މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީ އިތުރުވެ، ޖުމުލަ އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނިން މިއަދު އާންމުކުރި ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައި ބަލާއިރު، ޖުމުލަ އާމްދަނީ އިތުރުވެފައި ވަނީ ކުންފުނިން ކުރާ އެހެނިހެން ވިޔަފާރިތައް ކުރިއަރައި، ލިބުނު އާމްދަނީ އިތުރުވެފައިވުމުގެ ސަބަބުން ކަމަށެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމުލަ އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 4.04 ބިލިއަން ރުފިޔާ އެވެ.
އެ ކުންފުންޏަށް ލިބުނު ޖުމުލަ އާމްދަނީ އިތުރުވުމާ އެކު އެސްޓީއޯއަށް ލިބުނު ޖުމުލަ ފައިދާ ވެސް ވަނީ 809 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އެއީ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ޖުމުލަ ފައިދާއަށްވުރެ ބޮޑު އަދަދެކެވެ. މިދިޔަ ކުއާޓަރުގައި އެކުންފުންޏަށް ޖުމުލަ ފައިދާގެ ގޮތުގައި ލިބުނީ 679 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއިން ވަނީ މިދިޔަ ކުއާޓަރާ އަޅައި ބަލާއިރު، ޖުމުލަ ފައިދާ 19 އިންސައްތަ ކުރިއަށް ޖައްސައިލާފަ އެވެ.
އެސްޓީއޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރުގައި އެކުންފުންނީގެ ސާފު ފައިދާއަކީ 436 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 368 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު، 37 އިންސައްތައިގެ ކުރިއެރުމެކެވެ.
ފާއިތުވީ ކުއާޓަރުގެ ތެރޭގައި އެސްޓީއޯގެ އާންމު އިޖުތިމާއީ ޒިންމާގެ ދަށުން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ނީލަން ފިހާރައިގައި ރޯވި އަލިފާނުގައި އަސަރުކުރި ފަރާތްތަކަށް ބޭނުންވާ މުދާ، ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓާ ގުޅިގެން އެސްޓީއޯގެ ސްޕޮންސަޝިޕުގެ ދަށުން ވަނީ ހަމަޖައްސައިދީފައެވެ. އަދި ސްކޫލްތަކާއި ހެލްތު ސެންޓަރުތަކުގެ އިތުރުން ކައުންސިލުތަކާއި މިސްކިތްތަކަށް ކުލައާއި ކޮންސްޓްރަކްޝަން ސާމާނާއި ކޮމްޕިއުޓަރާއި ޓީވީ، އޭސީއާއި ފަރުނީޗަރު ފަދަ ތަކެތި އެ ކުންފުނިން ވަނީ ފޯރުކޮށްދީފަ އެވެ.
އޭގެއިތުރުން ކުޅިވަރާއި ޒުވާނުން އަދި މުނިފޫހިފިލުވުމުގެ ބައިން، އެސްޓީއޯއިން ވަނީ މޯލްޑިވްސް ޔޫސް ސާފް ޑިވަލޮޕްމަންޓް ޕްރޮގްރާމާއި ނެޝަނަލް ބިލިއާޑު ޗެމްޕިއަންޝިޕާއި މޯލްޑިވްސް ރޭސިން އެސޯސިއޭޝަންގެ މިއަހަރުގެ އިވެންޓްތަކުގެ އިތުރުން އެހް ކާފް އިން އޯގަނައިޒްކޮށްގެން ބާއްވާފައިވާ "ނޮއިސް" މިއުޒިކް ފެސްޓިވަލް ސްޕޮންސަކޮށްފަ އެވެ.
އެކުންފުނިން މިދިޔަ ކުއާޓަރުގައި ހިންގި ތަފާތު އިވެންޓުތަކަށް ބަލާއިރު، ކުންފުނީގެ ޕުރޮކިއުމަންޓު ޕުރޮސެސް ވީހާވެސް ދެފުށް ފެންނަ، ހަރުދަނާ އުސޫލަކުން ކުރިޔަށް ގެންދިއުމުގެ ގޮތުން، ބައިނަލްއަގުވާމީ އީއާރުޕީ މޮޑިއުލް، އެސްއޭޕީ އަރީބާ ވަނީ ގާއިމު ކޮށްފަ އެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން، އެސްޓީއޯ "ލިޓަލް ވޮންޑާސް" ޕުރޮގްރާމް ވެސް ފަށައިފައި ވަނީ މިދިޔަ ކުއާޓަރުގަ އެވެ. އެ ޕުރޮގުރާމުގެ ދަށުން އެސްޓީއޯ ސްޓާފުންގެ ދަރީންނަށް ރާއްޖޭގެ ޑޭކެއާ ފެސިލީޓީތަކުގެ ހިދުމަތް ހޯދުމުގައި އެސްޓީއޯއިން މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެއިތުރުން މި ނިމުނު ރޯދަ މަހުގައި އެސްޓީއޯއިން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މާރުކާޓެއް ވެސް ހުޅުވައިދީފަ އެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދަޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ވީހާވެސް ދެފުށް ފެންނަ ގޮތަށް، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.










