27 އަހަރުވީ ރެކޯޑް މުގުރާލި ޝައިމް ކުޅިވަރާއި ކިޔެވުމުގައި ވެސް އުހުގައި

Apr 21, 2023, 6:52 AM
27 އަހަރުވީ ރެކޯޑް މުގުރާލި ޝައިމް ކުޅިވަރާއި ކިޔެވުމުގައި ވެސް އުހުގައި

ރާއްޖޭގެ އެެތުލެޓިކްސް ތާރީހުގައި ގިނަ އަހަރުތަކެއް ފަހުން، މުގުރާލާ ރެކޯޑްތަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބެ އެވެ. އެ ރެކޯޑެއް މުގުރާލާ އެތުލީޓަކު އެހާ ހަމައަށް ކުރާ މަސައްކަތް ދެނެގަންނަން ގިނަ ބަޔަކު އަވަސްވެ އެވެ. އަމުދުން، އެ ރެކޯޑެއް މުގުރާލާ އެތުލީޓަކީ ޒުވާން ކުއްޖެއް ނަމަ، އެ އެތުލީޓަކާ މެދު ގިނަ ބަޔެއްގެ އުންމީދުތަކެއް ގުޅިގެންދެ އެވެ.

މި އަހަރު ފެބްރުއަރީ މަހު، ޏ. ފުވައްމުލަކުގައި ކުރިއަށްދިޔަ އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގެ 19 އަހަރުން ދަށުގެ އަންހެން ހައި ޖަމްޕް އިވެންޓުގައި ވާދަކޮށް، އައްޑޫ ހައި ސްކޫލްގެ އައިޝަތު ޝައިމް އަޒީޒު، 18، ހައި ޖަމްޕްގެ އަންހެން ގައުމީ ރެކޯޑު މުގުރާލިއިރު، މިއީ 27 އަހަރު ވަންދެން މުގުރާނުލެވި އޮތް ރެކޯޑެެކެވެ.

ގައުމީ އަންހެން ހައި ޖަމްޕް ރެކޯޑް، 1996 ގެ ފަހުން، މުގުރާލިއިރު، އެކަން ހާސިލްކުރި، ޝައިމް އެ ހިސާބަށް ވާސިލްވީ ދިރިއުޅުމުގެ ދަތުރުގައި، ގިނަ ކަންތައްތަކެއް ހާސިލްކުރުމުގެ ތެރެއިންނެވެ. އެތުލެޓިކްސް ކެރިއަރުގައި ކުރިއަށްދާން މުހިންމު ބިންގަލެއް ވެސް އެޅީ ރަނގަޅު ވިސްނުންތަކެއްގެ މައްޗަށް ސާބިތުވެ ހުރެ އެވެ.

"އެންމެ ކުޑައިރުއްސުރެ ކިޔެވުމާ އެއްކޮށް، ކުޅިވަރަށް ވެސް ވަރަށް ޝައުގުވެރިކަން ހުރޭ ވަރަށް ކޮމްޕެޓިޓިވް ވެސް ވާނެ. ކޮންމެ މީހަކާ ވާދަކުރަން ޖެހުނަސް. އިތުރު ސްކިލްތައް ވެސް ވަރަށް ޑިސްކަވާ ކުރާހިތްވޭ. އެގޮތުން ގުރުއާން ކިޔެވުމާއި ވާހަކަ ދެއްކުމާ ކުރިއަރައިގެން ދިޔައީ،" އައްޑޫ ސިޓީ މަރަދޫފޭދޫ އަށް އުފަން، ޝައިމް، "އައްޑޫ ލައިވް"ގެ ހުނަރު ޕްރޮގްރާމަށް ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.

"ކޮންމެ ކަމެއް ކުރިޔަސް ކިޔެވުމާއި އެތުލެޓިކްސް އިން އެއްވެސް ވަރަކަށް ދުރަށް ނުދަން. އެހެންވެ، ކޮންސިސްޓަންސީގެ ސަބަބުން ކަންނޭނގެ މި ދެ ދާއިރާ އިން ކުރިއަށްދިޔައީ،"

ޝައިމް ހައި ޖަމްޕްގެ އިވެންޓެއްގައި ވާދަކުރަނީ.-- ފޮޓޯ: ފަލާހު

އުމުރުން 11 އަހަރުގައި އައްޑޫ ޔޫތު ޓީމާ ގުޅި އެތުލެޓިކްސް އިން ކުރިއަށްދިއުމުގެ ދަތުރު ޝައިމް ފެށީ ކެރިއަރެއް ބިނާކުރުމުގެ މާ ބޮޑު ވިސްނުމެއް ނެތި އެވެ. ހުސްވަގުތު އޮންނާތީ އޭގެ ބޭނުން ރަނގަޅު ގޮތުގައި ވެސް ހިފުމަށެވެ.

