ރިޕޯޓުފިކުރު ނުދިރި، ގަތް ވަޅަށް މަރުވާން އައުން!

ފިކުރު ނުދިރި، ގަތް ވަޅަށް މަރުވާން އައުން!

ނަނުގައި ގަންނަ މަސް ދަމާ ކޫއްތައި އޮޑިދަށަށް ގެންނަ ފަހުން އަނެއްކާ ވެސް ގަދަ ދައްކައި ދުރަށް ދުވާނެ އެވެ. އެ ދާ ދިއުމުގައި އެސޮރަށް ބުޅި ކައިލެވުނު ހިސާބަށް ވެސް ހިނގައިދާނެ އެވެ. އެކަަމަކު އެހައިތަނަށް ދެވޭ އިރު އޮންނާނީ ހަކަތަ ހުސްވެފަ އެވެ.

ފިކުރު ނުދިރި، ގަތް ވަޅަށް މަރުވާން އައުން!

ނަނުގައި ގަންނަ މަސް ދަމާ ކޫއްތައި އޮޑިދަށަށް ގެންނަ ފަހުން އަނެއްކާ ވެސް ގަދަ ދައްކައި ދުރަށް ދުވާނެ އެވެ. އެ ދާ ދިއުމުގައި އެސޮރަށް ބުޅި ކައިލެވުނު ހިސާބަށް ވެސް ހިނގައިދާނެ އެވެ. އެކަަމަކު އެހައިތަނަށް ދެވޭ އިރު އޮންނާނީ ހަކަތަ ހުސްވެފަ އެވެ. "ގަތްވަޅަށް މަރުވާން އަންނާނެ އޭ" ބުނާ މުސްކުޅި ބުނުމަކީ އެ ހާލަތު ސިފަކޮށްދޭ ބުނުމެކެވެ.

އެމްޑީޕީގެ ރިޔާސީ ރޭހުން ބަލިވެވަޑައިގެންނެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެށްޓެވި "ފިކުރެއްގެ ދިރުން" ހަރަކާތަށް ވެސް މިހާރު ފެންނަނީ އެ ހާލަތު ޖެހިފައިވާ ތަނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެމަނިކުފާނު ބަލިވެވަޑައިގެންނެވުމަކީ ސިޔާސީ ގޮތުން ބުޅިއެއްގައި ޖެހުމެވެ. އެ ބުޅި ކަނޑައިލާފައި ކުރިއަށް ވަޑައިގަންނަވަން އުފެއްދެވީ ފިކުރެއްގެ ދިރުމެވެ. އެހެން ނަމަވެސް ޕާޓީ ތެރެއިން އެކަމުގައި ކާމިޔާބެއް ލިބިވަޑައިނުގެން، އޭގެ ބޭރުން އޮޑިއާ ދުރުން ވެސް ކާމިޔާބު ނުވެ، އެންމެ ފަހުން މިހާރު އެ އެދިވަޑައިގެންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު މަޝްވަރާއަށް ވަޑައިގެންނެވުމަށެވެ.

"ފިކުރެއްގެ ދިރުން" އަނބުރާ ރައީސާ ސޯލިހާ ހިސާބަށް ދާންޖެހުމަކީ އެ ހަރަކާތުގެ ނިމުމެވެ. އެއީ މަރުވާން ގަތް ވަޅަށް ދިއުމެވެ. އެ ހާލަތު އައުމުގެ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.

ފެށި އިރު އޮތް މަގުސަދު އޮޅިފައި

ޖެނުއަރީ މަހުގެ ފަހުކޮޅު އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ނަޝީދު ފެށްޓެވި ފިކުރެއްގެ ދިރުމުން ކުރަން ގަސްދުކުރަނީ ކޮން ކަމެއްކަން، އެމަނިކުފާނު އޭރު ދެއްވި އިންޓަވިއުއެއްގައި ސާފުކޮށް ވިދާޅުވި އެވެ.

