މިއުނިކް (އޭޕްރީލް 19) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި މިރޭ ބަޔާން މިއުނިކްއާ ދެކޮޅަށް ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ ނުކުންނައިރު، ސިޓީގެ ހަމައެކަނި ވިސްނުމަކީ މެޗުން މޮޅުވުން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސިޓީގެ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ސިޓީން ވަނީ މިދިޔަ ހަފްތާފައި 3-0 އިން ބަޔާން އަތުން މޮޅުވެފަ އެވެ.
މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ފުރަތަމަ ލެގުން މޮޅުވެފައި އޮތް ނަމަވެސް، މުޅިން ޑިފެންސަށް ވިސްނައިގެން ކުޅުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އަދި ސިޓީގެ އަމާޒަކަށް ވާނީ މެޗުން މޮޅުވުން ކަމަށެވެ.
"އަހަންނަށް ނުވިސްނޭ އަހަރަމެން ޑިފެންސަށް އެކަނި ވިސްނަންވީ ސަބަބެއް. އަހަރެން މި ނުކުންނަނީ ރަނގަޅު ގޭމެއް ކުޅެން. އަހަރަމެންގެ އަމާޒަކީ ހަމައެކަނި މެޗު ކޮންޓުރޯލް ކުރުމެއް ނޫން. އަހަރަމެން ބަލާނީ ލަނޑު ވެސް ޖަހައި، މެޗުން މޮޅުވާން. އެ ނޫން ވިސްނުމެއް ނެތް،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ސެމީ ފައިނަލްގެ ޖާގައެއް ހޯދަން ނުކުންނައިރު، މި މުބާރާތުގައި ސިޓީ އަށްވުރެ މުއްސަނދި ތާރީހެއް ބަޔާނަށް ލިބިފައިވުމަކީ ބަޔާނަށް ލިބޭނެ ފައިދާއެއް ނޫން ކަމަށެވެ.
"ތާރީހަށް ބަލަައިގެން މެޗަކަށް ކުރިމަތިލައިފިނަމަ، އެކަން ކާމިޔާބެއް ނުވާނެ. ބަޔާންއަކީ ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ޓީމު. އަހަރަމެން ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭނެ،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ، 2016 ވަނަ އަހަރު ސިޓީގެ ކޯޗުކަމަށް އައީ ބަޔާން ދޫކޮށްލުމަށް ފަހު އެވެ. ގާޑިއޯލާ އަށް ސިޓީ އަދި ބަޔާންގައި ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިނުވެ އެވެ. ގާޑިއޯލާގެ ކާމިޔާބު ކޯޗިން ކެރިއަރުގައި ޗެމްޕިއަންސް ލީގުގެ ތަށީގައި އަތްލި ދެ ފަަހަރަކީ 2009 އާއި 2011 ވަނަ އަހަރު އޭނާ ބާސެލޯނާ އަށް ކޯޗުކޮށްދިންއިރުގަ އެވެ.
ސިޓީ ގޮވައިގެން 2021 ވަނަ އަހަރުގެ ފައިނަލުގައި ބަލިވި ގާޑިއޯލާ ބުނީ ބަޔާން އާއި ސިޓީގައި އޭނާ "ފެއިލްވި" އެއް ކަމެއް ކަމަށް ގިނަ ބަޔަކު ދައްކާ ވާހަކަ އަކީ ޗެމްޕިއަންސް ލީގު ނުހޯދުން ކަމަށެވެ. އެހެންވެ، މިހާރު އެންމެ ބޮޑަށް އަމާޒުހިފާ އެއް މުުބާރާތަކީ ޗެމްޕިއަންސް ލީގު ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
ބަޔާން ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.












