ރިޕޯޓުއަމާޒަކީ ރަމީޒެއް ނޫން، މުއިއްޒު!

އަމާޒަކީ ރަމީޒެއް ނޫން، މުއިއްޒު!

ޕްލޭން ބީއަށް އެހެން "ކެންޑިޑޭޓުން" ގެންދަނީ މަސައްކަތް ކުރަމުން. އެންމެ ކުރީގައި އުޅުއްވަނީ މުއިއްޒު. ޕީޕީއެމްގެ ލީޑަޝިޕްގައި ވާދަވެރިކަން ބޮޑުވެފައިވާއިރު، މުއިއްޒަށް އަމާޒުކޮށްފައިވާ ވަޒަން ދޫކޮށްލާނެ ކަމަށް ގަބޫލުކުރޭ.

އަމާޒަކީ ރަމީޒެއް ނޫން، މުއިއްޒު!

"ސިޔާސީ މަސައްކަތުގައި ބަޔަކު އުޅޭއިރު ކޮންމެ މީހެއްގެ ވެސް ހުންނާނެ އުއްމީދުތަކެއް ހާސިލް ކުރަން ބޭނުންވާ. ޕީޕީއެމްގައި ވެސް އެބަތިބި ވަރަށް ގާބިލް ކަމަށް އެކަށޭނެ ބޭފުޅުން. އެބޭފުޅުންގެ ވެސް ހުންނާނެ އުއްމީދުތަކެއް. އެކަމަކު އެ އުއްމީދު ގުޅިފައި އޮތީ 2023 އަކާ ނޫން،"

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިހެން ގަބޫލުކުރައްވައިގެން ހުންނެވިޔަސް މައިދާނުން ފެންނަ މަންޒަރު ތަފާތެވެ. އެގާރަ އަހަރުގެ ހުކުމެއްގައި ޖަލުގައި ހުންނެވި ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ ޖާގައެއް އަދި ނުފެނެ އެވެ. ޔާމީނަށް ވާދަ ކުރެއްވޭނެ ކަމުގެ އުއްމީދުގައި ޕީޕީއެމްގެ މެމްބަރުން ތިއްބަސް، މިހާރު ތަންފީޒު އެ ކުރާ ހުކުމް މަތީ ކޯޓުން ދަމަހައްޓާނަމަ ވޯޓު ކަރުދާހުގައި ޔާމީންގެ ނަމެއް ނޯންނާނެކަން އެ މެމްބަރުންނަށް ވެސް އެނގެ އެވެ. އެހެންވެ، ޕާޓީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ޕްލޭން ބީ އަކަށް ތައްޔާރުވަމުންނެވެ.

އެ އުއްމީދުގައި ޕީޕީއެމް/ޕީއެންސީގެ ފެކްޝަންތަކަށް ބެހިފައިވާ ގޮތާއި ކުރާ މަސައްކަތްތައް އެނގުނަސް، ޕާޓީގެ ބަދަހިކަން ދެއްކުމާއި ޔާމީން ނޫން ގޮތެއް ހޯދުމުގެ ރޭވުމެއް، މަސައްކަތެއް ނެތް ކަމަށް ދެއްކުމުގެ ބޭނުމުގައި އެ ވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނުވެ އެވެ. ނަމަވެސް އެންމެ ފަހުން ބުޅާ ގޯނިން ބޭރުވީ އެވެ. ނުވަތަ ޖަލުގައި އޮންނަވައިގެން ޔާމީން އެކަން ކުރެއްވީ އެވެ.

މި ރިޕޯޓުގައި ގެނެސްދީފައިވާ ވާހަކަތަކާއި ތުހުމަތުތަކަކީ ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ކިޔައި ދެއްވި ވާހަކަތަކެވެ. މަސްލަހަތަށްޓަކައި ނަން ޖަހަން ބޭނުން ނުވީ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޕްލޭން ބީގެ ފުރުސަތު ފަހިކުރަން އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާގެ އިތުރުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް މަސައްކަތް ކުރައްވަ އެވެ. އަދި, ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާނު މައުމޫނު އެ އުއްމީދުގައި މަސައްކަތްތަކެއް ކުރެއްވުމަށް ފަހު، މިހާރު ވަނީ އެކަން ދޫކޮށްލައްވައިފަ އެވެ.