އައްޑޫގައި ތިބި ހުނަރުވެރި އެތުލެޓިކްސް ކޯޗުންނާ އެކު މަސައްކަތް ކުރަމުން، ޝައިމް ކުރިއެރުން ހޯދަމުން ދިޔަ ދުވެލީގައި އެތުލެޓިކްސް އިން ކުރިއަށްދެވިދާނެ ކަމުގެ އިތުބާރު ބޮޑުވި އެވެ. އެ ގޮތުން، ކޯޗު ސުލްތާން ސައީދާއި އެހެނިގެން ކޯޗުންގެ އެހީތެރިކަން ޝައިމް ފާހަގަކުރެ އެވެ.

"2019 ވަނަ އަހަރު ފުވައްމުލަކުގައި އޮތް މުބާރާތުގައި ހައި ޖަމްޕް އިން ގައުމީ ރެކޯޑާ އެންމެ ކައިރިކޮށް ޖެހުނީ. ދެން އެކަމު، އޭގެ ފަހުން ކޮވިޑް އައިސްގެން ޕެންޑަމިކްއާ ހެދި ބޮޑު ބްރޭކެއް ނަގައިގެން މިދިޔަ އަހަރު އަނެއްކާ ޓްރެއިނިން ފެށީ، އޭރު ދެން ކޯޗު އެންގީ ޖަމްޕްސް އަށް ސްޕެޝަލައިޒްވާންވެގެން،" ޝައިމް ކުރިއެރުންތައް ފެންނަން ފެށި ގޮތަށް އިޝާރާތްކޮށް ބުނެލި އެވެ.

"ދެން މި އަހަރު ފުވައްމުލަކަށް ގޮސްފައި ރަނގަޅު ފޯމެއްގައި ހުރެ ހައި ޖަމްޕް އިން ގައުމީ ރެކޯޑް ހެދީ. އަސްލު ބްރޭކްވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ދޯ. އެކަހަލަ އެއްވެސް ހިޔާލެއް އޮވެގެނެއް ނޫން އެ ދުވަހު ދިޔައީ ވެސް އެކަމު، ހީކުރި ވަރަށް ވުރެ ފަސޭހައިން ހަމަ ބްރޭކްވީ،"

އެކަމަކު، ޝައިމްގެ ކޯޗު ޔަސްމާން ސޯލިހު ބުނީ މުބާރާތުގައި ބައިވެރިވިއިރު ވެސް ޝައިމް ރެކޯޑު ހަދާނެކަމުގެ ޔަގީންކަން އޮތް، އެއް ސަބަބަކީ ޕްރެކްޓިހުގައި ވެސް ޝައިމްގެ ޕާސަނަލް ބެސްޓަށްވުރެ މަތިން ޖަހާފައިވާތީ އެވެ.

މަޖަލަކަށް ފެށި އެތުލެޓިކްސް ހަޔާތުގައި ރާއްޖޭގެ އެތުލެޓިކްސް ތާރީހުން ޝައިމް އަށް ޖާގައެއް ލިބުނީ އެވެ.

ކިޔެވުމާއި ކުޅިވަރު "ބެލެންސް ކުރުން": ޝައިމްގެ ހުނަރެއް

ޝައިމް އެ ދެ ކަމެއް އެންމެ ޝައުގުވެރިކޮށް ކުރަން ހިތުލައިގެން އަބަދުވެސް ހުރީ އެތުލެޓިކްސް އިން ކުރިއަށް ދިއުމާއި ކިޔަވައިގެން މޮޅުވުމަށެވެ. މިއީ ކޮންމެ ގޮތެއް ވިޔަސް ތަފާތު ދެ ދާއިރާއެއް ކަމަށްވާތީ، ވިސްނުންތެރިކަމާ އެކު ކުރިއަށްދިއުމަށް ޝައިމް "ބެލެންސް" އެއް ގެންގުޅުނީ އަމިއްލަ ވިސްނުމުގަ އެވެ.

