ސްޓެލްކޯ އިން ދެމުގެންދާ ހިދުމަތްތައް ފުރިހަމަކޮށް ހަރުދަނާ ކުރުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުގެ ބެއްލެވުމުގެ ދަށުން ހާއްސަ ޓީމެއް އެކުލަވާލައިފި އެވެ.
އެ ޓީމުގެ ބޭނުމަކީ ހޫނު މޫސުމާ ގުޅިގެން، ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، އެ ކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށް މެދުނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެކުލަވާލި ޓީމެއް ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ސްޓެލްކޯ އިން ހާއްސަ ޓީމެއް އެކުލަވާލި އިރު، މި ދުވަސްވަރަކީ އާދަޔާ ހިލާފަށް ހޫނުގަދަވެ، ރެކޯޑް މިންވަރަކަށް ކަރަންޓު އުފައްދަންޖެހިފައިވާ ދުވަސްވަރަކަށްވުމުން މޫސުމާއި ކަރަންޓު ބިލްތަކަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވަން އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން އެވެ.
އޭގެ ތެރޭއިން އިއްޔެ ވަނީ މޫސުމާ އެކު ކަރަންޓު ބިލްތަކަށް އަންނަ ބަދަލުތަކާއި، ޕީކް ޓްރެންޑުގެ އިތުރުން، ކުންފުނީގެ ބިލިން ޕްރޮސެސްއާއި، އެނޫންވެސް ކަމާއި ގުޅުންހުރި މައުލޫމާތު އެކަމުގެ ފަންނީ ބޭފުޅުން މެދުވެރިކޮށް ފޯރުކޮށްދީ، ކަސްޓަމަރުންނާއި ހަމަޔަށް އެކުންފުނީގެ މައުލުމާތު ގެނެސްދީފަ އެވެ.
އަދި މީގެ އިތުރުން ވެސް އެ ކުންފުނިން ވަނީ މި ދުވަސްވަރު ހޫނު ގަދަވުމާއި ގުޅިގެން، ޕީކް ލޯޑު ދަށްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުންފުނީގެ ހުރިހާ އެއާ ކޮންޑިޝަންތަކެއް 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ބެހެއްޓުމަށް ނިންމާ، ހޫނުން ސަލާމަތްވުމަށްޓަކައި ރަސްމީ އޮފީސް ހެދުމުގެ ބަދަލުގައި ކުރިއަށް އޮތް އެއްމަސް ދުވަހަށް، ކުންފުނީގެ ޔުނީފޯމްގައި އޮފީހަށް އައުމުގެ އިހުތިޔާރު ހުރިހާ މުވައްޒަފުންނަށް މިހާރު ވަނީ ދެވިފައި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.











