ރާއްޖޭގައި ތިބެގެން މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ތެރެއިން އުފެއްދި ވިލާ ކޮލެޖުގެ ފައިދާ އެތައް ހާސް ދަރިވަރުންނަށް ދަނީ ކުރަމުންނެވެ. އެގޮތުން, ޝަރުއީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށްވެސް ރަނގަޅު ފުރުސަތުތަކެއް ވަނީ ފަހިކޮށް ދީފަ އެވެ.
އެ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން އަންނަނީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ޕްރޮގްރާމެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ވިލާ ކޮލެޖުގެ އަމިއްލަ ޝަރީއާ އެންޑް ލޯގެ ޑިޕްލޮމާ އަދި ޑިގްރީ ޕްރޮގްރާމާއި، ޝަރީއާ އެންޑް ލޯގެ މާސްޓާސް ޕްރޮގްރާމެވެ. ޝަރީއާ އެންޑް ލޯގެ މާސްޓާސް ޕްރޮގްރާމަކީ ދަރިވަރުންނަށް ކްރިމިނަލް ލޯ އިން ހާއްސަ ވެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.
މި ހުރިހާ ކޯސްތަކުގައި ވެސް ދަރިވަރުންނަށް ކުލާހަށް ހާޒިރުވެގެން ނުވަތަ ކޮންމެ ތަނެއްގައި ހުރެގެން އޮންލައިންކޮށް ބައިވެރިވެ، ކިޔެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފަ އެވެ.
އެ ފެކަލްޓީގެ ޑީން އަލްއުސްތާޒާ އަސްނާ އަހުމަދު ވިދާޅުވީ ވިލާ ކޮލެޖުން ހިންގަމުން އަންނަ ޝަރީއާ އަދި ގާނޫނުގެ ކޯސްތަކުގައި ކިޔަވައިދެނީ އެ ދާއިރާގެ އިލްމީ، ގާބިލު ބޭފުޅުން ކަމަށެވެ.
ގާނޫނީ ދާއިރާގެ ތަޖުރިބާކާރެއް ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްތަކުގެ ގެ ކޮންޓެންޓް އެކުލެވިފައިވާ ގޮތުން ދަރިވަރުންގެ ކްރިޓިކަލް ތިންކިން އިތުރުކޮށް ކަންތައްތަކާ ދޭތެރޭ ތަފާތު ނަޒަރިއްޔާތުން ބަލައި އެނަލައިޒް ކުރުމަށް މަގުފަހިވެގެން ދާނެ އެވެ. އޭގެ އިތުރުން ދަރިވަރުންގެ މުއާމަލާތު ކުރުމުގެ ހުނަރާއި އެހެން މީހުންނާ އެކު މަސައްކަތްކުރަން އެނގުން ފަދަ ހުނަރުތަކަކީ މި ޕްރޮގުރާމްތަކުގެ ތެރެއިން ދަސްވެގެންދާ މުހިންމު ހުނަރުތަކެކެވެ.
އަސްނާ އިތުރަށް ވިދާޅުވި ގޮތުގައި އެ ފެކަލްޓީގެ ޕްރޮގުރާމުތަކަށް ދަރިވަރުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، އެ ކޯސްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ. އެގޮތުން އެ ކޯސްތަކާ މެދު އިންޑަސްޓްރީން ދެކޭ ގޮތް ބަލައި، ކޯސްތައް ފަރުމާ ކުރުމުގައި މަސައްކަތުގެ މާހައުލުގައި ދަރިވަރުން ކާމިޔާބު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވިފައިވާނެ ކަމަށެވެ.
"ޝަރުއީ އަދި ގާނޫނީ ދާއިރާގެ ބޭފުޅުންގެ ލަފަ އާއި، ދަރިވަރުންގެ ފީޑުބެކަށް ބެލުމަށްފަހު ކަންކަން ރަނގަޅުކޮށް ދަރިވަރުން ކިޔެވުމަށް އިތުރަށް ޝައުގުވެރިވާނެ ބަދަލުތައް ގެނައުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ އެއް ކަންތައް" އަސްނާ ވިދާޅުވި އެވެ.
މިހާރުވެސް އެ ކޮލެޖުގައި ކިޔަވާ ދަރިވަރުންނަށް އެކްސްޕީރިއެންޝަލް ލާނިންގެ ފުރުސަތުތައް ފަހި ކޮށްދިނުމަށް ގިނަގުނަ މަސައްކަތައް ވިލާ ކޮލެޖުން ދަނީ ކުރަމުންނެވެ. އެގޮތުން, ދަރިވަރުންނަށް މޫޓު ކޭމްޕުތައް ބޭއްވުމާއި މި ދާއިރާއިން އިންޓަނޭޝަނަލް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ހޯދައި ދިނުމަށް އެ ކޮލެޖުން މަސައްކަތް ކުރަމުން ދެއެވެ.
އެއާއެކު ދަރިވަރުންނަށް ވަޒީފާގެ މާހައުލަށް ނުކުންނަން ބޭނުންވާ ހުނަރުތައް ތަރައްގީ ކުރުމަށްޓަކައި ކޮންމެ ސެމިސްޓާ އަކު ވެސް "ލީގަލް ޑްރާފްޓިން ވޯކް ޝޮޕްތައްވެސް ކޮލެޖުން ހިންގަ އެވެ. އަދި, މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ހެކި އެއްކުރުމުގެ (އެވިޑެންސް ކަލެކްޝަން) ދާއިރާއިން ފޮރެންސިކް ވޯކްޝޮޕްތައް ވެސް ހިންގަ އެވެ.
