އަލްމާއިދާ ސޫރަތުގެ 1 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައި ވެ އެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، އެއްބަސްވުންތަކަށް ވަފާތެރިވާށެވެ! އަދި، ތިޔަބައިމީހުންނަށް (އެތަކެއްޗާމެދު ހުކުމް އޮތްގޮތް ޤުރުއާނުން) ބަޔާންކޮށްދެއްވާ ތަކެތި މެނުވީ، ނައަމްސޫފި ތިޔަބައިމީހުންނަށް ހަލާލްކުރައްވާފައި ވެ އެވެ." އެހެންވީމާ މާތް ﷲ އެތަކެތީގެ މަސްކެއުން ހަރާންކުރައްވާކަން އެކަލާނގެ ފޮތުގައި ނުވަތަ މާތް ނަބިއްޔާގެ ސުންނަތުގައި ބަޔާންވެފައި ނެތް ކޮންމެ ނައަމްސޫފީގެ ތެރޭގައި ހިމެނޭ އެއްޗަކީ އޭގެ މަސްކެއުމާއި އޭގެ ކެހެރިފަދަ ތަކެތިން ބޭނުންކުރުމާއި އެނޫންވެސް އެއިން ހޯދައިގަނެވޭނެ މަންފާތައް ހޯދައިގަތުން ހުއްދަ އެއްޗެހިކަން މިއާޔަތުން މުއުމިންތަކުންނަށް އެވަނީ އަންގަވާފަ އެވެ. ނައަމްސޫފިކަމަށް ބުނެފައިވާ ބަހުގެ މުރާދަކީ ގެރިބަކަރި ޖަމަލުފަދަ ތަކެއްޗެވެ. އޭގެ ބާވަތްތަކާއި އެއާ އެއްގިންތިކުރެވޭ ތަކެއްޗަކީ ނިކަން ބައިވަރެވެ. ދިވެހިރާއްޖޭގައި އާންމުކޮށް އުޅޭ ބާވަތުގެ ޖަނަވާރުންނަށް އެތަކެތި ނުވާތީ، ގެރިބަކަރިޖަމަލު ފަދަ ޖަނަވާރޭ ބުނުމުން ކީރިތި ގުރުއާނުގައި އައިސްފައިވާ "އަންޢާމް" ގެ މާނަ ރަނގަޅަށް ދޭހަނުވެ ހިނގައިދާނެ އެވެ. ނަމަވެސް ގާތްގަނޑަކަށް އެމާނަ ނެރެވޭކަމުގައި ފެނެ އެވެ.
މީހަކު ސުވާލުކޮށްފާނެ އެވެ. އާޔަތުގެ ފެށުމުގައި އެއްބަސްވުންތަކަށް ވަފާތެރިވާން އަންގަވާފައި، ކުއްލިއަކަށް ގެރިބަކަރީގެ ވާހަކަ މިއައީ ކިހިނަކުން ހެއްޔެވެ؟ އޭގެ ޖަވާބުގައި އިލްމުވެރިން ތަފާތު ވާހަކަދައްކަވާފައި ވެ އެވެ. ބައެއް އިލްމުވެރިން ވިދާޅުވާގޮތުގައި، މާއިދާ ސޫރަތުގެ ފުރަތަމަ އާޔަތުން އިޝާރާތްކުރަނީ އޭގެ ކުރިޔަށް އޮތް ނިސާއު ސޫރަތުގައި އައިސްފައިވާ އެކިއެކި އެއްބަސްވުންތަކުގެ ވާހަކައަށް ކަމަށެވެ. އާދޭހެވެ! ނިސާއު ސޫރަތުގައި ތަފާތު ބާވަތްތަކުގެ އެއްބަސްވުންތަކުގެ ވާހަކަތައް އައިސްފައި ވެ އެވެ. އަދި ބައެއް އިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، މުޅި މާއިދާ ސޫރަތުގެ ކުރީކޮޅުގައި އެހެރެ އަންނަނީ އިސްލާމްވެގެން ހުރި ކޮންމެ މުސްލިމަކު އޭނާގެ އިސްލާމްކަމުގެ އެއްބަސްވުމުގެ ތެރެއިން ބަނދެވޭ އަދި ނުބަނދެވޭ ކަންތައްތަކުގެ ހުކުމްތަކެވެ. އެހެންވީމާ އާޔަތް ފައްޓަވަމުން އެގޮތަށް އަންގަވާ އެންގެވުމާއި ދެން އޮތް ޖުމުލައާއި ގުޅި ލާމެހިފައި ވެ އެވެ.
