ނިމިގެން މިދިޔަ ރޯދަމަހުގެ ލިޔުންތައް އަޅުގަނޑު ހާއްސަ ކުރެވޭތޯ ބަލާފައިވަނީ، ކީރިތި ޤުރުއާނުގައި އައިސްފައިވާ ކާބޯތަކެއްޗާބެހޭގޮތުންނެވެ. ބޭނުމަކީ ކައިބޮއި އުޅެންވީ ރަނގަޅު ތަކެއްޗަކީ ކޮބައިކަން އަދި އެކަމުގައި ކީރިތި ޤުރުއާނުގެ އިރުޝާދުތަކަކީ ކޮބައިކަން ދެނެގަނެވޭތޯ ގަދައަޅައި މަސައްކަތްކުރުމެވެ. އަދި ކައިބޮއި އުޅުމުގައި އަސާސީ ތަކެތި ގޮތުގައި އަހަރެމެން ހަދައިގެން މިއުޅޭ ތަކެއްޗަކީ ހަމަ ރަނގަޅު ތަކެތިތޯ ވެސް ބުއްދީން ނަޒަރުކޮށް ޤުރުއާނަށް ވިސްނާފިކުރު ހިންގުމެވެ. ބަރަކާތްތެރި ފިތުރު އީދުގެ ތަހުނިޔާ އެންމެ ބޭފުޅުންނަށް އަރިސްކުރަމުން މިލިޔުމުގައި ބަލާލާނީ، ބޯތަކެއްޗަށެވެ.
އަދި އެކަލާނގެ، އުޑުން ފެންވެއްސަވައި އެފެނުން ތިޔަބައިމީހުންގެ ކާނާއެއްގެ ގޮތުގައި މޭވާ ނެރުއްވިކަމަށް ބަޤަރާ ސޫރަތުގެ 22 ވަނަ އާޔަތުގައި ބަޔާންކުރެއެވެ. ﷲ އުޑުން ފެންވެއްސަވައި، ބިންގަނޑު މަރުވެފައިވަނިކޮށް އެބިންގަނޑު ދިރުއްވިކަމަށް އެސޫރަތުގެ 164 ވަނަ އާޔަތުގައި ބަޔާންކުރެއެވެ. އެކަލާނގެ އުޑުން ފެން ވެއްސަވައި އެފެނުން ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވިކަމުގައި އަންޢާމް ސޫރަތުގެ 99 ވަނަ އާޔަތުގައި ބަޔާންކުރެއެވެ. އަދި ކިއެއްތޯއެވެ! ތިމަންރަސްކަލާނގެ އެންމެހާ ތަކެއްޗެއް ހެއްދެވީ ފެނުންކަމަށް ވެސް އަންބިޔާއު ސޫރަތުގެ 30 ވަނަ އާޔަތުގައި ބަޔާންކުރައްވައި، މުޅި ދިރުން އެމައްޗަށް އުފެދިގެން އައުމުގައި ފެނުގެ ދައުރު ބަޔާންކޮށްދެއްވާފައިވެއެވެ. ފެނަކީ އެންމެހާ ތަކެތީގެ ދިރުންކަމަށްވީހިނދު، އެފެނަކީ އިންސާނާގެ ދިރުމަށްވެސް އެންމެ މުހިންމު ބައިކަމާމެދަކު އެހެންވީމާ ޝައްކެތް ނެތެވެ.
އަންނަޙްލު ސޫރަތުގެ 10 ވަނަ އާޔަތަށް ނަޒަރެއް ދެއްވާށެވެ. "ތިޔަބައިމީހުންނަށްޓަކައި، އުޑުން ވާރޭފެން ބާވައިލެއްވީ، އެކަލާނގެއެވެ. އެ ފެނުން (ތިޔަބައިމީހުންނަށް) ބުއިމެއްވެއެވެ.." އެފެން ބޯށޭ ނުވަތަ ބޮވިދާނޭ އެންގެވުމުގެ ބަދަލުގައި އެފެނުގައި ބުއިމެއް ވާކަމަށް އަންގަވާފައިވުމުން، ވާރޭފެން ބޯންވާނީ އޭގައިވާ ބުއިން ހޯދައިގެންކަން ސާފެވެ. އާދޭހެވެ. ވާރޭފެން ނަގަންވާނީ ބުއިމަށް ކަމުދާނެ ސާފު ފެން ލިބޭނެ ނިޒާމެއްގެ ތެރެއިންނެވެ. އެފެނުގައިވާ ބުއިން ފައިދާހުރި ގޮތުގައި ލިބޭނީ އެފެނުގައިވާ ބުއިން ހޯދައިގަތީމައެވެ.