ގާނޫނީ ދާއިރާގެ ދަރިވަރުންގެ ކިބައިގައި ހުރުން އެންމެ މުހިންމު އެއް ސިފަ، ހިލޭ ސާބަހަށް މަސައްކަތް ކުރުން އަށަގެންނެވުމަށްޓަކައި، ކިޔަވަމުންދާއިރު ޕްރޮބޯނޯ ލީގަލް ކްލިނިކް (ހިލޭ ސާބަހަށް ގާނޫނީ ލަފާ ދިނުން) ގެ މަސައްކަތްވެސް ވިލާ ކޮލެޖުގެ ދަރިވަރުންނަށް އެ ކޮލެޖުން އަންނަނީ މަޝްހޫރު ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ، ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރާ އެކު ކުރަމުންނެވެ.
އަދި, އެ ދަރިވަރުންނަށް ވިލާ ކޮލެޖުން އިންތިޒާމުކޮށްގެން ބޭއްވޭ ކޮންފަރެންސްތަކާއި އަދި އެކިއެކި އިންޓަނޭޝަނަލް ކޮންފަރެންސް ތަކުގައި އިލްމީ ދިރާސާ ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ވެސް އެ ކޮލެޖުން ހޯދައިދެ އެވެ. އަސްނާ ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ދަރިވަރުންގެ މެދުގައި ގާނޫނީ ދާއިރާއިން ދިރާސާ ކުރުމުގެ ހުނަރު އާލާވެ ތަރައްގީވުމަށް އެހީތެރި ވެދެ އެވެ.
ވިލާ ކޮލެޖުން ދަނީ އާންމު ރައްޔިތުންނަށް ފަސޭހައިން ދޭހަވާނެ ފަދަ ގޮތަކަށް ގާނޫނުތައް ފޯރުކޮށްދިނުމަށް ޝަރީއާ ކިޔަވާ ދަރިވަރުން ތަމްރީނު ކުރުމަށް ޔޫއެސްއޭގެ "ސްޓްރީޓް ލޯ" ޕްރޮގްރާމު ވެސް އެ ކޮލެޖުގައި ހިންގަމުންނެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ކުރެވޭ ކަމެއްކަމުގައި ވިޔަސް ދުނިޔޭގެ ހުރިހާ ބޮޑެތި ލޯ ސްކޫލެއްގައި ވެސް ހިންގާ ޕްރޮގްރާމެކެވެ.
ވިލާ ކޮލެޖުގައި ގާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން އުފައްދާފައިވާ " ލޯ ސޮސައިޓީ" އަކީ ދަރިވަރުން އިސްނަގައިގެން ގާނޫނީ ދައިރާގެ އެކިއެކި ހަރަކާތްތައް ހިންގާ ސޮސައިޓީ އެކެވެ. އެ ސޮސައިޓީގެ ހުރިހާ ހަރަކާތްތައް ވެސް ހިންގަމުންދަނީ ލޯ ފެކަލްޓީގެ އެހީތެރިކަމާ އެކު އެ ފެކަލްޓީގެ ބެލުމުގެ ދަށުންނެވެ. އެ ސޮސައިޓީ މެދުވެރިކޮށް ދަރިވަރުންނަށް އިލްމީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މުހިންމު މަސައްކަތްތައް ކުރެ އެވެ.
އުސްތާޒާ އަސްނާ ވިދާޅުވީ އެ ފެކަލްޓީން ކިޔަވައި ނިންމާފައި ތިބި ދަރިވަރުން، މިހާރުވެސް މަތީ މަގާމުތަކުގައި ގައުމަށް ހިދުމަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާ އާއި ޕްރައިވެޓް ސެކްޓާގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.
ދަރިވަރުންނަށް ފަސޭހަވާނެ ގޮތަށް ކޯހުގެ ފީ ދެއްކޭނެ އިންތިޒާމު ވެސް ވިލާ ކޮލެޖުން ވަނީ ހަމަޖައްސައިފަ އެވެ. އޮންލައިންކޮށް، މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭއިރު، އޮންލައިންކޮށް ކޯހަށް ކުރިމަތިލެވޭނެ ފުރުސަތު ވެސް އެ ކޮލެޖުން ވަނީ ފަހިކޮށްދީފަ އެވެ.
މި ކޯސްތަކުގެ އިތުރުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލެންޑުގެ އެލްއެލްބީ (އޮނާސް) ޕްރޮގްރާމާއި އެލްއެލްއެމް (ކޮމާޝަލް ލޯ) ޕްރޮގްރާމަށް ކުރިމަތިލުމުގެ މުއްދަތު ވެސް މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އެލްއެލްއެމް ޕްރޮގްރާމަކީ ގާނުނީ ދާއިރާ ނޫން އެހެން ދާއިރާތަކުން ކިޔަވައިގެން ތިއްބެވި ބޭފުޅުންނަށް ވެސް ބައިވެރިވެވޭނެހެން ފަރުމާ ކުރެވިފައިވާ ޕްރޮގުރާމެކެވެ.
މި ހުރިހާ ކޯސްތަކަކީ ވެސް މޯލްޑިވްސް ބާ ކައުންސިލް އިން އެޕްރޫވް ކޮށްފައިވާ ކޯސްތަކެކެވެ.