މިދިޔަ ހަފުތާގެ ލިޔުން
ނައަމްސޫފި ނުވަތަ ގެރިބަކަރި ޖަނަވާރު އެއީ ނިއުމަތެއްކަމުގައި ކީރިތި ގުރުއާން ބަޔާންކުރެ އެވެ. އޭގައި އެތައް ބޭނުމެއް އެކުލެވިފައިވާކަމަށް ބަޔާންކުރައްވާފައި ވެ އެވެ. އަދި އޭގެ އެއް ބޭނުމުގެ ގޮތުގައި އިންސާނާ އޭގެ މަސް ކެއުން ހިމަނުއްވާފައި ވެ އެވެ. ޙައްޖު ސޫރަތުގެ 28 ވަނަ އާޔަތުގައި އަންގަވާފައިވަނީ، "އެއީ އެމީހުންނަށްހުރި މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެމީހުން ﷲ ގެ ނަންފުޅު ހަނދާންކުރުމަށެވެ. ނައަމްސޫފީގެ ނިއުމަތް އެމީހުންނަށް ދެއްވިކަމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތި ހާލުގައިވާ ފަގީރުންނަށް (އެއިން) ކާންދޭށެވެ!"
ޣާފިރު ސޫރަތުގެ 79 ވަނަ އާޔަތުގައި ނައަމްސޫފީގެ މައިގަނޑު ދެބޭނުމެއް ބަޔާންކުރައްވައި ވަހީކުރައްވާފައިވަނީ "ﷲ އަކީ، ތިޔަބައިމީހުންނަށްޓަކައި ނައަމްސޫފި ލެއްވި ރަސްކަލާނގެ އެވެ. (އެއީ) ތިޔަބައިމީހުން އެއިން (ބައެއް ތަކެއްޗަށް) ސަވާރުވެ އަދި އެއިން ބައެއް ތަކެތި ކެއުމަށްޓަކައެވެ." އެހެންވީމާ އެތަކެތި ލެއްވުނީ އަހަރެމެންނަށްޓަކައެވެ. އަދި އެއިން ކާންޖެހެ އެވެ. އަދި އެނޫންވެސް އެއިން ހޯދައިގަނެވޭ ބޭނުންތައް ހޯދައިގަތުމަކީ އިރުޝާދު އޮތް ކަމެކެވެ.
އެއީ އެއްގަމު މަހުގެ ވާހަކަ އެވެ. ދެން އޮތީ ކަނޑު މަހުގެ ވާހަކަ އެވެ. އަލްމާއިދާ ސޫރަތުގެ 96 ވަނަ އާޔަތުގައި އަންގަވާފައިވަނީ، "ކަނޑުގެ ކެޔޮޅުކަން ކުރުމާއި، އެކަމުންލިބޭ ކާތަކެތި ތިޔަބައިމީހުންނަށް ހަލާލް ކުރައްވާފައި ވެ އެވެ. (އެއީ) ތިޔަބައިމީހުންނަށާއި، ދަތުރުވެރިންނަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގަ އެވެ."
އަދި އަންނަޙްލު ސޫރަތުގެ 14 ވަނަ އާޔަތުގައި "އަދި ތިޔަބައިމީހުންނަށްޓަކައި، ކަނޑު ޚިދުމަތްތެރިކުރެއްވީ އެކަލާނގެ އެވެ. (އެއީ) ތިޔަބައިމީހުން އެ ކަނޑުން ތާޒާ މަސް ކެއުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އަޅައިއުޅޭ ގަހަނާ، އެ ކަނޑުން ނެރެ، ނެގުމަށްޓަކައެވެ. އަދި އެ ކަނޑުގައި ގޮސް އައިސްވާ އުޅަނދުތައް ތިބާ ދެކޭނެ އެވެ. އަދި (އެއީ) ތިޔަބައިމީހުން އެކަލާނގެ ދީލަތިވަންތަކަމުން (ދެއްވުމަށް) އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ޝުކުރުކުރުމަށްޓަކައެވެ." މިއާޔަތުގައިވެސް މިވަނީ ކަނޑުން ތާޒާ މަސްކެއުމަކީ އެކަނޑު އިންސާނާއަށް ހިދުމަތްކޮށްދެއްވި އެއް ސަބަބުކަމުގައި ބަޔާންކުރައްވާފަ އެވެ.
ފައިދާހުރި ދޫނިމަހުގެ ވާހަކައަށް ވެސް ނަޒަރެއް ދެމާހެއްޔެވެ؟ އަލްވާޤިޢަތު ސޫރަތުގެ 21 ވަނަ އާޔަތުގައި، "އަދި އެއުރެން ހިތްއެދޭ ބާވަތްތަކުގެ ދޫނިސޫފާސޫފީގެ މަހާއިގެންނެވެ." މިގޮތަށް ބަޔާންކުރައްވާފައި އޮންނަނީ ސުވަރުގޭގައި މީހުންތިބޭއިރު އެމީހުންގެ ވަށައިގެން ހާދިމުން އެނބުރެމުންދާއިރު، އެމީހުންގެ ފަރިއްކޮޅަށް އެރުވޭ ތަކެތީގެ ވާހަކަ ބަޔާންކުރައްވަމުންނެވެ. ދޫނި މަހަކީ ސުވަރުގޭގައި ލިބޭނެ ކެއުމެއްގެ ގޮތުގައި ސިފަކުރައްވާފައިވުމުން އެމަހަކީ ފައިދާހުރި މީރު މަހެއްކަމާމެދަކު ޝައްކެތް ކުރާނެ ޖާގައެއް ނެތެވެ.
އިސްވެ ބަޔާންކޮށްލެވުނު އާޔަތްތަކުގައި، އެއްގަމު މަހާއި ކަނޑުމަހާއި ދޫނިމަސްކެއުމުގެ ވާހަކަ އައިސްފި އެވެ. އެކަމަކު އެޔާ އެކީ ކާންޖެހޭ އެއްޗެއްގެ ގޮތުގައި ރޮށްޓާއި ބަތެއް ބަޔާންކުރެވިފައި އޮއްވައި ނުފެނުނެވެ. ތަފާތު އެކި ބާވަތުގެ މަހާއެކީ ރޮށި ނުވަތަ ބަތް ކެއުން އެއީ ދީނުގައި ފެންނާން ނެތްކަމެކޭ ބުނަނީކީ ނޫނެވެ. މިހެން މިދަންނަވާލަނީ ވިސްނާފިކުރުމަށް ހުޅުވާލެވޭ ދޮރެއްގެ ގޮތުންނެވެ. އަޅުގަނޑުގެ ކުރީގެ ލިޔުމެއްގައި ފަތްޕިލާވެއްޔާއި ތަރުކާރީ ކެއުމަށް ހުރި އިރުޝާދުތައް ބަޔާންކުރެވިފައިވާނެ އެވެ. އަދި އޭގެ ކުރިން މޭވާއަކީ ކެއުމުގެ މައިގަނޑު ބައެއްގެ ގޮތުގައި ކީރިތި ގުރުއާނުގެ އެތައް ތަނެއްގައި ސިފަކުރެވިފައިވާ ވާހަކަ ބަޔާންކުރެވިފައިވާނެ އެވެ.
ހަމަ ޔަގީނުން އެއްކަމެއް އަޅުގަނޑަށް ސާފު ވެ އެވެ. މޭވާއާއި ތަރުކާރީ އަދި ފަތްޕިލާވެލި އަދި ތަފާތު ބާވަތުގެ މަސް މިއީ އިންސާނުން ކައިބޮއި އުޅުމަށް ރަނގަޅު ތަކެތީގެ ގޮތުގައި ކީރިތި ގުރުއާނުން ދަލީލު ލިބެ އެވެ. ކޮންމެ ކެއުމެއްގެ މައިގަނޑަކީ ގޮދަންފުށާއި ހަނޑުލަށް ހެދުމަކަށް އެފަދަ އިރުޝާދެއް ދީނުގައި ނެތެވެ. ރޮށްޓާއި ބަތުގައި ހިމެނޭ ފައިދާއަށް އިންކާރުކުރަނީކީ ނޫނެވެ. އެކަމަކު ކޮންމެ ކާނާއަކަށް ވެސް ދަރަޖައެއް ކަނޑައެޅިފައިވާކަމަށް ފެންނާތީ އެވާހަކަ ދަންނަވާލަނީ އެވެ. މައިގަނޑު ކޮއްތަކަށް ހަދަންވާނީ ގުރުއާނުގައި ފަށްފަށުން އިރުޝާދު އައި ކޮއްތެއް ކަމަށް ފެންނާތީ އެވެ.
އަދި މީގެ އިތުރުން ފާހަގަކޮށްލަންޖެހޭ ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ. އެއީ އަލްބަޤަރާ ސޫރަތުގެ 172 ވަނަ އާޔަތެވެ. " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ." މިއާޔަތުން ދަލީލު ލިބޭ ކަމަކީ ﷲ އަށް އެކަނި އަޅުކަންކުރާނަމަ، އެބަހީ އެކަލާނގެ އެއްކައުވަންތަ ކުރާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާން ޖެހެ އެވެ. އެކަލާނގެއަށް ޝުކުރުވެރިވާނަމަ، ތިމާ ކައިބޮއި އުޅެންޖެހެނީ އެކަލާނގެ ދެއްވި ތަކެތީގެ ތެރެއިން ރަނގަޅު ތަކެއްޗެވެ. ރަނގަޅު ކާބޯތަކެތި ދެނެގަތުމަށް ކީރިތި ގުރުއާން ބަލާއިރު، އަޅުގަނޑުގެ މިލިޔުމާއި، މީގެ ކުރިން ޝާއިއުކުރި ދެލިޔުމުން ސާފު އިރުޝާދުތަކެއް ލިބޭނެ އެވެ. ދެން އޮތީ ހަމަ އެހާ މުހިންމު އެހެން ވާހަކައެކެވެ. މޭވާއެއް ވިޔަސް ނުވަތަ ފަތްޕިލާވެލި ތަރުކާރީ ވިޔަސް، ނުވަތަ ބާވަތެއްގެ މަހެއް ވިޔަސް، އެ ކައްކާ ހަދާ ގޮތަކުން ނުވަތަ އެޔަށް އެއްކުރެވޭ އެއްޗަކުން، އެއީ ގެއްލުންހުރި އެއްޗެއްކަމުގައިވާ ހިސާބުން އެއީ މިއާޔަތުގައި ބުނާފަދަ ރަނގަޅު ތަކެތީގެ ތެރޭގައި ހިމެނޭނެ އެއްޗެއް ނޫނެވެ. ރަނގަޅު ތަކެތި ވެސް ކާންވާނީ އޭގެ ރަނގަޅު ނުރަނގަޅަށް ހަދާލުމެއް ނެތިއެވެ.
މިލިޔުން ނިންމާލަންވާނީ އެއްގަމު މަހާއި، ކަނޑު މަހާއި ދޫނި މަހުގެ ތެރެއިން ހަރާންކުރެއްވި މަދު މިންވަރުގެ ވާހަކައަށް ވެސް ކަޅިއެއް އެއްލާފަ އެވެ. އޫރު މަސް ހަރާންވެގެންވާކަމަށް ހުރިހާ އިލްމުވެރިން އިއްތިފާގު ވެ އެވެ. އެއީ ކީއްވެތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި ވަރަށް ގިނަ އިލްމުވެރިން ތަފާތު ސަބަބުތައް ބަޔާންކުރައްވާފައި ވެ އެވެ. އަދި ބައެއް ބޭކަލުން އެކަމުގެ އިލްމީ ހަގީގަތްތައް ވެސް ބަޔާންކުރައްވާފައި ވެ އެވެ. އަޅުގަނޑަށް ފެންނަ މަންޒަރަކީ ހުރިހާ މަހެއް ހަލާލުކުރައްވާފައި އޫރުމަސް ހަރާންކުރެއްވުމުން، އިންސާނުންގެ ބަފާ އާދަމްގެފާނާ މިއުންމަތުގެ އެންމެ ފަހު މީހާއާ ހަމައަށް މާތް ﷲ މެދުވެރިކުރެއްވި ދުނިޔަވީ އިމްތިހާނުގެ އެއްގޮތްކުރެއްވުމުގެ ބޮޑުކަމެވެ. އާދަމްގެފާނަށް ވެސް އެންގެވުނީ އެކަލޭގެފާނު ލެއްވުނު ސުވަރުގޭގައި އެންމެ ގަހަކާ ކައިރިވުމެއް ނެތި އެސުވަރުގެއިން އަރާމު ލިބިގަތުމަށެވެ. އެހެންވީމާ އާދަމުގެ ދަރީންގެ އިމްތިހާނުގެ މަފްހޫމް އޮތީ ފެށުނީއްސުރެ އެއުސޫލުގެ މަތީންނެވެ.
