ވިލާ ކޮލެޖާއި ޓޭލާސް ޔުނިވާސިޓީ ގުޅިގެން މާލޭގައި ކުރިއަށް ގެންދާ ކޯސްތަކަށް ހާއްސަކޮށް ވިލާ ފައުންޑޭޝަނުން ތައާރަފުކުރި ސްކޮލަޝިޕް ސްކީމްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ސްކީމްގެ ދަށުން ކޯސްތަކުގެ ޓިއުޝަން ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ 50 އިންސައްތަ ދައްކައިދޭނީ ވިލާ ފައުންޑޭޝަނުންނެވެ. މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް އެ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، އޭގެތެރެއިން ފުރުސަތު ލިބޭނީ ޖުމުލަ 30 ފަރާތަކަށެވެ.
ވިލާ ފައުންޑޭޝަނުން ސްކީމް ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖާއި ޓޭލާސް ޔުނިވާސިޓީ ގުޅިގެން ހިންގުމަށް އިއުލާނުކޮށްފައިވާ ކޯސްތަކުގެ ތެރެއިން ފަސް ކޯހަކަށެވެ. އެއީ:
- ބެޗުލާ އޮފް ކަލިނަރީ މެނޭޖުމަންޓު (އޮނާސް) - 10 ޖާގަ
- ބެޗުލާ އޮފް މާސް ކޮމިއުނިކޭޝަން - 5 ޖާގަ
- ބެޗުލާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖުމަންޓު (އޮނާސް) - 5 ޖާގަ
- މާސްޓާ އޮފް މާސް ކޮމިއުނިކޭޝަން - 5 ޖާގަ
- މާސްޓާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖުމަންޓު - 5 ޖާގަ
ވިލާ ފައުންޑޭޝާނުން ބުނީ އެ ސްކޮލަޝިޕް ސްކީމްތައް ދޫކުރުމުގައި ބަލާނީ އެ ކުއްޖެއްގެ ތައުލީމީ ފެންވަރަށް ކަމަށާއި، ދެ ކުއްޖެއްގެ ފެންވަރު އެއްވަރުވެއްޖެ ހާލަތެއްގައި ސްކީމް ސްކޮލަޝިޕް ލިބޭ ދަރިވަރެއް ކަނޑައަޅާނީ އެ ކުއްޖެއްގެ ޕާސަނަލް ސްޓޭޓުމަންޓާއި އިންޓަވިއު މައުހަލާއަށް ބެލުމަށްފަހު ކަމަށެވެ.
އެ ސްކޮލަޝިޕުތަކަށް އެދި ހުށަހެޅުމުގެ ޝަރުތުތަކަކީ ދިވެއްސަކު ކަމުގައިވުމާއި ކިޔަވަން ބޭނުންވާ ކޯހަކުން ވިލާ ކޮލެޖުން ޖާގަ ލިބިފައިވާ ކަމުގެ ލިޔުން އޮތުމެވެ. ސްކޮލަޝިޕަށް އެދި ހުށަހެޅުމަށް ފުރިހަމަ ކުރަންޖެހޭ ފޯމު ވިލާ ކޮލެޖުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ. އެ ފޯމާ އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ މައުލޫމާތު ފޯމުގައި ހުންނާނެ އެވެ.
ޓޭލާސް ޔުނިވާސިޓީއާ ގުޅިގެން ވިލާ ކޮލެޖުން ކޯސްތަކެއް ތައާރަފު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އަހަރު ފަހުކޮޅެވެ. އޭޝިއާގެ އެންމެ ރަނގަޅު 50 ޔުނިވާސިޓީގެ ތެރޭގައި ހިމެނޭ، މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީއަކީ މީގެ ކުރިން ވެސް ދިވެހީން އާންމުކޮށް ތައުލީމު ހާސިލުކުރަންދާ ތަނެކެވެ.
ނަމަވެސް އެ ޔުނިވާސިޓީގެ ކޯސްތައް ވިލާ ކޮލެޖަށް ތައާރަފު ކުރުމާ އެކު މިހާރު ރާއްޖޭގައި ހުރެގެން އެ ކޯސްތައް ކިޔަވާލުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ. މޭމަހުގެ އިންޓޭކަށް އޭގެތެރެއިން ފަސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ.
ވިލާ ކޮލެޖަކީ ރާއްޖޭގައި އެއް ފުރާޅެއްގެ ދަށުގައި އެންމެ ގިނަ ޕީއެޗްޑީ ހޯލަޑަރުން ކިޔަވައިދިނުމުގައި އުޅުއްވާ ކޮލެޖެވެ. އެ ކޮލެޖުގައި 17 އަށްވުރެ ގިނަ ޑޮކްޓަރޭޓުން މުވައްޒަފުންގެ ގޮތުގައި ހަރަކާތްތެރިވެ އެވެ.
އެ ކޮލެޖުގައި ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ 200 މުވައްޒަފުންގެ ތެރެއިން 80 އިންސައްތައަކީ ވިލާ ކޮލެޖުގެ ދަސްވެނިންނެވެ. އޭގެތެރެއިން 75 އިންސައްތައަކީ ޕޯސްޓު ގުރެޖުއޭޓުންނެވެ.