"އަޅުގަނޑު ގާތު ގައްސާން ވިދާޅުވި ތިމަންނާ އެފަދަ ވިސްނުމެއް ނެތޭ. މިފަހަރު ހުންނާނީ ރައީސް ޔާމީނާ އެކުގައި ކަމަށް. އިރާދަ ކުރެއްވިއްޔާ އުމުރުގައި ތަން އަދި އޮތް ކަމަށް،" ޕީޕީއެމްގެ އިސް ބޭފުޅަކު ގައްސާނާ ހަވާލާ ދެއްވައި ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން ވާހަކަ ދެއްކި ގިނަ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ޕްލޭން ބީގެ ކުރީގައި އުޅުއްވަނީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

މުއިއްޒުގެ ހަރަކާތްތަކުގެ ކުލަ ގަދަވުމަކީ އެހެން "ކެންޑިޑޭޓުންނަށް" ހަޖަމުވި ކަމަކަށް ނުވެ، ޖަލަށް ހަބަރު ފޮނުވި އެވެ. ރައްދުގައި ޖަލުން ފޮނުވި މެސެޖާ އެކު ބަލަން ފެށީ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒުގެ މައްސަލަ އެވެ.

ރަމީޒަކީ ކާކު؟

ސްކޫލު ނިންމެވުމަށް ފަހު އެމްއެންޑީއެފްއާ ގުޅިވަަޑައިގެން، ވިއްސަކަށް އަހަރަށް ފަހު އެ ހިދުމަތުން އިސްތިއުފާ ދެއްވިއިރު ހުންނެވީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގަ އެވެ. އެއަށް ފަހު ޕީޕީއެމްއާ ގުޅިވަޑައިގެން ރައީސް ޔާމީންނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްއާއެކު ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި އެވެ.

ނަމަވެސް، 2021 ގައި ބޭއްވި ސިޓީ ކައުންސިލްގެ އިންތިހާބުގެ ކެމްޕޭނުގައި ރަމީޒު ފެނިގެން ދިޔައީ މުއިއްޒުގެ ޓީމުންނެވެ. ޑެޕިއުޓީ މޭޔަރަކު ހުންނެވި ނަމަވެސް، ސިޓީ ކައުންސިލްގައި އެންމެ ބާރުގަދަ މެމްބަރަކީ އޭނާ އެވެ. މުއިއްޒުގެ ކެމްޕެއިންގެ މުގުލުގައިހުންނެވީ އޭނާ އެވެ. ނަމަވެސް އެ މަސައްކަތް އޭނާ ވެސް އަދި މުއިއްޒުގެ ޓީމުން ވެސް ކުރައްވަނީ ޔާމީނަށް ވާދަ ނުކުރެއްވޭނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ސީދާ ޔާމީންގެ އެންގުމަށް ރަމީޒުގެ މައްސަލަ ބަލަން ޖެހުނީ އެކަމުގެ ސަބަބުންނެވެ. މައްސަލަ ބަލަން ފެށުމުން ޕާޓީން އިސްތިއުފާ ދެއްވުމަށް ފަހު، ރަމީޒު މީޑިއާއާ ވާހަކައެއް ނުދައްކަވަ އެވެ. މުއިއްޒު ވެސް ވާހަކައެއް ނުދައްކަވަނަ އެވެ.

ޔާމީންނާއި މުއިއްޒު ސަލާމް ކުރައްވަނީ --ފޮޓޯ: އަދަދު
ޔާމީންނާއި މުއިއްޒު ސަލާމް ކުރައްވަނީ --ފޮޓޯ: އަދަދު

ޔާމީންނާއި މުއިއްޒު ސަލާމް ކުރައްވަނީ --ފޮޓޯ: އަދަދު

ތުހުމަތާއި އަސްލު އަމާޒު

ރަމީޒުގެ މައްސަލަ ބަލަން ފެށިއިރު ކުރާ ތުހުމަތަކީ ކޮބައިކަމެއް ޕީޕީއެމް ސެކްރެޓޭރިއޭޓުން އަދި ސުލޫކީ ކޮމިޓީން ބުނެފައެއް ނެތެވެ. މައްސަލަ ބަލަން ފެށީ، އަދި ކުރާ ތުހުމަތަކީ ވެސް އާންމު މެމްބަރުންގެ ތުހުމަތެއް ނޫނެވެ. ސީދާ ރައީސް ޔާމީންގެ ތުހުމަތެކެވެ.

މައްސަލަ ބަލަން ފެށުމާއެކު ރަމީޒު ޕާޓީން ވަކިވި ފަހުން، ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރަމީޒުގެ މައްސަލަ ބެލީ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެ މަނިކުފާނު އެދިވަޑައިގަތީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބެލުމަށެވެ. ސަބަބު ވެސް ޝިޔާމް ވިދާޅުވި އެވެ.

"ރިޔާސީ ކެންޑިޑޭޓުގެ ކެންޑިޑެސީއަށް ހުރަސް އެޅޭ ނުވަތަ އުނިކަން އަންނަ ފަދަ ކަމެއް ރިޔާސީ ކެންޑިޑޭޓަށް އެނގިވަޑައިގެން ހިނގާ ކަމަށްވާ ނަމަ އެކަމާ ދޭތެރޭ އެމަނިކުފާނަށް އޮންނާނެ ފުރިހަމަ އިހުތިޔާރު އެކަމަށް ގޮތެއް ނިންމުމަށް،"

"ރައީސްގެ ކެންޑިޑެސީއަށް ހުރަސް އެޅުމަށް ދާ ވާހަކަ (މެސެޖުގައި) އޮތީ. އެ މައްސަލަ ސީރިއަސްކޮށް ބަލައި ދިނުމަށް އެދިވަޑައިގަތީ,"

ރަމީޒުގެ މައްސަލަ ބެލިއިރު، އޭނާއަކީ ރިޔާސީ ޓިކެޓު ހޯއްދެވުމުގެ އުއްމީދެއްގައި މަސައްކަތް ކުރައްވާ ބޭފުޅެއް ނޫނެވެ. ނަމަވެސް އެންމެނަށް ވެސް ފެންނަފަށުގައި، މާލޭ މޭޔަރު ޑރ. މުއިއްޒުގެ އެންމެ ވަރުގަދަ ސަޕޯޓަރަކީ، އަދި އެ މަނިކުފާނުގެ ހުރިހާ ކަމެއް ހިންގެވުމުގައި އެންމެ އިސް ބޭފުޅަކީ ރަމީޒެވެ.

އެ ގުޅުމުގެ ވަރުގަދަކަން ޕީޕީއެމްގެ މެމްބަރުންނަށް އެނގި، އަދި ސިޓީ ކައުންސިލްގެ ހަރަކާތްތަކަށް ގެންނަ ބަދަލުތަކާއި ސިޓީ ކައުންސިލުން ބޮޑެތި މުސާރަ ދީފައިވާ ޕީޕީއެމްގެ މެމްބަރުންގެ އަދަދު އެނގޭއިރު، ވާދަވެރި "ކެންޑިޑޭޓުންނަށް" އެފަދަ ފުރުސަތުތަކެއް ފަހިވެފައެއް ނެތެވެ. އެހެންވެ، ހަމަލާ މުއިއްޒަށް އަމާޒުކުރަން، ޕާޓީގެ އެތެރޭގެ ވާދަވެރިން ބޭނުންވި އެވެ. އެކަން ޔާމީނަށް ވަރަށް ފަސޭހައިން ވިއްކުނެވެ.

"އަސްލު ސަބަބަކީ ރަމީޒުގެ މައްސަލައެއް ނޫން ދެއްތޯ،" ޕީޕީއެމްގެ އެތެރޭގެ ވަރަށް ގިނަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން، އެކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީން އެ ދެއްވީ މުއިއްޒަށް އަދި އެހެން "ކެންޑިޑޭޓުންނަށް" އިންޒާރެކެވެ.

ރަމީޒުގެ މައްސަލަ ބަލަންޖެހުނު ސަބަބުތަކުގެ ތެރޭގައި ވަކި ބަޔަކު ގާތްކޮށްގެން މުއިއްޒު އުޅުއްވުން އުފެދުނު ނަފުރަތު، ބައެއް ހިއްސާކުރެ އެވެ.

ޔާމީނަށް ކުރިން އިއްވާފައި އޮތް ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރި ޝަރީއަތް އަޑުއެހުމަށް ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން އެ ޕާޓީގެ އޮފީހުގައި. -- ފޮޓޯ: އަދަދު
ޔާމީނަށް ކުރިން އިއްވާފައި އޮތް ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރި ޝަރީއަތް އަޑުއެހުމަށް ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން އެ ޕާޓީގެ އޮފީހުގައި. -- ފޮޓޯ: އަދަދު

ޔާމީނަށް ކުރިން އިއްވާފައި އޮތް ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރި ޝަރީއަތް އަޑުއެހުމަށް ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން އެ ޕާޓީގެ އޮފީހުގައި. -- ފޮޓޯ: އަދަދު

"މައްސަލައަކީ މުއިއްޒަ އަޅުގަނޑުމެންނަށް ވެސް އަންގާނުލައި ވަކި ބަޔަކު ގޮވައިގެން ކަންކަން ކުރައްވަން އުޅުން،" ޕީޕީއެމްގެ އިސް މެމްބަރަކު ވިދާޅުވި އެވެ.

ރަމީޒުގެ މައްސަލައަށް ފަހު އަބްދުއްރަހީމްގެ ވެސް ރާގު ބަދަލުވި އެވެ. މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ޔާމީން ޖަލުގައި ހުންނެވި ނަމަވެސް އެ ކޯލިޝަނުގެ ބޭފުޅުން ރިޔާސީ ޓިކެޓާ ގުޅޭ ވާހަކަ ދައްކަން ޖެހޭ އެއްވެސް ހާލަތެއް ނެތް ކަމަށެވެ.

ލީޑަޝިޕުން މިގޮތަށް ވިދާޅުވި ނަމަވެސް ޕްލޭން ބީއަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެކަމުގެ ވާދަ ވެސް ކުރިއަށް އޮތްތަނުގައި އިތުރުވާނެ އެވެ. މުއިއްޒަށް އަމާޒުކޮށްފައިވާ ވަޒަން ދޫކޮށްލާނެ ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ގަބޫލުކުރައްވަ އެވެ.

ހުސެއިން ފިޔާޒް މޫސާ

އެޑިޓަރ އިން ޗީފް

ހުސެއިން ފިޔާޒު މޫސާ އަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ބްރޭންޑް ނަމެކެވެ. މި ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ފިޔާޒު ވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގެ އެންމެ ހޫނު ގަދަ ދުވަސްތަކުގެ ދިލަ އިހުސާސްކޮށްފަ އެވެ. "މިއަދު"، "އާފަތިސް" އަދި "ހަވީރު" ގައި ނޫސްވެރިކަންކުރި ފިޔާޒު ވަނީ ރާއްޖެ ޓީވީގެ ސީއޯއޯގެ މަގާމް ވެސް ފުރައިފަ އެވެ. އެންމެ ފަހުން އަދާކުރީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމެވެ. ފިޔާޒު ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ ރަން ގަލަން ހާސިލްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox