މިއުނިކް (އޭޕްރީލް 20) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް ކަޓުވާލައި، މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު، ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
ބަޔާން ދަނޑުގައި ރޭ ކުޅުނު ދެ ވަނަ ލެގުގެ މެޗުން ވަނީ ސިޓީއާ 1-1 އިން އެއްވަރުވެފަ އެވެ. ސިޓީ އަށް އެގްރިގޭޓަށް ބަލާއިރު ކުރި ލިބުނީ 4-1 އިންނެވެ. ސެމީ ފައިނަލުގައި މިހާރު މި އޮތް ގޮތުން ސިޓީން ރެއާލާ ކުޅެން ޖެހުނުއިރު، މިދިޔަ ސީޒަނުގައި ވެސް ރެއާލާއި ސިޓީ ވަނީ ޗެމްޕިއަންްސް ލީގުގެ ސެމީ ފައިނަލުގައި ބައްދަލުކޮށްފަ އެވެ.
ބަޔާން ދަނޑުގައި ރޭ ކުޅުނު މެޗަށް ނުކުތްއިރު ވެސް އެ ޓީމަށް ސެމީން ފުރުސަތެއް ލިބެން އޮތީ ތިން ގޯލުގެ ފަރަަގަކުން މޮޅުވެ، ކުރިއަށް ގޮސްގެން ކަމަށްވާއިރު، އެ ޓީމުން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ.
ރޭގެ މެޗުގައި ސިޓީ އަށް ލީޑުނަގަން ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޕެނަލްޓީ އެއް ލިބުނެވެ. ބަޔާންގެ ޑަޔޫޓް އުޕަމެކާނޯ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ސިޓީގެ އާލިން ބްރައުޓް ހާލަންޑް ފޮނުވާލިއިރު، ދިޔައީ ގޯލާ ސީދާނުވެ އެވެ. ހާލަންޑް އަތުން ޕެނަލްޓީއެއް މި ނާކާމިޔާބުވީ 18 ޕެނަލްޓީ ވެއްދި ފަހުންނެވެ.

ބަޔާން ކޮޅަށް ގޯލު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރަނީ: މިއީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ހާލަންޑް ޖެހި 48 ވަނަ ގޯލު.
ޕެނަލްޓީގައި ގޯލެއް ނުޖެހުނު ނަމަވެސް މެޗުގެ 57 ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި ހާލަންޑް ވަނީ ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ގޯލު ޖަހައިފަ އެވެ. ހާލަންޑް ވަނީ އޭރިއާތެރެއިން ހަމަޖެހިލައިފައި ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ، ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ހާލަންޑްގެ 12 ވަނަ ގޯލެވެ.
ބަޔާނަށް އެއްވަރުކޮށްދިން ގޯލު ޖެހީ މެޗުގެ 83 ވަނަ މިނިޓްގައި ޔޯސުއާ ކިމިކް އެވެ. މިއީ، ބަޔާނުން ބަދަލަކަށް ކުޅެން އެރުވި ސަޑިއޯ މާނޭ ނެގި ހުރަހެއް ސިޓީގެ މެނުއަލް އަކަންޖީ އަތުގައި ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އަކުން ކިމިކް ޖެހި ގޯލެކެވެ.
ބަޔާނާ އެއްވަރުވެ ސިޓީން ހުރިހާ މުބާރާތެއްގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް މި ވަނީ 10 މެޗަށް ފަހު ނިމުން އަތުވެފަ އެވެ. ރޭގެ މެޗުގެ ރެފްރީގެ ނިންމުންތަކަށް ތަކުރާރުކޮށް ފާޑުކިޔަމުންދިއުމުން، ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް އަށް ވަނީ ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މި ވަނީ އޭނާ ކުރިން ކޯޗުކޮށްދިން ބަޔާނާ އަތުން ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ. ސެމީ ފައިނަލުގައި ރެއާލާ ކުޅެން ޖެހޭއިރު، ގާޑިއޯލާ ބުނީ ކޮންމެ ގޮތެއް ވިޔަސް މިއީ ބަޔާން މެޗަށް ވުރެ ތަފާތުވާނެ މެޗެއް ކަމަށާއި ރެއާލަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމުކަން ހަނދާނުން ފޮހެލައިގެން ނުވާނެ ކަމަށެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ސިޓީ އާއި ރެއާލްގެ ތިން ވަނަ ކުރިމަތިލުމެވެ. މި ތިން މެޗުގެ ތެރެއިން ދެ މެޗު ކުޅެފައިވަނީ ގާޑިއޯލާ 2016 ވަނަ އަހަރު ސިޓީއާ ހަވާލުވި ފަހުންނެވެ. އެ ގޮތުން، ރެއާލުން ވަނީ ދެ ފަހަރެއްގެ މަތިން ސެމީ ފައިނަލުގައި ސިޓީ ކަޓުވާލައިފަ އެވެ. އެއީ މިދިޔަ ސީޒަނުގެ އިތުރުން، ސިޓީގެ ކޯޗަކަށް މެނުއަލް ޕެލެގްރީނީ ހުއްޓައި، 2015/2016 ވަނަ އަހަރު އެވެ.
ސިޓީން ވަނީ 2019/2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރެއާލް އަތުން ދެ ލެގުގައި ވެސް މޮޅުވެ، ކާމިޔާބު ހޯދައިފަ އެވެ.












