މިލާން (އޭޕްރީލް 17) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން ސަސުއޯލޯ އިން 1-0 އިން ޔުވެންޓަސް ބަލިކުރިއިރު، ރޯމާ އިން 3-0 އިން އުދިނޭޒީގެ މައްޗަށް ކުރިހޯދައި ލީގުގެ ތިން ވަނައިގައި ހަމަޖެހިލައިފި އެވެ.
ލީގުގައި މި ހަފްތާގައި އޭސީ މިލާނާއި އިންޓަ މިލާނަށް މޮޅެއް ނުލިބުމުގެ ފައިދާ ރޯމާ އިން ވަނީ ނަގައިފަ އެވެ.
ލީގުގެ އެއް ވަނައިގައި ނަޕޯލީ އޮތީ 30 މެޗުން 75 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލާޒިއޯ އަށް ވަނީ 30 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ. އަދި ރޯމާ އިން ވަނީ 30 މެޗުން 56 ޕޮއިންޓް ހޯދައިފަ އެވެ. ހަތަރެއްގައި އޮތް މިލާނަށް ވަނީ 30 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. އަދި ފަސް ވަނައިގައި އޮތް އިންޓަ އަސް 30 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ.
ޔުވެންޓަސް ލީގު ތާވަލުގެ ހަތެއްގައި އޮތީ 30 މެޗުން 44 ޕޮއިންޓާ އެކު އެެވެ. ޔުވެންޓަސް އަށް ވުރެ ކުރީގައި އޮތީ ހަ ވަނައިގައި އޮތް އެޓަލަންޓާ އެވެ. އެ ޓީމަށް 29 މެެޗުން ވަނީ 48 ޕޮއިންޓް ލިބިފަ އެވެ.

ސަސުއޯލޯ ދެ ކުޅުންތެރިން ކައިރިން ޔުވެންޓަސްގެ ޕޮގްބާ ބޯޅަ ހިފައިގެންދަނީ.
ސަސުއޯލޯ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން މެޗުގެ ހަމައެކަނި ގޯލު ޖެހީ ޔުވެންޓަސް ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ގްރެގޯރީ ޑެފްރެލް އެވެ. އޭނާ ވަނީ ޔުވެންޓަސްގެ ގޯލުގައި ހުރި މަޓިއާ ޕެރިން އަށް ފުރުސަތެއް ނުދީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
ޔުވެންޓަސްގެ އެއް ވަނަ ކީޕަރު ވޮޒްޝިއޭ ޝެޒްނީ އަށް އަނިޔާވެގެން މި މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ޕެރިން އެވެ.
ދެ ވަނަ ހާފުގައި ބަދަލަަކަށް ޔުވެންޓަސް އިން އެންހެލް ޑި މާރިއާ އާއި ޕައުލް ޕޮގްބާ ކުޅެން އެރުވި ނަމަވެސް ގޯލެއް ނުޖެހި މެޗުން ބަލިވީ އެވެ.
އުދިނޭޒީ ކޮޅަށް ރޯމާ އަށް ލީޑުނަގައިދިނީ 37 ވަނަ މިނިޓްގައި އެޑޮއާޑް ބޯވް އެވެ. މިއީ ރޯމާގެ ބްރަޔާން ކްރިސްޓަންޓޭ ފޮނުވާލި ޕެނަލްޓީ ދަނޑީގައި ޖެހިފައި ނުކުތް ވަގުުތު ބޯވް ޖެހި ގޯލެކެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭ އަންދްރެއާ ބެލޮއްޓީ ދިން ބޯޅަ އަކަށް އަރައި، އޭރިއާތެރެއިން ގޯލުގެ މަތީ ކަަނަށް ބޯޅަ ފޮނުވާލައިގެން ލޮރެންޒޯ ޕެލެގްރީނީ ވަނީ ރޯމާ އަށް ލީޑުފުޅާކޮށްދީފަ އެވެ.
މި މެޗުގައި އުދިނޭޒީ އަށް ގޯލެއް ޖަހައިދޭން ރޮބާޓޯ ޕެރޭރާ ޖެހި ޕެނަލްޓީ ރޯމާ ކީޕަރު ރުއީ ޕެޓްރީޝިއޯ ވަނީ މަތަކޮށްފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި، ރޯމާގެ ލެއޮނާޑޯ ސްޕިނަޒޯލާ ނެގި ހުރަހަކުން ރޯމާގެ ތިން ވަނަ ގޯލު ޖެހީ ޓަމީ އަބްރަހަމް ބޮލުންނެވެ.