ދެން އަންނަޙްލު ސޫރަތުގެ 66 ވަނަ އާޔަތަށް ނަޒަރެއް ދެއްވާށެވެ! "އަދި ހަމަކަށަވަރުން، ނައަމްސޫފީގައި، ތިޔަބައިމީހުންނަށް އިބުރަތެއް ވާކަން ކަށަވަރެވެ. އޭގެ ބަނޑުގައިވާ ތަކެތިން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބުއިމެއް ދެއްވަމެވެ. (ބަނޑުތެރޭގައިވާ) ތަކެއްޗާއި ލެޔާ ދެމެދުން އުފެދިގެން އަންނަ، ބޯމީހުންނަށް ބުއިމަށް ފަސޭހަ، އަދި ސާފުވެގެންވާ ކިރެވެ." ކިރު އުފެދިގެން އަންނަ ގޮތުގެ މުޢުޖިޒާތް ބަޔާންކުރެއްވުމާއެކު އެކަމަކީ އިންސާނުން ވިސްނާފިކުރުކުރާން އޮތް ކަމެއްކަން ހަނދާންކޮށްދިނުމާއެކު، އެކިރަކީ ބުއިމެއްކަން ބަޔާންކުރައްވާފައިވުމުން ގެރިބަކަރީގެ ކިރަކީ މުހިންމު ބުއިމެއްކަން ސާފެވެ.
މިއާޔަތާ ވިދިގެން އޮތް ނަޙްލު ސޫރަތުގެ 67 ވަނަ އާޔަތުގައި ވެސް ބުއިންތަކެއްގެ ވާހަކަ ބަޔާންކުރެއެވެ. އަންނަޙްލު ސޫރަތުގެ 67 ވަނަ އާޔަތް މިސިލްސިލާގެ ކުރީގެ މަޒުމޫނެއްގައި ގެނެސްދީފައިވާނީ، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގައި އެއާޔަތުގެ މާނަ އޮތް ގޮތަށެވެ. ދިވެހި ތަރުޖަމާގައި އާޔަތުގެ މާނައިގައި އޮންނަނީ "އަދި ކަދުރު ރުކުގެ މޭވާއާއި، މޭބިސްކަދުރުން މަސްތުވާ ބުއިންތަކާއި، ރަނގަޅު ކާތަކެތި ތިޔަބައިމީހުން ބޭނުންކުރަމު އެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. (ނޯޓު: މި އާޔަތް ބާވައިލެއްވީ، ރާ ހަރާންކުރެއްވުމުގެ ކުރީގަ އެވެ.)"
