ދިވެހިރާާއްޖެއަށް އެތެރެ ކުރާ، އެއްފަހަރު ބޭނުންކޮށް ނިންމާފައި އުކާލާ ޕްލާސްޓިކުގެ ތެރެއިން 80 ޕަސެންޓު ޕްލާސްޓިކުގެ ގޮސް ޖަމާވަނީ މޫދަށެވެ. މޫދަށް ޖަމާވާ ކުނީގެ ތެރެއިން ވަރަށް ބޮޑު ބަޔަކީ ޕްލާސްޓިކު ކޮތަޅެވެ. ކޮންމެ އަހަރަކު ދިވެހިރާއްޖެއަށް 100 މިލިއަނެއްހާ ޕްލާސްޓިކު ކޮތަޅު އެތެރެ ކުރެ އެވެ.
ޕްލާސްޓިކު ކޮތަޅުގެ ސަބަބުން މުރަކަ އާއި މޫދުގައި އުޅޭ ދިރުންތަކަށް ސީދާ ގެއްލުންވެ، ގޮނޑުދޮށްތައް ކުނިވެ އެވެ. ރާއްޖެގެ ގުދުރަތީ ވެއްޓާއި މާހައުލު ހަލާކުވެގެންދާއިރު އިގްތިސާދު ވެސް އެއާއެކު އަޑިއަށްދާނެ ކަމަށް ތަޖުރިބާކާރުން ލަފާ ކުރެ އެވެ.
ނަމަވެސް އެ މައްސަލައަށް ހައްލެއް ގެންނަން ސަރުކާރުން ފެށި ޕްލާސްޓިކު ފޭސްއައުޓް ޕްލޭންގެ ދަށުން އިއްޔެ މުހިންމު ފިޔަވަޅެއް ވަނީ އަޅައިފަ އެވެ. އެއީ ގަންނަ ކޮންމެ ކޮތަޅަކުން ދެ ރުފިޔާގެ ޓެކުހެއް ދައުލަތަށް ނެގުމެވެ. ސަރުކާރުން ލަފާ ކުރަނީ އޭގެ ސަބަބުން ޕްލާޓިކު ކޮތަޅު ބޭނުން ކުރާ މިންވަރު ހަލުވިކަމާއެކު ދަށްވާނެ ކަމަށެވެ.
އެކަމަކު، އެފިޔަވަޅުގެ ސަބަބުން ބޭނުންވެގެން މިއުޅޭ އިސްލާހު ގެނެވިދާނެކަމާމެދު ވެސް ބައެއް ސްޓޭކްހޯލްޑަރުން ސުވާލު އުފައްދަ އެވެ. އެ އިސްލާހު ނުގެނެވޭނެ ނަމަ ކޮންމެ ކޮތަޅަކުން ޓެކުހެއް ނެގުމުގެ ބޭނުމެއް އޮތްތޯ އެއީ ތަޖުރިބާކާރުންގެ ސުވާލެކެވެ.
ސަރުކާރުން ބޭނުންވަނީ ބޮޑު އިންގިލާބެއް ގެންނަން
ސަރުކާރުން ބޭނުންވަނީ އެއް ފަހަރު ބޭނުންކޮށް އުކާލާ ކަމަށް ފާހަގަވެފައިވާ ޕްލާސްޓިކުގެ 85 ބާވަތެއް 2023 ގެ ނިޔަލަށް ދިވެހިރާއްޖޭގައި ބޭނުން ކުރުން ހުއްޓާލުމެވެ. އެއް ފަހަރު ބޭނުން ކުރާ ޕްލާސްޓިކު ރާއްޖޭގައި މަނާ ކުރާނެކަން އިއުލާނު ކުރެއްވީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކުގައި ބޭއްވި އދ. 74 ވަނަ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ސެޕްޓެމްބަރު، 2019 ގަ އެވެ.
"ހަމަ އިއްޔެ، ސެކްރެޓަރީ ޖެނެރަލްގެ ހާއްސަ ތިމާވެށީގެ ސަމިޓުގައި 'ކްލައިމެޓް ސްމާޓް ރެޒީލިއެންޑް އައިލެންޑްސް' ގެ ނަމުގައި އޮތް ރޭވުމެއް ދިވެހިރާއްޖެއިން ވާނީ ހުށަހަޅައިފަ. އެ ރޭވުމުގެ މަގްސަދަކީ ގުދުރަތީ ހައްލުތަކާއި އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީ ބޭނުންކޮށް އަޅުގަނޑުމެންގެ މުޖްތަމައު ވަރުގަދަ ކުރުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
"އޭގެ ދަށުން އަޅުގަނޑުމެން މި ބަލަނީ، އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކުގެ ބާވަތްތައް 2023 ވަނަ އަހަރުގެ ނިޔަލަށް ފޭސް އައުޓް ކުރަން. މި ރޭވުން ވެގެންދާނީ ދުނިޔޭގެ ގައުމަކުން ހިންގާ އެންމެ އެމްބިޝަސް އަދި އެންމެ ބޮޑު އަސަރެއް ކުރާނެ ޕްލާސްޓިކް ފޭސްއައުޓް ރޭވުމަށް."
ޕްލާސްޓިކް ފޭސްއައުޓް ރޭވުުމުގެ މަގްސަދު
- މޫދަށް އެޅޭ ޕްލާސްޓިކާއި ކުނި މަދު ކުރުން
- އާންމު ކުނިބުނިން ޕްލާސްޓިކު ހިމެނޭ ކުނި ވަކި ކުރުން
- އާންމުންގެ ފަރާތުން މަގުތަކަށް އަޅާ ޕްލާސްޓިކު ކުނި މަދު ކުރުން
- ވީ އެންމެ ބޮޑަކަށް ޕްލާސްޓިކު ރީސައިކަލްކޮށް ޕްލާސްޓިކު އުފައްދާ މައުދަންތައް ނެގުން މަދު ކުރުމަށް ބާރު އެޅުން
- ޕްލާސްޓިކު ބޭނުން ކުރާ ފަރާތްތައް ތިމާވެއްޓަށް ހެޔޮ ތަކެއްޗަށް ބަދަލުވުމަށް ބާރު އެޅުން
- ކުނި ނައްތާލުމަށް އާންމުންގެ އަތުން ކުރަންޖެހޭ ހަރަދު ކުޑަކުރުން
- ޕްލާސްޓިކު ކުނީގެ ސަބަބުން މަސްވެރިކަމާއި ފަތުރުވެރިކަމަށް ކުރާ އަސަރު ކުޑަ ކުރުން
- ޕްލާސްޓިކުން ސިއްހަތަށް ކުރާ ގެއްލުން ކުޑަ ކުރުމާއެކު އާންމުންގެ ދުޅަހެޔޮކަން އިތުރު ކުރުން
ވައުދާ އެއްގޮތަށް ޕްލާސްޓިކު މަނާ ކުރުމަށް އެންމެ ފުރަތަމަ ރައީސް ސޯލިހު އެޅުއްވި ބޮޑު ފިޔަވަޅަކީ ޕްލާސްޓިކު މަނާ ކުރުމުގެ ޕްލޭން ތަންފީޒު ކުރުމަށް ވަޒީރުންގެ މަޖިލީހުން ނޮވެމްބަރު، 2020 ގައި ފާސްކުރުމެވެ.
އޭގެ އެއް މަސް ދުވަސް ފަހުން، ޕްލާސްޓިކު މަނާ ކުރަން ރައީސްއަށް ބާރުލިބިވަޑައިގަންނަވާ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހު އެމަނިކުފާނު ތަސްދީގު ކުރެއްވި އެވެ. އަދި އަހަރު ނިމުމުގެ ގާނޫނުގައި ބުނެފައިވާ ފަދައިން ޕްލާސްޓިކުގެ މަނާވާނެ ބާވަތްތަކާއި ތާރީހުތަކެއް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައެޅުއްވި އެވެ.
ރައީސް މަނާ ކުރެއްވި ތަކެތީގެ ތެރޭގައި ކިއްލި އަޅަން ބޭނުން ކުރި ކުދި ޕްލާސްޓިކު ކޮތަޅާއި ސުޕާރި ޕެކެޓާއި ސްޓައިރަފޯމް ތައްޓާއި ކުދި ސައިބޯނި އަދި ޝޭމްޕޫ ފުޅި ފަދަ ތަކެއްޗާއި ޕްލާސްޓިކު ހޮޅި އާއި ކަފަބުރު ހިމެނެ އެވެ.
