އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތް ސިންގް މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެގައުމުގެ ޑިފެންސް މިނިސްޓަރު ރާޖްނާތް ރާއްޖެ ވަޑައިގަންނަވަނީ ތިން ދުވަހުގެ މުއްދަތަށް ރަސްމީ ދަތުރެއްގައި ކަމަށެވެ. މާދަމައިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުގައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާނެ އެވެ.
އިންޑިއާގެ މިނިސްޓަރު ރާޖްނާތްގެ މި ދަތުރުގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލު ކުރައްވާ، ދެ ގައުމުގެ ދިފާއީ ގުޅުން މުރާޖައާ ކުރުމުގެ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އިންޑިއާއިން އަވައްޓެރި ގައުމުތަކުގެ ވަސީލަތްތައް ތަނަވަސްކުރުމުގައި ވެދޭ އެހީތެރިކަމުގެ ދަށުން ޑިފެންސް މިނިސްޓަރުގެ މި ދަތުރުގައި ރާއްޖެއަށް ފާސްޓް ޕެޓްރޯލް ވެސެލް ޝިޕަކާއި ލޭންޑިން ކްރާފްޓެއް ވެސް ހަދިޔާ ކުރާނެ އެވެ. އަދި ރާއްޖޭގައި ހިނގާ މަޝްރޫއުތައް ކުރިއަށްދާގޮތް ބައްލަވާލައްވާނެ އެވެ.
މި ދަތުރަކީ އިންޑިއާއިން ދެކޭ ގޮތުގައި ދެ ގައުމުގެ ދެމެދު އޮތް ގާތް އެކުވެރިކަމުގައި ފާހަގަކޮށްލެވޭނެ މުހިންމު ދަތުރެކެވެ.

އިންޑިއާ އާއި ރާއްޖެއިން ދަނީ އެކި ދާއިރާތަކުން ކުރިމަތިވެފައިވާ ނުރައްކާތަކާ ކުރިމަތިލުމަށް ގާތުން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ޓެރަރިޒަމް، ރެޑިކަލައިޒޭޝަން، ކަނޑުފޭރުން، ޓްރެފިކްކުރުން، ދުރާލާ ރާވައިގެން ހިންގާ ކުށްތައް އަދި ގުދުރަތީ ކާރިސާތައް ހިމެނެ އެވެ.