ސިންގާއާއި މިނިކާވަގާއި، ކުއްތާއާއި އެއާއިލާއަށް ހިމެނޭ، އޭގެ ދަތްތަކުން އިންސާނުންނަށް ހަމަލާދިނުމުގެ ގާބިލުކަން ހުންނަ ޖަނަވާރުގެ މަސްކެއުން ހުއްދަވެގެން ނުވެ އެވެ. އަދި އޭގެ ވަކިތަކުން ވަކިއަޅައި ކައިއުޅޭ ބާޒުފަދަ ދޫނިތަކުގެ މަސްކެއުން ވެސް ހުއްދައެއް ނޫނެވެ. ކަތިލުމަކާ ނުލައި މަރުވެފައި އޮންނަ އެއްގަމު ޖަނަވާރުގެ މަސް ހަރާމެވެ. ﷲ ފިޔަވައި އެހެން އެއްޗަކަށް ކުރުނީސްކުރުމުގެ ގޮތުން ކަތިލެވިފައިވާ ޖަނަވާރުގެ މަސްކެއުން ވެސް ހަރާމެވެ. މީގެ އިތުރުން ބައެއް އިލްމުވެރިން އިތުރު ކެޓަގަރީއެއް ގެންނަވަ އެވެ. އެއީ ބުއްދީގެ ނަޒަރުން ބަލާއިރު، ނުވަތަ ތަހުޒީބު އިންސާނުންނަށް އެއީ ރަނގަޅު ކާއެއްޗެއްގެ ގޮތުގައި ނުބެލެވޭ ކޮންމެ އެއްޗެއް ހަރާންވެގެންވުމެވެ.
އާދޭހެވެ. ހަރާން ތަކެތީގެ ނަތީޖާ ގޮސް ހުއްޓުނީ ހަމަ އެއްތާކު އެވެ. ބަޤަރާ ސޫރަތުގެ 172 ވަނަ އާޔަތުގައި އޮތް ރަނގަޅު ތަކެތި ކެއުމުގެ ވާހަކަ އެވެ. އޫރުމަހަކީ ރަނގަޅު ކާނާއެއް ނޫންކަމަށް ގުރުއާނުގެ ނައްސުން އަންގަވާފައި ވެ އެވެ. އެޔާއެކު މިނިކާ އަދި އުދުވާނީ ޖަނަވާރުތަކާއި، ވަކިއަޅައި ކައިއުޅޭ ދޫނިތަކާއި، ﷲ ފިޔަވައި އެހެން ފަރާތަކަށް ގުރުބާންކުރެވޭ ތަކެއްޗާއި، ކަތިލުމަކާ ނުލައި މަރުވެފައިވާ އެއްގަމު ޖަނަވާރުގެ މަހާއި، ތަހުޒީބު އިންސާނުން ރަނގަޅު ކާނާގެ ގޮތުގައި ނުދެކޭ ކޮންމެ ބާވަތެއްގެ މަހަކީ، ރަނގަޅު ނޫން ކާނާކަމުގައި އިލްމުވެރިން އެވަނީ ބަޔާންކޮށްދެއްވާފަ އެވެ.
ބައެއް ތަކެތި ހަރާންކުރެވުނީ ގެއްލުންހުރީތީ އެވެ. ބައެއް ތަކެތި ހަރާންކުރެވުނީ ހަޑިމުޑުދާރުކަމުންނެވެ. ބައެއް ތަކެތި ހަރާންކުރެވުނީ އޭގެ ކޮއްތުކަމުގައި ހިމެނިފައި އޮވެދާނެ އެއްޗެއްގެ ސަބަބުންނެވެ. ބައެއް ތަކެތި ހަރާންކުރެވުނީ، ﷲ ގެ އެއްކައުވަންތަކަމަށް ފުށުއަރާ އަގީދާތަކަށް ފުރަގަސްދިނުން ލާޒިމުވުމުގެ ތެރެއިންނެވެ. ބައެއް ތަކެތި ހަރާންކުރެވުނީ މިހުރިހާ ސަބަބެއް އޭގައި ހިމެނިގެންވެސް މެ އެވެ. ހިކުމަތްވަންތަ ކަލާނގެ ފުރިހަމަ ހިކުމަތް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެ އެވެ. ހަލާލްކުރެއްވުނީ ގިނަ ތަކެއްޗެވެ. ހަރާންކުރެއްވުނީ މަދުތަކެއްޗެވެ. އާދަމުގެ ދަރީންނަށް އޮތް ދުނިޔަވީ އިމްތިހާނުގެ ދެންނެވުނު ނަޒަރިއްޔާއަށް އެކަމުން ބާރުލިއްބައިދޭ ގޮތުގަ އެވެ.








