އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން "ފިކުރެެއްގެ ދިރުން" ނަމުގައި ވަކި ޕާލިމެންޓްރީ ގްރޫޕެއް އުފައްދައި ހަރަކާތްތެރިވާތީ، އެ މެމްބަރުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައިގައި ބައްދަލުވުމެއް ބޭއްވި ނަމަވެސް މައްސަލައަށް ގޮތެއް ނުނިންމައި ނިންމާލައިފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް އެ މައްސަލަ ހުށަހެޅުއްވީ އެ ޕާލިމެންޓްރީ ގްރޫޕްގެ ޗީފް ވިޕް އަދި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެވެ.
އިއްޔެ މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި އެ މައްސަލަ އެޖެންޑާ ވެސް ކޮށްފައިވެ އެވެ. އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ނަޝީދަށް ތާއީދު ކުރައްވާ އެއްވެސް މެމްބަރަކު އެ ބައްދަލުވުމުގައި ބައިވެރިވެފައެއްނުވެ އެވެ.
ގާތްގަނޑަކަށް ދެ ގަޑިއިރެއްހާ އިރު ދެމިގެން ދިޔަ އެ ބައްދަލުވުމުގައި އެ މައްސަލައާ މެދު ވަކި ގޮތެއް ނިންމައިފައެއް ނުވެ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މެމްބަރުން "އަދަދު" ނޫހަށް ވިދާޅުވީ އެ ކަން އަދި އޮތީ ޕާލިމެންޓްރީ ގްރޫޕްގައި "އިތުރަށް މަޝްވަރާކުރައްވާ" ގޮތަށް ކަމަށެވެ.

ފިކުރެއްގެ ދިރުން ހަރަކާތުގައި ބައިވެރިވާ ބައެއް މެމްބަރުންނަކީ، އެމްޑީޕީގެ ފަރާތުން ކޮމިޓީތަކަށް ހަމަޖައްސާފައިވާ މެމްބަރުން ކަމާއި ބައެއް މެމްބަރުން ކޮމިޓީތަކުގެ މުގައްރިރުގެ މަގާމުގައި ވެސް އެބަ ތިއްބެވި އެވެ. މުޣުނީ ހުށަހެޅުއްވީ އެ މެމްބަރުން ކޮމިޓީތަކުން ވަކިކޮށް، ކޮމިޓީތަކަށް ބަދަލު ގެނައުމަށެވެ.
"ފިކުރެއްގެ ދިރުން ނަމުގައި ވަކި ޕާލިމެންޓްރީ ގްރޫޕެއް ހައްދަވައިގެން ކޮމިޓީތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުން މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އެ ކޮމިޓީތަކުން ވަކިކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް މި މައްސަލަ ހުށަހަޅައި ދިނުމަށް ޗީފް ވިޕްގެ ހައިސިއްޔަތުން އެދި ދެންނެވިން،" މުޣުނީގެ ސިޓީގައިވެ އެވެ.
އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި ފަހުން އެ ޕްރައިމަރީގައި ނާކާމިޔާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ނިންމާފައިވަނީ ރައީސް ސޯލިހަށް ތާއީދު ކުރުމުގެ ބަދަލުގައި ވަކި ފެކްޝަނެއް ގޮތުގައި މަސައްކަތް ކުރުމަށެވެ.
އެ ގޮތުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ކުރުމަށް ވެސް އެ ފެކްޝަނުން ނިންމާފައިވެ އެވެ. އަދި ޖޭޕީއާކު މެނިފެސްޓޯއެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ފަށާފައިވެ އެވެ. ޖޭޕީގެ މެންބަރުންނާއި "ފިކުރެއްގެ ދިރުން" މެންބަރުންނާއެކު ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕެއް ހަދަން ވެސް މަޝްވަރާކޮށްފައިވެ އެވެ.
މީގެ ކުރިން މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމަށާއި މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ވެސް ޕާލިމެންޓްރީ ގްރޫޕްގެ ތެރެއިން މަސައްކަތްކޮށްފައިވެ އެވެ. ވަކިކުރަން ބޭނުންވާ ވަރަށް ސޮއި ހަމަވި ނަމަވެސް ނަޝީދަށް އިހުތިރާމުކުރާތީ މައްސަލަ ކުރިއަށް ނުގެންދިޔައީ ކަމަށް ވެސް އެ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެ އެވެ.