މިއާޔަތުގެ ތަފްސީރުގައި އިމާމް ޠަބަރީ ވިދާޅުވެފައިވާ ބަސްފުޅު މާބޮޑަށް ސައްހަކަމުގައި އަޅުގަނޑަށް ބެލެވެއެވެ. އިމާމް ޠަބަރީ މިއާޔަތުގެ ތަފްސީރުގައި ތަފްސީރު އިލްމުވެރިންގެ ބަހުސް ތަނަވަސްގޮތެއްގައި ގެންނެވުމަށްފަހު ވިދާޅުވަނީ އާޔަތުގައި ވަނީ ބުއްދި ފިލާ ބާވަތުގެ މަސްތުވާތަކެތީގެ ވާހަކަ ނޫންކަމަށެވެ. އިމާމް ތަބަރީ ސައްހަ ކުރެއްވި ރައުޔުގެ މައްޗަށް މިއާޔަތުގެ ތަރުޖަމާ އޮންނާނީ "އަދި ކަދުރު ރުކުގެ މޭވާއާއި، މޭބިސްކަދުރުން، ރާއާއި ރަނގަޅު ކާތަކެތި ތިޔަބައިމީހުން ނެރެމުއެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ." (ނޯޓް: ކޮންމެ ރާއެއް ހުއްދައެވެ. ހުއްދަ ނުވަނީ ބަނގުރާ އެވެ.) މިހެންނެވެ. އާދޭހެވެ! ނަޙްލު ސޫރަތުގެ 10 ވަނަ އާޔަތުގައި ފެނުގެ ވާހަކަ އަދި 66 ވަނަ އާޔަތުގައި ކިރުގެ ވާހަކަ އަދި 67 ވަނަ އާޔަތުގައި ރާ ނުވަތަ ދިޔަފެލައިގެން ހެދޭ އެކިބާވަތުގެ ޖޫހާއި ހުތުގެ ވާހަކައެވެ. އިމާމް ތަބަރީގެ މާނަކުރެއްވުމަށް މުޅި ސޫރަތުގެ ދޭހަގަނޑު ބާރުދޭކަމުގައި ފެންނަނީ މިހެންވީމައެވެ.
އެއަށްފަހު ނަޙްލު ސޫރަތުގެ 68 އަދި 69 ވަނަ އާޔަތުގައި ބަޔާންކުރައްވަނީ ކުޅަނދުރާއި މާމުއިގެ ވާހަކައެވެ. ފަސްދޮޅަސް ނުވަ ވަނަ އާޔަތުގައި "...އެ ތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެއެވެ. އޭގައި (އެބަހީ: މާމުއިގައި) މީސްތަކުންނަށް ޝިފާއެއް ވެއެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެއްކެއްވާކަން ކަށަވަރެވެ." އެހެން ބުއިންތަކާ ހިލާފަށް މާމުއި އަކީ ބުއިމެއްގެ އިތުރުން ބަލިތަކަށް ހުރި ޝިފާއެއްގެ ގޮތުގައި މިއާޔަތުގައި ސިފަކުރައްވާފައިވެއެވެ.
އިސްވެ މިބަޔާންކުރެވުނު ހުރިހާ ބުއިންތަކެއްގެ ވާހަކަ އަންނަޙްލު ސޫރަތުގައި ބަޔާންވެފައިވާއިރު، އެސޫރަތުގެ 5 ވަނަ އާޔަތުގައި އެއްގަމު މަސް އެއީ ކާއެއްޗެއްގެ ގޮތުގައި އަދި 14 ވަނަ އާޔަތުގައި ތާޒާ ކަނޑުމަހުގެ ވާހަކަ ބަޔާންވެފައިވާކަމީ ވެސް ވިސްނައިފި މީހަކަށް އޭގައި ފޮރުވިފައިވާ ހިކުމަތްތައް އަލިވިލިގެންދާނެ ކަމެއްކަމާމެދަކަށް ޝައްކެތް ނެތެވެ. ގޮވާމާއި މޭވާތަކުގެ ވާހަކަވެސް އެސޫރަތުގެ 11 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ. ކީރިތި ޤުރުއާން މުޢުޖިޒާތަކަށްވާ އެންމެ ބޮޑު އެއްސަބަބަކީ އޭގައި ފޮރުވިފައިވާ އިލްމީ ހަގީގަތްކާއި ފައިދާތައް ގިނަވެފައި، އެއީ ވިސްނާފިކުރުކުރި ބަޔަކަށް ހެކިތައް ފެންނަ، ﷲ އަށް ތަޤްވާވެރިވާ ބަޔަކަށް އަލިމަގު ފެންނަ ފޮތަކަށް އެފޮތް ވިޔަތީ އެވެ.
ކުރުކޮށް ފޮނިކޮށް ދަންނަވާނަމަ، ބޯ ތަކެތީގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ ރަނގަޅު އެއްޗެއްގެ ގޮތުގައި ސިފަކުރެވިފައިވަނީ ފެނެވެ. އެއަށްފަހު ކިރެވެ. އަދި މާމުޔެވެ. މާމުއި ވަނީ ޝިފާއެއްގެ ގޮތުގައި ވެސް ސިފަކުރެވިފައެވެ. އިސްވެ ބަހުސްކުރެވުނު ނަޙްލު ސޫރަތުގެ 67 ވަނަ އާޔަތުގައި، މޭވާއިން ނެރެވޭ އެކި ކަހަލަ ބުއިންތައް ނުވަތަ ރާތައް އެއީ ބުއިމެއްގެ ގޮތުގައި އެއާޔަތުގައި ސިފަކުރައްވާފައިނުވެއެވެ. އެގޮތަށް އެތަކެތި ނެރެވޭކަން އެއީ ކުޅަދުންވަންތަ ކަމުގެ ހެކިތަކެއްކަމުގައި އެއާޔަތުގައި ބަޔާންކުރައްވައެވެ. އާދޭހެވެ! އެއިން ނެރެވެނީ ފައިދާހުރި ބުއިމެއް ވިޔަސް ގެއްލުންހުރި ބުއިމެއް ވިޔަސް އެއީ ކުޅަދުންވަންތަ ކަމުގެ ހެއްކެވެ. އެއާޔަތުގެ ސާފު ނައްސުން ދަލީލު ލިބެނީ މޭވާއަކުން ވިޔަސް އުފެއްދޭ ކޮންމެ ބުއިމެއް އަދި ކާއެއްޗެއް އެއީ ފައިދާހުރި އެއްޗެއްކަމުގައި ވެސް ވެދާނެއެވެ. އެހެން ނުވެވެސް ހިނގައިދާނެއެވެ. ގެއްލުންހުރި އެއްވެސް އެއްޗެއް ހުއްދައެއް ނޫނެވެ. އަދި ހުއްދަ އެއްވެސް އެއްޗެއް ގެއްލުން ލިބޭ ވަރަށް ބޭނުންކުރުން ވެސް ހުއްދައެއް ނޫނެވެ.
ބުއިންތަކުގެ ތެރެއިން ހަރާންކުރެއްވި މައިގަނޑު އެއްޗަކީ ބަނގުރާއެވެ. ބަނގުރާ ހަރާންކުރެވުނު މައިގަނޑު ސަބަބަކީ އޭގެ ސަބަބުން ތިމާގެ ބުއްދި ލުހިގެންދާތީ އެވެ. އިންސާނުން އެނޫން ހައިވާނުންނާ ވަކިކުރެވުނު މައިގަނޑު ތަފާތު ބަނގުވުމުގެ ސަބަބުން ނެތިގެންދާތީއެވެ. ބަނގުރާގައި ވަގުތީގޮތުން ލިބޭ ހަމަޖެހުމަކާއި މަޖަލެއް ނުވަތަ ވަގުތީ ގޮތުން ބައެއް ކަންކަމަށް ލިބޭ ހައްލެއް އޮވެދާނެ އެވެ. ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާ ފަދައިން އެއީ އޭގައި ފައިދާއެއް އެކުލެވިގެންވާ އެކަމަކު އޭގެ ސަބަބުން ނުކުންނަ ފާފަ އެޔަށްވުރެ މާގިނަ މާބޮޑު އެއްޗެކެވެ. އާދޭހެވެ! ހުރިހާ ނުބައިކަމެއްގެ މަންމަކަމުގައި ބުނެވުނީ އެހެންވެގެންނެވެ.
ސުވަރުގޭގައި ލިބޭ ރާއަކީ ބަނގުރާކަމަށް ބައެއް މީހުންނަށް ހީވެފައި އޮވެ އެވެ. އެހެނަސް އެއީ ކުށްހީއެކެވެ. ދުނިޔަމަތީގައިވެސް ބަނގުވުން ނުވާ ކޮންމެ ރާއެއް ހުއްދަ އެވެ. ސުވަރުގޭގެ ރާ ހާއްސަވަނީ ސުވަރުގޭގެ ފެން ވެސް ހާއްސަވާ ފަދައިންނެވެ. އަދި ސުވަރުގޭގެ ކިރާއި މާމުއި ވެސް އެއީ ދުނިޔޭގައި މިލިބޭ ކިރާއި މާމުޔާއި ތަފާތު އެއްޗަކަށްވާފަދައިންނެވެ. އަހަރެމެން ވެސް އެ ސުވަރުގޭގައި ތިބޭނީ މާރީތިކޮށް މާޗާލާކީކޮށް ޒުވާންކަން ނުފިލާނެ ގޮތުގެ މަތީން ނޫންތޯ އެވެ؟ އެކަމަކު އެއީ ހަމަ މިދުނިޔޭގައި އުޅޭ އަހަރެމެންނެވެ.
ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާ ބައެއް ބުއިންތަކުގެ މައްޗަށް ނަޒަރެއް ދީ ލިޔާ މިލިޔުން ނިންމާލަން ގަސްދުކުރަނީ އިނގުރާއި ކާފޫރު އެކުލެވޭ ބުއިންތަކުގެ ވާހަކައިންނެވެ. "ހަމަކަށަވަރުން، ހެޔޮލަފާ މީހުން ރާތަށްޓަކުން ބޯނެއެވެ. އެއާ އެއްކުރައްވާފައިވާ އެއްޗަކީ، ކާފޫރު ކަމުގައިވިއެވެ." އަލްއިންސާނު ސޫރަތުގެ 5 ވަނަ އާޔަތުގައި މިގޮތަށް ބަޔާންކުރައްވައެވެ. އިނގުރުގެ މޮޅުކަން އެކުލެވިފައިވާ ރާގެ ވާހަކަ ވެސް އޮތީ ހަމަ އެސޫރަތުގަ އެވެ. އެ ސޫރަތުގެ 12 ވަނަ އާޔަތުން ފެށިގެން ވިދާޅުވާށެވެ. "އެމީހުން ކެތްތެރިވިކަމަށްޓަކައި، ހެޔޮބަދަލެއްގެ ގޮތުގައި އެމީހުންނަށް ސުވަރުގެ ދެއްވިއެވެ. ފަށުވި ފޭރާމުގައި އެތާނގައި އެމީހުން ދާންތަކުގެ މަތީގައި ލެނގިލައިގެން ތިބޭނެ ގޮތުގައެވެ. އެތާނގައި އަވީގެ ހޫނެއް، ނުވަތަ ގަދަ ފިންޏެއްވިޔަސް އެމީހުން ނުދެކޭނެ އެވެ. އެތާނގެ ގަސްގަހުގެ ހިޔާތައް، އެމީހުންނާ ގާތްވެގެންވެ އެވެ. އަދި ގަސްގަހުގެ މޭވާތައް ބިނުމަށް ފަހިކުރައްވައި ފަސޭހަކުރައްވާފައިވެ އެވެ. އަދި ރިހިންވާ ކަންވާރުތަކާއި، ފެންބޯ ތަށިތަކާއިގެން އެމީހުންގެ މެދުގައި ބުރުޖެހޭނެ އެވެ. އެ ތަކެތި ބިއްލޫރި ފަދައިންވެ އެވެ. ރިހީގެ ބިއްލޫރި ތަކެކެވެ. ލިބިގަންނަންވީ ތަށިތަކުގެ ބޮޑުކުޑަމިނާއި އެ ތަށިތަށްޓަށް އަޅާފައިވާ ތަކެތީގެ މިންތައް ކަނޑައަޅާނީ އެމީހުންނެވެ. އަދި އެތާނގައި އެމީހުންނަށް އިނގުރު އެއްކުރެވިފައިވާ ރާތަށްޓެއް ބުއިމަށް ދެއްވާނެއެވެ. އެއީ އެތާނގައިވާ ސަލްސަބީލޭ ކިޔާ އާރަކުންނެވެ."








