ރާއްޖޭގައި ކުރިއަށްދާ އެންމެ ގިނަ ދުވަސްވީ އެއް ފުޓްސަލް މުބާރާތް، ކަސްޓަމްސްގެ ސީއާރްސީ ކަޕްގެ މި ފަހަރުގެ މުބާރާތުގެ ފައިނަލުގައި ސަރުޖާން އަތުން 2-0 އިން މޮޅުވެ، ޓީމު އެއާ ކާގޯ އިން ތަށި އުފުލާލައިފި އެވެ.
މި މުބާރާތަކީ ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން 2000 ވަަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވަމުން އަންނަ ފުޓްސަލް މުބާރާތެކެވެ. ކޮވިޑް-19ގެ ސަބަބުން މި މުބާރާތަށް ވެސް މެދުކެނޑުމެއް އައި ނަމަވެސް މިއީ މި މުބާރާތް ފެއްޓިފަހުން ހޭދަވާ 23 ވަނަ އަހަރެވެ. އެހެންކަމުން، މި މުބާރާތަކީ މެދުކެޑުމެއްނެތި ރާއްޖޭގައި ބާއްވަމުންދާ އެންމެ ގިނަ ދުވަސްވީ އެއް ފުޓްސަލް މުބާރާތެވެ.
މި ފަހަރުގެ މުބާރާތް ދެ ޑިވިޝަނަކަށް ކުރިއަށްދިޔައިރު، ވެޓެރަންސް ޑިވިޝަނުގައި ހަތަރު ޓީމު އަދި ފުރަތަމަ ޑިވިޝަނުގައި ހަ ޓީމު ވާދަކޮށްފައިވެ އެވެ. ފުރަތަމަ ޑިވިޝަނުގައި ލީގު ބުރެއް ކުޅުމަށް ފަހު، ސެމީ ބުރެއް ކުޅެ، ފައިނަލަށް ޓީމުތައް ވަނީ ކަނޑައަޅައިފަ އެވެ.

އިއްޔެ ބޭއްވި ސީއާރްސީ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ލެގޫންސް ފުޓްސަލް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައިި ސަރުޖާން އަތުން އެއާ ކާގޯ ޓީމު މޮޅުކޮށްދިނުމުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ، މެޗުގެ މޮޅު ކުުޅުންތެރިއަކަށް ހޮވުނު އެއާ ކާގޯ ޓީމުގެ ގޯލްކީޕަރު، އިސްމާއިލް އަލީ އެވެ. މުބާރާތުގެ މޮޅު ކީޕަރަކީ ވެސް އިސްމާއިލް އެވެ.
މުބާރާތުގެ މޮޅު ކުުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ސަރުޖާންގެ އަޒްމާން އަހުމަދު އެވެ. ޑްރީމް ޓީމުގައި ހިމެނެނީ ސަރުޖާންގެ އަޒްމާން އާއި ސަރާއު ހަމީދު، ޓީމު އެއާ ކާގޯގެ ހުސެއިން ޝުއައިބް އަދި ޓީމު އެރައިވަލްގެ އަހުމަދު އަމާން އިގުބާލް އަދި މައުފޫޒް އާދަމް އެެވެ. ފެއާ ޕްލޭ ޓީމަކީ ކްލަބް ހާބާ އެވެ.

ސީއާރްސީ ކަޕްގެ ފައިނަލް މެޗަށް ފަހު ޗެމްޕިއަންކަން ހޯދި އެއާ ކާގޯ ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ ޔަޝައު (ޔަކޭ)
ވެޓެރަންސް ޑިވިޝަނަށް ބަލާއިރު، ޗެމްޕިއަންކަން ހޯދީ ކަރާނީ އެވެ. އަދި ރަނަރަޕަށް ދިޔައީ ޓީމު އެރައިވަލް އެވެ. އެންމެ ގިނަ ގޯލު ޖެހީ ކަރާނީގެ މުހައްމަދު ޔާމީން އެެވެ.
ސީއާރްސީ ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ އެރައިވަލް އެވެ. ޓީމު އެރައިވަލް އިން ދެ ފަހަރެއްގެ މަތިން މި މުބާރާތުގެ ތަށި މިލްކު ކޮށްފައިވާއިރު އެ ޓީމަށް ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ވަނީ ކުޅެފަ އެވެ. އޭގެ ތެރޭގައި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އަލީ އުމަރު (އައްޔަ)ގެ އިތުރުން އަހުމަދު ސުޒެއިރު (ކޮއްކޮ) އާއި މުހައްމަދު ޝާހިދު (ޝާޑު) ވެސް އެ ޓީމަށް ކުޅެފައިވެ އެވެ.
މި މުބާރާތަކީ ކަސްޓަމްސްގެ ހުރިހާ ރީޖަނަލް އޮފީސްތަކުގެ މުވައްޒަފުން ވެސް ބައިވެރިވެ، އެ މުއައްސަސާގައި މަސައްކަތްކުރާ 700 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކުގެ ބައިވެރިވުމާ އެކު، ކުރިއަށް ދާ ފޯރިގަދަ ކުޅިވަރު އިވެންޓެކެވެ.











