ނޭޕްލްސް (މެއި 5) - އިޓާލިއަން ލީގުގައި ރޭ އުދިނޭޒީއާ 1-1 އިން އެއްވަރުކޮށް 33 އަހަރަށް ފަހު ނަޕޯލީން އިޓަލީގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ނަޕޯލީން މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިޓަލީގެ ޗެމްޕިއަންކަން ހޯދި އެވެ. އެންމެ ފުރަތަމަ ހޯދީ 1987 ވަނަ އަހަރު އެވެ. އޭގެ ފަހުން، 1990 ވަނަ އަހަރު އެވެ. ދެ ފަހަރު ވެސް ނަޕޯލީން އިޓަލީގެ ލީގު ތަށި އުފުލާލިއިރު، ތަރި އަކީ ޑިއޭގޯ މަރަޑޯނާ އެވެ.
ބާކީ ފަސް މެޗު އޮއްވަައި، ނަޕޯލީން އިޓަލީގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމަށް ވަނީ 33 މެޗުން 80 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ލާޒިއޯ އަށް 33 މެޗުން ވަނީ 64 ޕޮއިންޓް ލިބިފަ އެވެ. ބާކީ ހުރިހާ މެޗަކުން ނަޕޯލީ ބަލިވިޔަސް، ދެން އެހެން ޓީމަކަށް ނަޕޯލީ އަށް ވުރެ ކުރި ލިބޭނެގޮތެއް ނެތެވެ.
މީގެ ފަސް ދުވަސް ކުރިން ލީގުގައި ސެލަނިޓާނާއާ އެއްވަރުވެ، ނަޕޯލީ އަށް ލީގު ހޯދަން އިތުރު އިންތިޒާރެއް ކުރަން ޖެހުނެވެ. ނަޕޯލީން ލީގު ޔަގީން ކުރީ ވެސް އެއްވަރުވި މެޗަކަށް ފަހު އެވެ.

ރޭގެ މެޗުގައި ނަޕޯލީގެ ލަނޑު ޖެހި އޮސީމެން އުފާފާޅުކުރަނީ: އޮސީމެން ވަނީ 26 ލީގު މެޗުގައި 21 ގޯލު ޖަހައިފައި.
އަމިއްލަ ދަނޑުގައި ކުޅުނު އުދިނޭޒީން ވަނީ 13 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ ސަންޑީ ލޮވްރިކް ޖެހި ގޯލެކެވެ. މި ލަނޑާ އެކު، ފުރަތަމަ ހާފުގައި އުދިނޭޒީން ވަރަށް ރަނގަޅަށް ޑިފެންސްކޮށް، ނަޕޯލީގެ އެޓޭކްތައް ހުއްޓުވި އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ ނަޕޯލީގެ ފޯވާޑް ވިކްޓަ އޮސީމެން ޖެހި ގޯލުން އެ ޓީމުން އެއްވަރުކުރި އެވެ. އިތުރު ގޯލެއް ޖަހައިގެން، މެޗުން މޮޅުވާން ނަޕޯލީން މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވި އެވެ. އެހެން ނަމަވެސް އެއީ މާޔޫސްވުމެއް ނޫނެވެ. މި ޕޮއިންޓާ އެކު ވެސް ނަޕޯލީ އަށް ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުވެފަ އެވެ.
މެޗުގެ ފަހު ކަށިގަނޑަށް ފަހު، އުދިނޭޒީގެ ދަނޑު ޑާސިއާ އެރީނާގައި ތިބި ނަޕޯލީ ސަޕޯޓަރުން އުފާފާޅުކުރުންތައް ފެށިއިރު، ޓީމުގެ ކުޅުންތެރިން ވެސް ބައިވެރިވި އެވެ. އަދި ނަޕޯލީގެ ސަރަހައްދު، ނޭޕްލްސްގެ މަގުތަކަށް މީހުން އެއްވެ، ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.
"ނަޕޯލީ އަށް ނިސްބަތްވާ ކޮންމެ މީހެއްގެ މޫނު މަތިން އުފާވެރިކަން ފެންނާތީ އެއީ މި ކާމިޔާބީގެ އަސްލު މަންޒަރަކީ، މިއީ ވަރަށް ދުވަހުގެ އިންތިޒާރު،" ރޭގެ މެޗަށް ފަހު ނަޕޯލީގެ ކޯޗު ލޫޝިއާނޯ ސްޕަލެއްޓީ ބުންޏެވެ.
އިޓަލީގެ ތިން ވަނަ ޑިިވިޝަނުގައި، 2006 ވަނަ އަހަރު ވާދަކުރި ނަޕޯލީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އައިސް، އިޓަލީގެ ފުޓްބޯޅައިގެ ވަރުގަދަ ބާރަކަށް މި ވަނީ ވެފަ އެވެ. އެ ގޮތުން މިދިޔަ 11 އަހަރު ތެރޭ ނަޕޯލީން ވަނީ އިޓާލިއަން ކަޕް ތިން ފަހަރު ހޯދައިފަ އެވެ. އެކަމަކު، އެ ކްލަބްގެ ނަން ރަން އަކުރުން ފަވާލާން ބޭނުންވާ ލީގު ތަށި މި ލިބުނީ ދިގު އިންތިޒާރަކަށް ފަހު އެވެ.