ޕްރައިމަރީގެ ނާކާމިޔާބަށް ފަހު ނަޝީދު އެ މަނިކުފާނުގެ ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުން. އާންމުކޮށް ރީނދޫ ޓައީ އަޅުއްވާ ނަޝީދު އެ ބައްދަލުވުމަށް ވަޑައިގަތީ މަޑު ނޫކުލައެއްގެ ޓައީއެއްގައި. -- ފޮޓޯ: އަދަދު
ޕްރައިމަރީގެ ނާކާމިޔާބަށް ފަހު ނަޝީދު އެ މަނިކުފާނުގެ ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުން. އާންމުކޮށް ރީނދޫ ޓައީ އަޅުއްވާ ނަޝީދު އެ ބައްދަލުވުމަށް ވަޑައިގަތީ މަޑު ނޫކުލައެއްގެ ޓައީއެއްގައި. -- ފޮޓޯ: އަދަދު

ޕްރައިމަރީގެ ނާކާމިޔާބަށް ފަހު ނަޝީދު އެ މަނިކުފާނުގެ ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުން. އާންމުކޮށް ރީނދޫ ޓައީ އަޅުއްވާ ނަޝީދު އެ ބައްދަލުވުމަށް ވަޑައިގަތީ މަޑު ނޫކުލައެއްގެ ޓައީއެއްގައި. -- ފޮޓޯ: އަދަދު

އެމަނިކުފާނު އޭރު ވިދާޅުވީ ފިކުރެއްގެ ދިރުމުގެ ނަމުގައި އުފައްދާ ގޮތްޕަށް މެމްބަރުން އިތުރުކޮށް، ވަކި އަދަދެއް ހަމަކުރައްވާނެ ކަމަށާއި އެއަށް ފަހު، އެ މެމްބަރުން ތާއީދުކުރާނެ ކެންޑިޑޭޓަކު ނިންމާނެ ކަމަށެވެ. އެކަމަކު އެއީ އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ވާހަކަ ނޫންކަން ވެސް އޭރު ދެއްކެވި ވާހަކަފުޅުން ސާފުވެ އެވެ.

"ގޮފީގެ އަދަދަކީ 50،000 މީހުނަށް މަދުވެގެން، އަޅުގަނޑަށް ފެންނަ ތަނުގައި ވާން ޖެހޭނެ. މިގޮތަށް މިކަން ވުމަށް ފަހު، [ގޮފި އުފެއްދުމަށް ފަހު] އެމީހުން ނިންމަންވީ ކޮން ކެންޑިޑޭޓަކަށްތޯ އެމީހުން ތާއީދުކުރަން ގަސްދުކުރަނީ. އަޅުގަނޑަށް ފެންނަ ތަނުގައި އެ މިސްރާބަށް އަޅުގަނޑުމެންނަށް ދެވިގެން ރަނގަޅު، އެމްޑީޕީގެ ސިޔާސަތު ތަކެއް ތަންފީޒުވާނެ ސަރުކާރެއް އަޅުގަނޑުމެންނަށް އުފެއްދޭނީ،" ނަޝީދު އޭރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން މިފަހުން މިސްރާބު ޖެއްސެވީ އެމްޑީޕީގެ ސަރުކާރެއް އުފައްދަވާކަށް ނޫނެވެ. އޭގެ ބަދަލުގައި އެ ބޭފުޅުން މަސައްކަތް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނެރުއްވައި، އޭނާގެ ފަހަތްޕުޅަށް އެރުއްވުމަށެވެ. ޝަރުތުތަަކަކާ އެކުގަ އެވެ.

