ޖައިޕޫރް، އިންޑިއާ (އޭޕްރީލް 28) - މިހާރު ކުރިއަށްދާ މަޝްހޫރު ފްރެންޗައިސް ކްރިކެޓް މުބާރާތް، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ޗެންނާއީ ސުޕަ ކިންގްސް 32 ލަނޑުން ބަލިކޮށް ރާޖަސްތާން ރޯޔަލްސް ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި އެވެ.
ރާޖަސްތާން ރޯޔަލްސް ވަނީ 2008 ވަނަ އަހަރު އައިޕީއެލް ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ ފަހުން، އެ ޓީމު އެންމެ ރަނގަޅު ފޯމެއްގައި ފެންނަ އައިޕީއެލް ސީޒަނަކީ މިއީ އެވެ.
ޖުމްލަ އެކު، 10 ޓީމު ވާދަކުރާ މި ފަހަރުގެ އައިޕީއެލްގެ އެންމެ ކުރީގައި އޮތް ތިން ޓީމު ކަމަށްވާ ރާޖަސްތާން އާއި ގުޖުރާތު ޓައިޓަންސް އަދި ޗެންނާއީ އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ. އެއީ، ކޮންމެ ޓީމެއް ވެސް 10 ޕޮއިންޓާ އެކު އެވެ. އެކަމަކު، ނެޓް ރަން ރޭޓަށް ބަލާއިރު، އެންމެ ރެކޯޑް ރަނގަޅީ ރާޖަސްޔާން ކަމަށްވާތީ އެ ޓީމަށް ތާވަލު ކުރި ލިބުނީ އެވެ.

ޗެންނާއީ އާއި ރާޖަސްތާން ރޭ ކުޅުނު މެޗުގެ ތެރެއިން.
ޖޭޕޫރުގެ ސަވާއީ މާންސިންގް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ރާޖަސްތާނުން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، 20 އޯވަރު ތެރޭ ފަސް ކުޅުންތެރިން ނުބައިވެގެން ރާޖަސްތާނަށް ހެދުނީ 202 ލަނޑެވެ. ރާޖަސްތާނަށް މި ސްކޯ ގެނައުމުގައި އެންމެ ބޮޑު ތަފާތެއް ގެނައީ، ޔަޝަސްވީ ޖޭސްވާލް އާއި ޖޯޝް ބަޓްލާގެ ޕާޓްނާޝިޕުންނެެވެ. ޖުމްލަ އެކު، ޖޭސްވާލް 77 ލަނޑު އެއްކުރިއިރު، ބަޓްލާ ވަނީ 27 ލަނޑު ހަދައިފަ އެވެ. ޗެންނާއީގެ ތުޝާރު ދޭޝްޕާންޑޭ ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ޗެންނާއީ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 170 ލަނޑެވެ. ޗެންނާއީގެ ރުތޫރާޖް ގައިކްވާޑް ވަނީ އޯޕަނިން ބެޓްސްމަނެއްގެ ގޮތުގައި އަރައި، 47 ލަނޑު އެއްކޮށްފަ އެވެ. އެންމެ ސްކޯރިން ރަނގަޅުކޮށް މި މެޗުގައި ޗެންނާއީ ޓީމުން ފެނުނީ 52 ލަނޑު ހެދި ޝިވަމް ދޫބޭ އެވެ. މި އިނިންސްގައި އެންމެ ތަފާތު ދެއްކީ، ރާޖަސްތާންގެ އެޑަމް ޒަމްޕާ އެވެ. ޒަމްޕާ ތިން ވިކެޓް ނެގީ ޗެންނާއީ ޓީމުގެ ރުތުރާޖް އާއި ޑެވޯން ކޮންވޭ އަދި މޮއީން އަލީ ނުބައިކޮށްލުމަށް ފަހު އެވެ.