"ބެލެންސް ކުރުން މީގެ އުނދަގޫ ކަމަކީ. ގިނަ ފަަހަރު މުބާރާތްތައް އޮންނަނީ ވެސް ސްކޫލްގެ ޓެސްޓް ދުވަސްކޮޅުގަ. އެެހެންވެ، މުބާރާތުގެ އެއް މަސް ދެ މަސް ކުރިން ޖެހޭނެ ކިޔެވުމަށް ވެސް ތައްޔާރުވެގެން ދަސްކޮށްގެން ހުންނަން އެ ގޮތަށް ދެން ބެލެންސް ކުރަނީ. މުބާރާތް ތެރޭގައި ވެސް ކިޔަވަމުން، ޕްރެކްޓިސް ތެރޭގައި ވެސް ކިޔަވަމުން އެ ގޮތަށް ބެލެންސް ކުރަނީ،" ޝައިމް ބުންޏެވެ.

އިންޓަ ސްކޫލް މުބާރާތެއްގެ ހައިމް ޖަމްޕް އިވެންޓެއްގެ ތެރެއިން ޝައިމް.-- ފޮޓޯ: ފަލާހު

ޝަރަފުއްދީން ސްކޫލުން ސާނަވީ ކިޔަވައި ނިންމާލިއިރު، އެ ސްކޫލްގެ ޑެޕިއުޓީ ކެޕްޓަނަކަށް ހުރި ޝައިމް ބުނީ މުހިންމު ވަގުތުތަކުގައި ރަނގަޅު ނިންމުން ނިންމުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޔަގީންކަމާ އެކު އެ ނިންމުމާ އެއް ގޮތަށް މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް ޝައިމްގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

"ޕެންޑަމިކްގެ ފަހުން އަސްލު (އެތުލެޓިކްސް އިން) ބްރޭކެއް ނަގަން ޖެހުނީ ވެސް އޭގެ ފަހުން އޯ ލެވަލް އޮތީމަ. އޯ ލެވަލް އިން ވެސް ޓޮޕް 10 އަށް ދިއުމަކީ ޑްރީމެއް ވީމަ ހިތަށް އެރީ އިތުރު ފުރުސަތެއް ނުލިބޭނެއޭ އޯލެވަލް ހަދާކަށް، އެކަމު، އޯ ލެވަލް އަށް ފަހު ވެސް އެތުލެޓިކްސް އަށް ދެވޭނެތީ، އޭރު ހުރިހާ ޓައިމަކާއި އެފާޓެއް ކިޔެވުމަށް ދިނީ،" އައްޑޫ ހައި ސްކޫލްގައި ކިޔަވަމުން އަންނަ ޝައިމް ބުންޏެވެ.

އިތުރު ހުނަރުތައް ވެސް ރަނގަޅުކޮށް، އަމިއްލަ އަށް ކުރިއަރަން ބޭނުންްވާ ވިސްނުމުގައި ޝައިމް ކުރިއަށްދާން ހިތްވަރު ލިބިގެންދިޔަ އެއް ކަމަކީ މިދިޔަ އަހަރުގެ ގަައުމީ ގުރުއާން މުބާރާތުން ފުރުސަތު ލިބުމެވެ. އަމިއްލަ ނަފްސާ މެދު އިތުބާރު ބޮޑުވި އެއް ސަބަބަކީ ވެސް އެތުލެޓިކްސް އާއި ކިޔެވުމުގެ އިތުރުން ވެސް ޝައިމް އަށް އަމިއްލަ ނަފްސަށް "ނަމެއް ބިނާ ކުރެވޭނެ" އިތުރު ކަމެއް ފާހަގަވުމެވެ.

"ދެން އެ ދުވަހު ގަބޫލުކުރަން އުނދަގޫވެފައި ހުރީ އެއީ އަޅުގަނޑަށް އެ ފުރުސަތު (ގައުމީ ގުރުއާން މުބާރާތުން ފުރުސަތު) ލިބުނީތީ، ދެން އެތުލެޓިކްސް އިން ވެސް 2019 ވަނަ އަހަރު ގައުމީ ރެކޯޑާ ކައިރިން ޖެހުނީމަ ވަރަށް މީހުންގެ ތަރުހީބު ލިބި ވަރަށް މޯޓިވޭޓްވި ދުވަހެއް އެއީ،" ޝައިމް ބުންޏެވެ.

"ދެން މި ފަހަރު ހައި ޖަމްޕް އިން ރެކޯޑް ބްރޭކްވީމަ އެއީ ދުވަހަކު ވެސް ހަނދާން ނެތޭނެ ދުވަހެއް ހެން ހީނުވޭ. މުޅި މުބާރާތުގެ ތެރޭގައި ވެސް ހަމަ އަޅުގަނޑު މެއިން ޓޮޕިކް އަކަށް އޮތީ. މިދިޔަ އަހަރު ވެސް ލޯންގް ޖަމްޕް އިން ފައިވް މީޓާސް ބްރޭކްވެ، ރެކޯޑާ ކައިރިވީމަ ލޯންގް ޖަމްޕަށް އޮތް އުންމީދު ވެސް ބޮޑުވި،"

އިންޓަ ސްކޫލް މީޓްގެ ކާމިޔާބީ އަށް ފަހު ޝައިމް ފަސް އެނބުރި ބެލުމެއް ނެތެވެ. އެ ގޮތުން، ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި މިދިޔަ މަހު ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ޝައިމް އަށް ލިބުނީ ހައި ޖަމްޕާއި ލޯންގް ޖަމްޕް އަދި ޖެވެލިން އުކުމުން ރަން މެޑަލް ހޯދައިގެންނެވެ.

ޓާގެޓަކަށް ފަހު ޓާގެޓެއް އޮތުމަކީ ކުރިއަށް ދިއުމަށް ހިތްވަރު ނެރޭން ކޮށައިދޭ މަގެވެ. ޝައިމްގެ ހަޔާތުގެ އެތުލެޓިކްސްއާ ގުޅޭ ދަތުރުގައި ހައި ޖަމްޕް ރެކޯޑް އެ އޮތީ އޭނާ އަށް ލިބިފަ އެވެ. ދެން އޭނާގެ ފޯކަސް ހުރީ ލޯންގް ޖަމްޕް ރެކޯޑަށެވެ.

"ދެން ބޭނުމީ ލޯންގް ޖަމްޕް އިން ރެކޯޑް ބްރޭކް ކުރަން. އަސްލު ބޭނުންވީ ވެސް ފުރަތަމަ ލޯންގް ޖަމްޕް އިން ރެކޯޑް ބްރޭކްކުރަން. އެކަމު، ހީކުރި ގޮތަކަށް ނޫން ކަންތައް ދިޔައީ. މި ޓްރައިކުރަނީ އެޓްލީސްޓް މި އަހަރު ލޯންގް ޖަމްޕް ބްރޭކް ކުރެވޭތޯ. އެއީ އަޅުގަނޑުގެ ޕާސަނަލް ބެސްޓް ވެސް ކުޑަތަންކޮޅެއް ރެކޯޑާ ޑިފަރެންސް ހުންނާނީ،" ޝައިމް ބުންޏެވެ.

ރަނގަޅު ޓައިމިންތަކެއް ހާސިލްކޮށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރުމަކީ ވެސް ޝައިމްގެ ހުވަފެނެކެވެ. އެ އަށް ވެސް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޝައިމްގެ އެތުލެޓިކްސް ކެރިއަރުގެ ވާހަކަ މިހާތަނަށް ދައްކާނަމަ އަދި އޮތީ އެހާ ގިނަ ޗެޕްޓަރުތަކެއް ފުރިހަމަވެފައެއް ނޫނެވެ. އެކަން އޭނަ ވެސް ގަބޫލުކުރެ އެވެ. ކުރިއަށް އަދި ގިނަ ކަންތައްތަކެއް ހާސިލްކުރަން އޭނާ ހުރީ އަޒުމުު ކަނޑައަޅައިގެންނެވެ.

ދިރިއުޅުމުގެ ރޭހުގައި ކިޔެވުމާއި އެތުލެޓިކްސްގެ ކަންކަން ބެލެންސްކޮށް ޝައިމްގެ ފަރާތުން މިހާތަނަށް ފެނިގެންދިޔަ ނަމޫނާ، އޭނާ އަށް އެ ދެއްކުނީ އަމިއްލަ ނަފްސަށް އޮތް އިތުބާރާއި ގަބޫލުކުރާ ހަމަތަށް ވެސް ރަނގަޅު ވުމުންނެވެ.

"މިހާ ހިސާބަަށް އައިއިރު ދަސްވި ކަމަކީ ކާމިޔާބު ނުލިބޭނެއޭ ހަމަ ފަށާ ތަނުން، ދިގު މުއްދަތެއް އެ މަސައްކަތުގެ ތެރޭގައި ނަގައިފާނެއޭ. އެންމެ މުހިންމު ކަމަކީ ހިތްވަރު އެއްލުވައިނުލައި ކޮންމެ ދުވަހެއްގައި ކޮންމެ ހާލަތެއްގައި ވެސް މަސައްކަތް ކުރުން. މީގެ އެންމެ މުހިންމީ އަމިއްލަ ނަފްސާއި ހެއްދެވި ފަރާތަށް އޮތް އިތުބާރުގައި ދެމިހުރުން،"

ޝައިމް ދޭ މުހިންމު އަދި އިބުރަތްތެރި މެސެޖަކީ މިއީ އެވެ.

މިދިޔަ މަހު ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން ޝައިމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox