އެސްޓީއޯއިން އެމްއޭސީއެލަށް ތެޔޮ ވިއްކާ ރޭޓު ބޮޑުކޮށްފި އެވެ.
އަގު ބޮޑުކޮށްފައި ވަނީ ވިލާތުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ވެސް ތެލުގެ އަގު އުފުލިފައި ވާތީ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
ތެޔޮ ވިއްކާ އަގަށް ބަދަލު ގެނައީ، އެމްއޭސީއެލަށް ތެޔޮ ފޯރުކޮށްދިނުމަށް ދެ ކުންފުނީގެ މެދުގައި ވެފައިވާ އެއްބަސްވުން އާ ކުރިއިރު އެވެ. އެހެން ނަމަވެސް އަގު ބޮޑުވީ ކިހައި މިންވަރެއް ކަމެއް އެސްޓީއޯ އަދި އެމްއޭސީއެލްއިން ވެސް ހާމައެއް ނުކުރެ އެވެ.
އެސްޓީއޯގެ މައި އޮފީހުގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، މަހުޖޫބް ސުޖާއު އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އަލަށް މަގާމާ ހަވާލުވެވަޑައިގެންނެވި، އަބްދުﷲ ސައީދެވެ.
މިއީ ސައީދު އެސްޓީއޯ ހިންގެވުމާ ހަވާލުވެވެވަޑައިގެންނެވި ފަހުން، ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުމެވެ. އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްއޭސީއެލަށް 1.5 މިލިއަން ފީފާގެ ޖެޓު ފިއުލްއާއި 88،000 ފީފާގެ ޑީސެލް ފޯރުކޮށްދޭނެ އެވެ.
އެސްޓީއޯއަކީ އެންމެ ފުޅާދާއިރާއެއްގައި ރާއްޖެއަށް ތެޔޮ އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ކުންފުންޏެވެ. މިއަދުގެ ރަސްމިއްޔާތުގައި އެސްޓީއޯއިން ވަނީ އެމްއޭސީއެލްގެ ފިއުލް ކެޕޭސިޓީއާ އެއްވަރަށް ތެޔޮ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.