އޭގެ ފަހުން، ޕްލާސްޓިކު މަނާ ކުރުމަށް ވޯލްޑް ބޭންކުގެ އެހީގައި ހެދި ރޭވުން އޭޕްރީލް 25، 2021 ގައި ތިމާވެއްޓަ ބެހޭ މިނިސްޓްރީން ޝާއިއު ކުރި އެވެ. އެ ލިޔުން ތައްޔާރު ކުރީ ސަރުކާރާއި މަދަނީ ޖަމިއްޔާތައް ހިމެނޭ ގޮތަށް 10 މެމްބަރުންގެ ކޮމެޓީއަކުންނެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީ އެކުލަވާލި އެ ކޮމެޓީގައި މިހާރުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ކޮތަޅު ފީއަކީ އިތުރުވި ބުރައެއްތަ؟ ނުވަތަ އެކަމުން މަންފާ ލިބޭނެތަ؟
ބައެއް މީހުންނަށް ކަަމުނުދިޔައީ ކޮތަޅު ފީ ނަގަން ފެށި ވަގުތެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ލިޔެފައިވާ ހިޔާލުތަކަށް ބަލާއިރު ޖީއެސްޓީ ބޮޑުވި ދަނޑިވަޅު ކޮތަޅުން އަނެއްކާ ފީއެއް ނަގަން ފެށުމުން ދަތިވާނެ ކަމަށް ބުނެފައި ހުއްޓެވެ.
އަނެއް ބަޔަކު ސުވާލު ކުރަނީ ކޮތަޅުން ފީއެއް ނެގުމުގެ މަގްސަދު ހާސިލްވާނެތޯ އެވެ. ފީއެއް ނަގައިގެން ޕްލާސްޓިކު ކޮތަޅު ބޭނުން ކުރުން މަދު ކުރެވިދާނެތޯ ނުވަތަ މުޖްތަމައެއްގެ ދިރިއުޅުމުގެ އާދަ ބަދަލު ކުރެވިދާނެތޯ ވެސް މީހުން ސުވާލުކޮށްފައި ހުއްޓެވެ.
އެކަމަކު، ކަމުގެ ތަޖުރިބާކާރުން އެންމެ ކަންބޮޑުވަނީ ކުނި މެނޭޖު ކުރުމަށް ކުރަންޖެހޭ ހަރަދު ބޮޑުވުމެވެ. ކުނި މެނޭޖު ކުރަން އާންމުންގެ އަތުން ދާ ހަރަދު ކުޑަކުރުމަކީ ޕްލާސްޓިކް ފޭސްއައުޓް ރޭވުމުގެ ވެސް މަގްސަދެކެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ ކޮތަޅުން އަގު ނަގަން ފެށިއިރު އާންމުންގެ އަތުން ދާނެ ހަރަދަށް ސަރުކާރުން މާ ބޮޑަށް ނުވިސްނާ ކަމަށެވެ.
މާލެ އަދި ރާއްޖޭގެ ވެސް ގިނަ ގޭބީސީތަކުން ކުނި ނެރެނީ ރަތް ކޮތަޅުގަ އެވެ. އެކަމަކު، ފީ ނެގުން އިސްތިސްނާ ކޮތަޅުގެ ތެރެޔަކު ރަތް ކޮތަޅެއް ނުހިމެނެ އެވެ. ގާނޫނުގެ ދަށުން އިސްތިސްނާ ކުރެވެނީ "ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނާ" އެކަންނެވެ.
މާލޭގައި ކުނި އުކުމުގެ ހިދުމަތްދޭ ސަރުކާރުގެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ކުނި އެޅުމަށް ހާއްސަ ކޮތަޅެއް ނުވިއްކަ އެވެ. ނަމަވެސް ވެމްކޯއިން ކުނި ގެންދަނީ ހަމައެކަނި ޕްލާސްޓިކު ކޮތަޅެއްގައި ނެރުނީމަ އެވެ.
"ކޮތަޅުން ފީ ނަގަން ފެށީމަ މިހާރު ކުނި އުކަން އާންމުން ކުރަންޖެހޭ ހަރަދު ތިން ގުނަ ބޮޑުވާނެ. ކޮންމެ ދުވަހަކު ވެމްކޯއަށް ދައްކަންޖެހޭ ފަސް ރުފިޔާގެ އިތުރުން ނެރޭ ކޮންމެ ކޮތަޅަކަށް ވެސް ދެ ރުފިޔާ ދައްކަންޖެހުނީ،" ޒީރޯ ވޭސްޓް މޯލްޑިވްސްގެ އަފްރާހް އިސްމާއިލް ވިދާޅުވި އެވެ.
އޭގެ އިތުރުން، ކުއްލިއަކަށް ފީ ނަގަން ފެށުމުން އާންމުންގެ ފަރާތުން ބޭނުންވާ ބަދަލު ނުފެނިދާނެ ކަމަށް ވެސް އަފްރާހް ލަފާ ކުރައްވަ އެވެ. ކޮތަޅު ފީއަކަށް ދެ ރުފިޔާ މާ ބޮޑު ކަމަށް ވެސް އޭނާ ދެކެ އެވެ.
"ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދަން ބަޔަކާ ހަވާލު ކުރީ ވެސް އިއްޔެ. މިދިޔަ އަހަރު ފާސް ކުރި ގާނޫނެއް މިއީ. އަޅުގަނޑަށް ވަރަށް ޝައްކު ސަރުކާރަށް ކުރަން ލާޒިމްކޮށްފައި އޮތް ގޮތަށް ކަންތައް ކުރެވިދާނެކަމާމެދު،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، ކޮތަޅުން ފީ ނެގުމުގައި ސަރުކާރުގެ ވިސްނުން ވަރަށް ތަފާތެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އާޒިމް ވިދާޅުވީ ކޮތަޅުން ފީއެއް ނަގަނީ ދައުލަތަށް އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ނޫން ކަމަށާއި ހަމައެކަނި މަގްސަދަކީ ޕްލާސްޓިކް ކޮތަޅު މަދުކުރުން ކަމަށެވެ. އަދި ބޭނުންވާ މަގްސަދު ހާސިލްވާނެ ކަމާމެދު ސަރުކާރުން ޝައްކެއް ނުކުރެ އެވެ.
"އަޅުގަނޑުގެ އަތުގައި ހުރި ޕްރިލިމިނަރީ ސްޓެޓިސްޓިކްސްއަށް ބަލާއިރު ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު އަހަރުގެ ތެރޭގައި ޕްލާސްޓިކު ކޮތަޅު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ދަށް ކުރެވޭނެ،" ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ކޮމިނިއުކޭޝަން ސްޕެޝަލިސްޓު އަހުމަދު އާޒިމް ވިދާޅުވި އެވެ. "އެއްވެސް ހާލެއްގައި މި ޓެކްސްއަކީ ސަރުކާރުގެ ރެވެނިއު އިތުރުކުރަން ކުރި ކަމެއް ނޫން."
ޕްލާސްޓިކު ކޮތަޅުން ފީއެއް ނަގަން ފެށުމުން މިވަގުތު ރަައްޔިތުންގެ އަތުން ހަރަދުވާ ފައިސާ އިތުރުވާނެ ކަމަށް ސަރުކާރުން ވެސް ގަބޫލު ކުރެ އެވެ. ނަމަވެސް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އާޒިމް ވިދާޅުވީ، މިހާރު މަސައްކަތް ކުރަނީ ވީހާ އެންމެ އަވަހަކަށް ކުނި އުކުމަށް ހާއްސަ ކޮތަޅު ވެމްކޯއަށް ތައާރަފް ކުރުމަށް ކަމަށެވެ.
"މިދިޔަ އަހަރުއްސުރެ މަސައްކަތް ކުރަމުން މި ދަނީ ކުނި ވަކިކޮށްގެން އުކާލާއިރު ކޮންމެ ބާވަތަކަށް ވަކި ކުލައެއްގެ ކޮތަޅު ހަމަޖައްސަން. މިއީ ތިމާވެއްޓާ ރައްޓެހި ބަޔޯޑީގްރޭޑަބްލް ކޮތަޅު. ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ވެމްކޯއިން މި ކޮތަޅުތައް ތައާރަފް ކުރާނެ،" އާޒިމް ވިދާޅުވި އެވެ.
އަހަރަކު 100 މިލިއަނެއްހާ ޕްލާސްޓިކު ކޮތަޅު ދިވެހިރާއްޖެއަށް އެތެރެ ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ކޮތަޅުން ފީ ނަގަން ފެށި ގައުމުތަކުން ވެސް މިހާތަނަށް ފެނިފައި ވަނީ ރަނގަޅު މިސާލެކެވެ. އަނެއްކާ ޕްލާސްޓިކާ ދެކޮޅަށް މިހާތަނަށް ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ވެސް ރަނގަޅެވެ. މިހާރު ކާނުގަނޑު ކައިރިން ހުސް ސުޕާރި ޕެކެޓެއް ނުފެންނާނެ އެވެ. އެހެންކަމުން ޕްލާސްޓިކު ކޮތަޅުން ފީ ނަގަން ފެށުމުގެ ނަތީޖާ ރަނގަޅުނުވާނެ ކަމަށް އަދި ބުނެވޭކަށް ނެތެވެ.












