ވާރޭ ވެހޭތީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން ހަމަވާ ވަގުތަށް އެއް ގަޑިއިރު އިތުރު ކުރުމުން އިދިކޮޅު ޕީޕީއެމް އިން އެކަން ކުށްވެރިކޮށްފި އެވެ.
މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިވަގުތު ގުރައިދޫ ދާއިރާގެ ގުޅީގައި ހުންނެވި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަހުމަދު ޝިޔާމް ވިދާޅުވީ ވޯޓުލާ ވަގުތު އިތުރު ކުރީ މަގުބޫލު ސަބަބެއް ނުލައި އަދި މަޝްވަރާ ކުރުމެއް ވެސް ނެތި ކަމަށެވެ.
"ވާރޭކޮޅެއް ވެހިލަފާނެ. މިއީ ދިވެހިރާއްޖެ. ކުޑަ ވާރޭ ކޮޅެއް ވެހުނު، މިތަނަށް ކަނި ޖަހާލި. އަޅުގަނޑަކަށް ނޭނގޭ ގުރައިދޫއަށް ވާރޭ ވެހުނު ކަމެއް ވެސް. އެހެން ރަށަކަށް ނުވެހޭ،" ޝިޔާމް ވިދާޅުވި އެވެ.
ކުރިން ވޯޓުލުން ނިންމަން ބުނި ގަޑިއަށް ވޯޓު ލާފައި ވަނީ 1766 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ތެރެއިން 54 ޕަސެންޓު މީހުންނެވެ.
މިއަދުގެ އިންތިހާބުގައި ވާދަ ކުރެއްވީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިބްރާހިމް ޝާޒް އާއި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ހުސެއިން ރިޒާ އާދަމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ އަލީ އަރީފެވެ.

އެ އިންތިހާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. އެއީ ގުރައިދޫއިން 1394 މީހުންނާއި މާފުށިން 1366 މީހުންނާއި ގުޅިން 663 މީހުންނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަންޖެހުނީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި އިބްރާހިމް ރިޒާ، 55، ނިޔާވުމުންނެވެ. އޭނާ ނިޔާވީ ކެންސަރަށް ފަރުވާ ކުރަމުންދާތާ ގިނަ ދުވަސްތަކަކަށްފަހެވެ.
ދިވެހިރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް ތައާރަފް ކުރި ފަހުން ގުރައިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވީ އިބްރާހިމް ރިޒާ އެވެ. މީގެ ކުރިން 2009 ވަނަ އަހަރާއި 2014 ވަނަ އަހަރާއި 2019 ވަނަ އަހަރު އިންތިހާބު ރިޒާ ކާމިޔާބު ކުރެއްވީ ސާފު އަގުލަބިއްޔަތާއެކު އެވެ.












