމަށް ދެއްކެވީ ވެސް ތަފާސްހިސާބެވެ.

މިދިޔަ ތިން އަހަރުގެ ތެރޭގައި ސުލޫކީ މައްސަލަ ސާބިތުވި ފަނޑިޔާރުންގެ އަދަދު 30 އަށް ވުރެ ގިނަވިޔަސް މަގާމުން ވަކިކުރަން ނިންމީ، ނޫނީ މައްސަލައާ ހުރެ މަގާމުން ވަކިވެގެން ދިޔަ ފަނޑިޔާރުންގެ އަދަދު އުޅެނީ 25 ގައި ކަން ހިސާން ފާހަގަ ކުރެއްވި އެވެ.

"މިދިޔަ ހަތަރު އަހަރު ތެރޭގައި ޖުމުލަ 25 އެއްހާ ފަނޑިޔާރުން މި ތިބީ އެ ގޮތަށް ފަނޑިޔާރުގެއިން ވަކިވެވަޑައިގެންފައި، އެވެރެޖްކޮށް ބަލާނަމަ، 200 އެއްހާ ފަނޑިޔާރުން ތިއްބަވާއިރު، މިއީ ވަރަށް ވެސް މަދު އިންސައްތައެއް،" ހިސާން ވިދާޅުވި އެވެ.

ހުރިހާ ވެސް މައްސަލައަކީ އެކުލެވުން؛ ޖަވާބުދާރީ ނުކުރެވޭ!

ޖޭއެސްސީގެ އެކުލެވުން ދިރާސާކުރައްވަމުން ގެންދަވާ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ކޮމިޝަނުގައި ތިއްބަވާ ބޭފުޅުން ރަނގަޅު ނިޔަތުގައި ކަމެއް ކުރިޔަސް، ރައްޔިތުންގެ އިތުބާރު ނޯންނާނެ ކަމަށެވެ. ސަބަބަކީ ކޮމިޝަނުގައި ތިއްބަވާނީ ކޮންމެ ވެސް ޕާޓީއަކަށް ނިސްބަތްވާ ސިޔާސީ ބޭފުޅުން ކަމަށް ވާތީ އެވެ.

ނިޒާމު ބައްޓަން ވެފައި އޮތް ގޮތުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކޮށްގެން އެއް ސިޔާސީ ޕާޓީއަކަށް ޖޭއެސްސީގެ އަގުލަބިއްޔަތު ހޯދެން އެބަ އޮތެވެ. މިހާރު ކޮމިޝަނުގައި އޮތީ ވެސް އެމްޑީޕީ ބޭފުޅުންގެ އަގުލަބިއްޔަތެވެ.

"ކޮމިޝަނުގައި މިހެން ސިޔާސީ ވަކި ފިކުރެއްގެ ބަޔަކު ތިބެގެން އަޅާ ފިޔަވަޅުތަކާ މެދު ރައްޔިތުންގެ ތެރެއިން ކޮންމެ ވެސް އެއް ބަޔަކު އަބަދުވެސް ސުވާލު އުފައްދާނެ،" ގާނޫނީ ވަކީލުން ރެގިއުލޭޓް ކުރާ ބާ ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވި މައުމޫން ހަމީދު ވިދާޅުވި އެވެ.

މި ރިޕޯޓަށް ކުރިން ވާހަކަ ދެއްކެވި އަލީ ހުސައިން ވެސް ވިދާޅުވީ ނިޒާމުގައި އޮތް އެ ބޮޑު މައްސަލަ ހައްލު ނުކުރާހާ ހިނދަކު ޖޭއެސްސީން ނިންމާ ނިންމުންތަކަށް ފާރަވެރިވެވެން ނޯންނާނެ ކަމަށެވެ. ޖޭއެސްސީ ޖަވާބުދާރީ ކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހެވެ. އަދި އެ މަޖިލީހުގައި އެ މަސްއޫލިއްޔަތު ހަވާލުކޮށްފައި އޮންނަ މެމްބަރުންގެ ކޮމިޓީއަކަށެވެ.

"މަޖިލިސް ރައީސް ވާނީ މެޖޯރިޓީ ޕާޓީގެ ބޭފުޅަކަށް، މެޖޯރިޓީ ޕާޓީން އިތުރު މެމްބަރަކު އެބަ އާދޭ، ދެން މެޖޯރިޓީ ޕާޓީގެ ބޭފުޅުން ތިބޭ ކޮމިޓީއަކަށް މި އޮންނަނީ ޖަވާބުދާރީ ވާން، ހަމަ އެ މީހުންގެ މީހުން، ދެން ކިހިނެއްތޯ ޖަވާބުދާރީ ކުރާނީ،" މަޖިލީހުގައި ދެވަނަ ދައުރެއް ހޭދަކުރައްވަމުން ގެންދަވާ އަލީ ވިދާޅުވި އެވެ.

މައުމޫން ހަމީދު ވެސް ވިދާޅުވީ، ގާނޫނުން ލިބިދޭ ބާރުން ސުލޫކީ މައްސަލަތަކާ ގުޅޭ ގަވާއިދުތައް ހަދާނީ ވެސް ޖޭއެސްސީން ކަމަށެވެ. ފަނޑިޔާރެއްގެ ސުލޫކު ވީހާވެސް މާނަވީ ގޮތެއްގައި ގަވާއިދުތަކުގައި ބަޔާން ކުރެވޭނީ ވެސް ޖޭއެސްސީގެ އެކުލެވުން ރަނގަޅު ވެގެން ކަމަށް މައުމޫން ދެކެވަޑައިގަންނަވަ އެވެ.

"މި ކްރައިޓީރިއާ ހަދަން ތިބި ބަޔަކީ ވެސް ޖޭއެސްސީ، އިސްލާހު ކުރަންވީ ކަމަކީ ޖޭއެސްސީ،" މައުމޫން ވިދާޅުވި އެވެ.

ޖޭއެސްސީ ހަރަކާތްތެރިވެއްޖެ އެވެ. ފަނޑިޔާރުންނާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ދަނީ ހިންގަމުންނެވެ. ނަމަވެސް ކޮމިޝަނުގައި ވަކި ސިޔާސީ ފިކުރެއްގެ ބަޔަކު ތިބެގެން ކުރާ މަސައްކަތުގެ ތެރެއިން ފަނޑިޔާރުންތަކަކާ މެދު އަޅާފައިވާ ފިޔަވަޅުތަކާ މެދު ރައްޔިތުންގެ ތެރޭގައި ސުވާލުތަކެއް އުފެދިފައިވެ އެވެ.

ޖުޑީޝަރީއަށް ހެޔޮ ބަދަލެއް އަންނާނީ އެކުލެވުން ބަދަލުކޮށްގެން ކަމަށް ވާތީ، އެއީ ރައްޔިތުންނަށް ރައީސް ސޯލިހު ވެވަޑައިގެންފައިވާ ވައުދުކެވެ. މި ދައުރު ނިމުމުގެ ކުރިން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރެވޭތޯ ރައްޔިތުން ތިބީ ބަލާށެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox