އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ތަމްސީލުކުރާ މެމްބަރު ކަމަށް ކުރިމަތިލެއްވި ފަސް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކު އެމަގާމަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅައި، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި އެވެ.
އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އެ ހަތަރު ބޭފުޅުންގެ ޝަރުުތު ހަމަވާ ކަމަށް އެސްޓީއޯގެ ބޯޑުން ނިންމީ އެ ބޭފުޅުން ހުށަހެޅުއްވި ލިޔެކިއުންތަކާއި އެކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން ކުރި އިންޓަވިއުއަށް ރިއާޔަތްކޮށްގެންނެވެ.
އެ އިންޓަވިއުއަށް ހާޒިރުވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަކީ ވެސް އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ކުރިމަތި ލެއްވި ބޭފުޅުންނަކީ މ.މެއިންޒް ފާތިމަތު ޒުބްނާ އަދުނާނު، ވ.ޝެހެނާޒް މަންޒިލް، އަބްދުﷲ ސައީދު، ޓިއުލިޕް ވިލާ، މުހައްމަދު އަހުސަން ސަލީމް، އަދި ހ. ރީނދޫ ކޮކާ އާއިޝަތު ހުސައިން މަނިކެވެ.
މިއަދު ތަރުތީބު ކުރި ނަން ލިސްޓުގައިވާ ނަންތަކަށް ވޯޓަށް އަހާނީ އެސްޓީއޯއިން ދެން ބާއްވާ އަހަރީ އާންމު ޖަލްސާގަ އެވެ.