އެކަމަކު ފިކުރެއްގެ ދިރުން އުފައްދަވަން މަސައްކަތް ފެށްޓެވިއިރު އެ ގޮފިން ތާއީދުކުރާނެ ކެންޑިޑޭޓެއް ކަނޑައަޅަން ގަސްދުކޮށްފައި އޮތީ އެމްޑީޕީން ބޭރުން ނޫންކަން އޭރު ދެއްވި އިންޓަވިއު އިން ސާފުކޮށް އެނގެ އެވެ. އެއީ މިހެން ވިދާޅުވެފައި ވާތީ އެވެ.

"އަޅުގަނޑަށް ލިބިފައި އޮތް ޓިކެޓެއް، ޕްރައިމެރީ އަކުން، އެމްޑީޕީ ކޮންގްރެސް އަކުން އަތުލީ އަަޅުގަނޑު އަތުން. އެމްޑީޕީ ކޮންގްރެެސް އިން ނިންމީ، އެމްޑީޕީ ކޮންގްރެސް އިން ނިންމީ، އެމްޑީޕީ ގައުމީ މަޖިލީހުން ނިންމީ، މޮޅުވާން ކުރަން ޖެހޭ ހުރިހާ ކަމެއް އެމްޑީޕީން ކުރާނެ،" ނަޝީދު އޭރު ވިދާޅުވި އެވެ.

އެ ވާހަކަފުޅުތަކުން އޭރުގެ ތަސައްވުރު ވަރަށް ސާފުކޮށް ފެނެ އެވެ. އެ ތަސައްވުރަކީ ފިކުރެއްގެ ދިރުމަށް 50،000 މެމްބަރުން ހަމަވުމުން އެއީ ބުރަދަން ދޭން ޖެހޭ ބަޔަކަށްވެ، އެ މެމްބަރުންގެ އެދުމާ އެއްގޮތަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވައި ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު އަލުން ނިންމުމެވެ. އަދި އެ ބޭފުޅަކަށް ނަޝީދު ވުމެވެ. އެއީ އެމްޑީޕީން މޮޅުވާން ކުރާނެ ކަމެއް ކަމަށް ކަމަށް ވެސް އެވަނީ ސާފުކޮށް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް އެމަނިކުފާނު އޭރު ވިދާޅުވި ގޮތަށް އެމްޑީޕީގެ ފެކްޝަނެއްގެ ގޮތުގައި ފިކުރެއްގެ ދިރުން ކުރިއަށް ގެންދަވައި މެމްބަރުންގެ އަދަދު އިތުރު ކުރުމުގެ ހަރަކާތްތައް ހިންގެވުނީ ކުޑަ ދުވަސްކޮޅަކަށެވެ.

އެކަން ހުއްޓަވައިލައްވައި ފަހުން ފެނުނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ސަރުކާރާ ދެކޮޅަށް މަސައްކަތްތައް ކުރައްވާ ތަނެވެ. އެއަށްފަހު ދެން ފެނުނީ ރިޔާސީ އިންތިހާބަށް ޖޭޕީއާ އެކު ކޯލިޝަން ހައްދަަވަން މަސައްކަތް ފެއްޓެވި ތަނެވެ.

މިއަހަރު ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ނަޝީދު. -- ފޮޓޯ: ޖޭޕީ
މިއަހަރު ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ނަޝީދު. -- ފޮޓޯ: ޖޭޕީ

މިއަހަރު ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ނަޝީދު. -- ފޮޓޯ: ޖޭޕީ

ޖޭޕީއާ އެކު ނުކުންނަން ކުރި މަސައްކަތް ކާމިޔާބެއް ނުވި

ނަޝީދުގެ ފަރާތްޕުޅުން ވަފުދުތައް ގޮސް ޖޭޕީގެ ލީޑަޝިޕާ އެކު ބައްދަލުވުންތައް ބޭއްވި އެވެ. އެއީ މިހާރު ކޯލިޝަނެކޭ ހީވާ ވަރަށް އެވާހަކަތައް ރަށުތެރޭ ދެކެވުނެވެ. އެހެން ނަމަވެސް އެއީ ހަމަ ދައްކައިލި ކުލަވަރެއްކަން މިހާރު މިވަނީ ފަޅާ އަރައިފަ އެވެ. ފިކުރެއްގެ ދިރުމާއި ޖޭޕީގެ މަޝްވަރާތައް އަދި އެއްބަސްވުމަކާ ގާތަށް ވެސް ނުކުރެވެ އެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ފުރޮޅައިލަން ނަޝީދު ގެންގުޅުއްވާ ތަސައްވުރު، ހުށަހެޅުމެއްގެ ގޮތުގައި ޖޭޕީއަށް ލިބި، އެކަމާ އަދި މަޝްވަރާ ނުކުރެވި އުޅެނިކޮށް އެވަނީ ލީކުވެފަ އެވެ. އެހެންވީމާ މިހާރު އެއީ ނުސީދާ ގޮތެއްގައި ޖޭޕީން ބަލައި ނުގަނެ ބޮލާލައި ޖަހާފައި އޮތް ހުށަހެޅުމެކޭ ވެސް ބުނެވިދާނެ އެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާ އެކު ނަޝީދު ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ހުށަހަޅުއްވާފައިވާ ކަން ވެސް މިހާރު ވަނީ އެނގިފަ އެވެ.

އެމްޑީޕީގެ އިސް ބައެއް މެމްބަރުންނާއެކު ދާދި ފަހުން ރައީސް ސޯލިހު ބޭއްވެވި ބައްދަލުވުމެއްގައި ވެސް ނަޝީދު އާއި ގާސިމްގެ އެ ހުށަހެޅުއްވުމުގެ ވާހަކަ ހިއްސާ ކުރެއްވެވި އެވެ.

"ގިނަ ބޭފުޅުން ތާއިދު ކުރެއްވި އެ ބައްދަލުވުން ކުރިއަށް ގެންދަވަން. ސަބަބަކީ އެމްޑީޕީގެ ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް ރައީސް [ސޯލިހު] އާ ބައްދަލު ކުރައްވަން ހުށަހެޅުއްވީމަ ބައްދަލު ކުރައްވަން ޖެހޭނެ ކަމަށް ލަފާ ދެއްވީ،" ރައީސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވި އެވެ.

ރައީސް ސޯލިހާ ބައްދަލު ކުރައްވަން ހުށަހެޅުއްވި ވާހަކަ ގާސިމް ވެސް ވަނީ އޭނާގެ ޕާޓީގެ އިސް ބޭފުޅުންނާ ހިއްސާ ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގެ ބޭނުމެއް އަދި ނޭނގެ އެވެ. އެހެން ނަމަވެސް ޔަގީންވާ އެއްކަމެއް އެބަ އޮތެވެ. އެއީ ނަޝީދަށް ސިޔާސީ ގޮތުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންފި ކަމެވެ. ރަައީސް ސޯލިހުގެ އަތްޕުޅުން ރިޔާސީ ޓިކެޓް އަތުލައްވަން އުފެއްދެވި ފިކުރު ނުދިރުނު ކަމެވެ.

އެ ފިކުރު އުފެދުނު ހިސާބަކީ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވި ހިސާބެވެ. އެހެންވީމާ ބުޅީގައި ގަތް ހިސާބަކީ އެއީ އެވެ. ރަތްމަހަށް ނުގޮވާހާ އެއްޗިހި ރައީސް ސޯލިހާ ދިމާލަށް ގޮވުމަށް ފަހު ހަމަ އެމަނިކުފާނާ އެކު މަޝްވަރާއަށް ވަޑައިގެންނެވުމަކީ "ގަތް ވަޅަށް" އައުމެވެ. ބަރުލަމާނީ ފިކުރު ނުދިރި މަރުވުމެވެ.

މުހައްމަދު ނަސީމް

ސީނިއާ ޖާނަލިސްޓް

މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox