ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގެ ފަހުން އެ އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓު ހުވާ ކުރުމާ ދެމެދު އޮންނަ މުއްދަތުގައި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓެއް ނަގައި, ނިޒާމު ބަދަލުކުރަން ފާސްވެއްޖެނަމަ, 2024 ގެ މަޖިލިސް އިންތިހާބު އެ ބަދަލުތަކާ އެކު ބޭއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށްފަހު ނަޝީދު ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހައްދަވައިގެންނެވެ. އެމަނިކުފާނު ލީޑު ކުރައްވާ ފެކްޝަނުން ރިޔާސީ އިންތިހާބުގައި ކުރިއަށްދާން ނިންމާފައި ވަނީ ޖޭޕީއާ އެކު އެވެ.
"ދިވެހި ދައުލަތުގެ ސިފަތަކަށް ގެންނާން ޖެހޭ ބަދަލުތައް،" ކަމަށް ވިދާޅުވެ ގާސިމަށް ނަޝީދު ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކުގެ ތަފްސީލު "އަދަދު" ނޫހަށް ވަނީ ލިބިފަ އެވެ.
އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ނަޝީދުގެ އެ ކަރުދާހުގައި ވާގޮތުން ނިޒާމީ ވޯޓު ބާއްވާނީ ސެޕްޓެމްބަރު 9 ގައި އޮންނަ އިންތިހާބަށް ފަހު އާ ދައުރަށް ހުވާ ކުރުމާ މެދު އޮންނަ މުއްދަތުގެ ތެރޭގަ އެވެ. އާ ދައުރު ފެށޭނީ ނޮވެމްބަރު 17 ގަ އެވެ.
އެ މުއްދަތުގެ ތެރޭގައި ވޯޓު ނެގުމަށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވެސް ނަޝީދު ވަނީ ގާސިމްއަށް ހުށަހަޅުއްވާފަ އެވެ.

އަދި, ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފާސްވެއްޖެނަމަ, ގާނޫނުއަސާސީއަށް ބަދަލު ގެނެސް 2024 ގެ މަޖިލިސް އިންތިހާބު އެ ބަދަލުތަކާ އެކު ބޭއްވުމަށް ނަޝީދު ވަނީ ހުށަހަޅުއްވާފަ އެވެ.
ދައުލަތުގެ ވެރިޔަކީ ރައީސް، ސަރުކާރު ހިންގާނީ ބޮޑުވަޒީރު
ނަޝީދުގެ ހުށަހެޅުއްވުމަށް ބަލާއިރު ރައްޔިތުންގެ ސިއްރު ވޯޓަކުން ފަސް އަހަރުގެ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ކުރާނެ އެވެ. އަދި, ރައީސްއަކީ ދައުލަތުގެ އެންމެ އިސްފަރާތް ކަމަށް ވަނީ ބުނެފަ އެވެ.
ހަމައެހެންމެ, ގާނޫނު އަސާސީގައި ކަނޑައަޅައި ބަޔާންކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
ނަޝީދުގެ ހުށަހެޅުމުގައިވާ ގޮތުން ވަޒީރުންގެ މަޖިލީހުގައި ބޮޑުވަޒީރަކު ހިމެނޭނެ އެވެ. އަދި, ބޮޑުވަޒީރު އިންތިހާބު ކުރާނީ ރައްޔިތުންގެ މަޖިލީހުގެ އަގްލަބިއްޔަތުގެ ވޯޓަކުން ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
ބޮޑުވަޒީރު ވަކިކުރުމުގެ ބާރު އޮންނާނީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޖުމުލަ އަގްލަބިއްޔަތުގެ ވޯޓަކުންނެވެ.
ހަމައެހެންމެ, ވަޒީރުންގެ މަޖިލީހުގެ މަގާމުތައް ފިޔަވައި ސަރުކާރު ހިންގުމުގެ ބޭނުމަށް ސިޔާސީ މަގާމުތައް އުފައްދައި އެމަގާމުތަކަށް މީހުން އައްޔަނު ކުރާނީ ރައީސުލްޖުމްހޫރިއްޔާގެ މަތިން ބޮޑުވަޒީރު ކަމަށް ވެސް ނަޝީދުގެ ހުށަހެޅުމުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ އަދި ސަރުކާރުގެ ފަރާތުން ޖަވާބުދާރީވާ އެންމެ އިސް ފަރާތުގެ ގޮތުން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރާނީ ބޮޑުވަޒީރު ކަމަށް ވެސް އޭގައި ބުނެފައިވެ އެވެ. އަދި, ސަރުކާރުގެ އިދާރާތައް ގުޅިގެން ހިންގުންތެރިކަމާ އެކު މަސައްކަތް ކުރޭތޯ ބެލުމަކީ ވެސް ބޮޑުވަޒީރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް އެ ކަރުދާހުގައި ބުނެފައިވެ އެވެ.
ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލިސް އެކުލެވޭ ގޮތަށް ބޮޑެތި ބަދަލުތަކެއް
މިވަގުތު ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތް ގޮތުން ވަޒީރުންގެ މަޖިލީހަށް މެމްބަރުން އައްޔަނު ކުރަނީ ސީދާ ރައީސް އެވެ. އެކަމަކު ނަޝީދު ހުށަހެޅުއްވީ ވަޒީރުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެކުލަވާލުމަށެވެ.
އެހެންނަމަވެސް, އެ މަޖިލީހުގައި ވެސް ރައީސް އައްޔަނު ކުރާ މެމްބަރުން ހިމެނިދާނެ ކަމަށާއި, އެ ގޮތަށް އައްޔަނު ކުރާ މީހުންގެ ޖުމުލަ އަަދަދު ވަޒީރުންގެ މަޖިލީހުގެ 40 އިންސައްތައަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް ވެސް ނަޝީދުގެ ހުށަހެޅުމުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 މެމްބަރުން ތިއްބަވާއިރު ކޮންމެ 5,000 މީހަކު ތަމްސީލުކުރާ ގޮތަށް މެމްބަރުން އިންތިހާބު ކުރެ އެވެ.
ނަޝީދުގެ ހުށަހެޅުމަކީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދު ގާނޫނު އަސާސީން ކަނޑައެޅުމެވެ. އަދި, މަޖިލީހަށް މެމްބަރުން ހޮވާނީ ޕްރިފެރެންޝިއަލް ވޯޓިން ސިސްޓަމަކުން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. އަންހެނުންނަށް ހާއްސަ ކުރެވޭ ގޮނޑި މަޖިލީހުގައި ކަނޑައެޅިދާނެ ކަމަށާއި އެގޮތަށް ކަނޑައެޅޭ ކެޓަގަރީތައް ގާނޫނުއަސާސީން ކަނޑައަޅަން ވެސް ނަޝީދުގެ ހުށަހެޅުމުގައި ހިމެނެ އެވެ.
އޭގެ އިތުރުން ނޭޝަނަލް ލިސްޓަކުން މެމްބަރުން އައްޔަނު ކުރެވޭ ގޮތަށް ބަދަލު ގެނައުމަށް ވެސް ހުށަހަޅާފައިވެ އެވެ. ޖުމުލަ މެމްބަރުންގެ އަދަދުގައި ނޭޝަނަލް ލިސްޓާއި އިންތިހާބު ކުރާ މެމްބަރުން ހިމެނޭނެ އެވެ.
ނޭޝަނަލް ލިސްޓުން އައްޔަނު ކުރާ މެމްބަރުންގެ ޖުމުލަ އަދަދާއި, ކޮންމެ ޕާޓީއަކަށް ލިބޭނެ ގޮނޑީގެ އަދަދު ކަނޑައަޅާނެ ގޮތާއި, ނޭޝަނަލް ލިސްޓުން ޕާޓީތަކަށް ލިބޭ ގޮނޑިތަކަށް މީހުން އައްޔަނު ކުރުމުގަައި ޕާޓީތަކުން އަމަލުކުރަންވާނެ އިޖުރާއަތްތައް ވެސް ކަނޑައެޅުމަށް ނަޝީދު ވަނީ ގާސިމަށް ހުށަހަޅުއްވާފަ އެވެ.
ގާސިމް އިންތިހާބުވިޔަސް ބާރުތައް ހަނިވާނެ؟!
ޖޭޕީއަކީ މިހާރު ހިނގަމުންދާ ސަރުކާރުގެ ކޯލިޝަންގެ މެމްބަރަކަށްވި ނަމަވެސް ކުރިއަށް އޮތް ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން އެ ޕާޓީން އެއްބަހެއް ނުވެ އެވެ. އޭގެ ބަދަލުގައި ޖޭޕީން ނިންމީ އެ ޕާޓީ އިސްވެ އޮވެ ހަދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބަށް ނިކުތުމަށެވެ.
މި ހުށަހެޅުންތަކަށް ބަލާއިރު ގާސިމް އިންތިހާބުގައި ވާދަކޮށް އިންތިހާބުން މޮޅުވެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަތުވެއްޖެ ހާލަތެއްގައި ވެސް ވެރިކަން ކުރުމުގެ ބާރުތައް ހަނިވެގެންދާނެ އެވެ. ނަޝީދުގެ ހުށަހެޅުންތަކުން ފާހަގަވަނީ ރައީސްގެ މަގާމަށް ގާސިމް އިންތިހާބުވެއްޖެ ހާލަތެއްގައި ވެސް ސަރުކާރު ހިންގުމުގެ އިސް ފަރާތެއްގެ ގޮތުން ހަރަކާތްތެރިވާނީ ބޮޑުވަޒީރެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރަން ނަޝީދު ބޭނުންފުޅުވި ނަމަވެސް ގާސިމް ވަނީ މީގެކުރިން އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. ގާސިމް ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ ނިޒާމަކީ ރާއްޖޭގައި ވެރިކަން ކުރަން އެންމެ ރަނގަޅު ނިޒާމެވެ. އެކަން ކަނޑައެޅީ ރައްޔިތުން ކަމަށާއި އިތުރު ބަދަލެއް ގެންނަން ނުފެންނަ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ދާދިފަހުން ނަޝީދު ވަނީ ސަން އައިލެންޑް ރިސޯޓުގައި ވެސް ގާސިމްއާ ބައްދަލުކުރައްވާ ސިޔާސީ މަޝްވަރާތައް ކުރިއަށްގެންދަވާފަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ނުކޮށް ނަޝީދުގެ ތާއިދު އޮތީ މިފަހަރު ގާސިމްއަށެވެ.
ނަމަވެސް، ނަޝީދުގެ ހުށަހެޅުންތަކާ ގުޅިގެން މިހާތަނަށް އެއްވެސް ނިންމުމެއް ޖޭޕީން ނިންމާފައި ނުވެ އެވެ.
މުހިންމު ބައެއް ހަބަރު
އެޑިޓަރުގެ ހޮވުން
މި ރަށަކީ ފަތުރުވެރިކަމުގެ ބޮޑު މަންޒިލެކެވެ. ގާތްގަނޑަކަށް 1700 މީހުންގެ އާބާދީއެއް އޮންނަ މި ރަށުގައި ކޮންމެ ރެއަކު 700 ފަތުރުވެރިން ނިދަ އެވެ. ފަތުރުވެރިންގެ ބޭނުންތައް އެކި ފެންވަރުގެ 58 ގެސްޓްހައުސް މި ރަށުގައި ހިންގަ އެވެ. ސީދާ ފަތުރުވެރިކަމުން އެކަނިވެސް މިހާރު ތޮއްޑޫއަށް މަދުވެގެން ފަސް މިލިއަން އެމެރިކާ ޑޮލަރު އަހަރަކު ވައްދަ އެވެ.
ދުވަހުގެ ކޯޓޭޝަން
ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި ގާނޫނާ ގަވައިދާ ހިލާފު ކަންކަން ހިނގި ނަމަވެސް އެކަމުގައި ފުލުހުންނަށް އެޅޭނެ މާ ބޮޑު ފިޔަވަޅެއް ނޯންނަ ކަމަށް ފާހަގަކޮށް، ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ،
ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފު ނުވަތަ އާންމު މަސްލަހަތާ ފުށުއަރާ އަމަލެއް ހިންގުމުން ފިޔަވަޅު އެޅުމުގެ އިހުތިސޯސް އޮންނަ އެހެން މުއައްސަސާތަކަށް ކަމާ ގުޅޭ މައުލޫމާތު ރަސްމީކޮށް ހުށަހެޅި ނަމަވެސް ފިޔަވަޅެއް އެޅޭތަން ނުފެނޭ،"
ދުވަހުގެ ފޮޓޯ

ވިލިމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު










