މާފުށީ ޖަލުގައި ތިބޭ ގައިދީން، އޮޅުވާލައިގެން ފައިސާ ހޯދަން އެކި މީހުންނަށް ކުރާ ކޯލްތައް ހުއްޓުވަން ކުރާ މަސައްކަތަށް ޓެލެކޮމް އޮޕަރޭޓަރުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ލިޔުމުން ފޮނުއްވި ޖަވާބުގައި އިމްރާން ވިދާޅުވީ މާފުށީ ޖަލު ސަރަހައްދުގެ މުވާސަލާތީ ހިދުމަތަށް ވަކި އެންޓަނާއެއް ހަރުކޮށްފައިވާ ކަމަށެވެ. ޖަލުގައި މޯބައިލް ފޯނު މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ މައުލޫމާތު އެ އެންޓަނާ މެދުވެރިކޮށް ރައްކާކުރެވޭ ކަމަށް ވެސް މިިނިސްޓަރު ވިދާޅުވި އެެވެ.
"...ނަމަވެސް މި މައުލޫމާތު ޖަމާކުރެވެނީ ނެޓްވޯކް އޮޕަރޭޓަރުންގެ ސާވާތަކަށް ކަމުން އެ މައުލޫމާތުތައް ހޯދަން ޖެހެނީ އެފަރާތްތައް މެދުވެރިކޮށެވެ،" ޖަލުން ކުރާ މުއާމަލާތްތަކުގެ މައުލޫމާތު އެއްކުރާ ނިޒާމާ ބެހޭ ގޮތުން އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަލުން ކުރާ ކޯލްތަކުގެ ރެކޯޑިން ހުންނަނީ ޓެލެކޮމް އޮޕަރޭޓަރުންގެ އަތުގައި ކަމަށް ވާއިރު އެ ފަރާތްތަކުން ފުލުހުންނަށް އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ފޯރުކޮށްދެމަކުން ނުދެ އެވެ.
"...އެހެން ނަމަވެސް ކުރިން ވެސް ދެންނެވުނު ފަދައިން މި މައުލޫމާތުތައް ރައްކާކުރެވިފައި ހުންނަނީ ދިރާގާއި އުރީދޫގައި ކަމުގައި ވާތީ އެފަރާތްތަކުން ދިވެހި ފުލުހުންގެ ހިދުމަތަށް ކޯލް ރެކޯޑް ތަކުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދެމުން ނުދާތީއާއި އަދި ފޯރުކޮށްދޭ މައުލޫމާތުތައް އެކި ފޯމެޓްގައި ހުރުމުން ، އެކަމުގެ ސަބަބުން އެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާކަން ފާހަގަކޮށް، އެފަދަ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރުން ލާޒިމުވާ ފަދަ ގާނޫނީ މިންގަނޑެއް އޮތުން މުހިއްމުކަމުގައި އަޅުގަނޑު ދެކެމެވެ،" މަޖިލީހަށް ފޮނުއްވި ސިޓީގައި އިމްރާން ވިދާޅުވި އެވެ.

މައުލޫމާތު ހިއްސާކުރުމުގައި ފަސްޖެހުމުގެ އިތުރުން، ހިދުމަތް ކަނޑައިލަން ފުލުހުން އެދޭ ނަމްބަރުތަކުން ހިދުމަތް ކަނޑައިލުން ލަސްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސިމް ދޫކުރުުމުގައި އޮޕަރޭޓަރުން ގެންގުޅޭ އުސޫލުގެ ސަަބަބުން ވެސް ސްކޭމް ކޯލްތައް ކުރަން މަގުފަހިވާ ކަމަށް މިނިސްޓަަރު ވިދާޅުވި އެވެ. އެގޮތުން އައިޑީކާޑުގެ ކޮޕީއަކަށް ނުވަތަ ބިދޭސީއެއްގެ ޕާސްޕޯޓް ކޮޕީއަކަށް ގިނަ އަދަދެއްގެ ނަމްބަރު ދޫކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިއަހަރުގެ މިހާތަނަށް މާފުށީ ޖަލުން އެކަނި 431 ފޯނު ނަންބަރު ވަނީ ބްލޮކު ކޮށްފަ އެވެ. އަދި, 365 އައިއެމްއީއައި ނަންބަރަށް ހިދުމަތް ނުލިބޭ ގޮތް ހަދާފައިވާއިރު 10 އައިޕީ ވެސް ވަނީ ބްލޮކު ކޮށްފަ އެވެ. ހަމައެހެންމެ, މާފުށީ ޖަލުން 12 ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދާފައިވާ ކަމަށް ވެސް އެ މިނިސްޓްރީގެ މައުލުމާތުތަކުން އެނގެ އެވެ.












