ޕެރިސް (އޭޕްރީލް 3) - ފްރެންޗް ލީގުގައި ރޭ އޮލިމްޕިކް ލިޔޯން އަތުން 1-0 އިން ޕީއެސްޖީ ބަލިވި މެޗުގައި އެ ޓީމުގެ ސަޕޯޓަރުން، ޓީމުގެ ތަރި ލިއޮނަލް މެސީއާ ދިމާކޮށްލައިފި އެވެ.
ލިޔޯން އަށް ލީޑުނަގައިދޭން މެޗުގެ 39 ވަނަ މިނިޓްގައި އަލެކްސަންޑަ ލަކަޒޭ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއްނުވި އެވެ. މި މެޗުގައި ލިޔޯންގެ ހަމައެކަނި ގޯލު ޖެހީ 56 ވަނަ މިނިޓްގައި ބްރެޑްލީ ބަކޯލާ އެވެ. ބަކޯލާ ކުޅެން އެރީ ފުރަތަމަ ހާފުގައި އަމީން ސާގެ ބަދަލުގަ އެވެ.
މިއީ މި ފަހަރު ފްރެންޗް ލީގުގައި ޕީއެސްޖީ ބަލިވި ފަސް ވަނަ މެޗެވެ. ފަސް މެޗުން ވެސް ބަލިވީ 2023 ވަނަ އަހަރު ފެށި ފަހުންނެވެ. މި ހުރިހާ ދަށް ނަތީޖާއަކަށް ފަހު ވެސް ޕީއެސްޖީ ލީގުގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ އަށް 29 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލެންސަށް ވަނީ 29 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ. އަދި ތިން ވަނައިގައި އޮތް މާސޭ އަށް ވެސް 29 މެޗުން ވަނީ 60 ޕޮއިންޓް ލިބިފަ އެވެ.
ޕީއެސްޖީއާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިނުކޮށް، މެސީ އަލުން ބާސެލޯނާ އަށް ދާން އުޅޭ ވާހަކަ މީޑިއާގައި ދެކެވޭއިރު، ރޭގެ މެޗުގައި ޕީއެސްޖީގެ ބައެއް ސަޕޯޓަރުން ވަނީ މެސީއާ ދިމާކޮށްލުމުގެ ގަސްދުގައި އަޑުގަދަކޮށްފަ އެވެ.
"މެސީއާ ދިމާކޮށްލުން ބަލައެއް ނުގަނެވޭ. މެސީ އެ އަންނަނީ ޓީމު މޮޅުކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން، އަހަރެމެންނަށް ނަތީޖާ ނެރެން ބަރޯސާވާން ޖެހޭނީ ހަމައެކަނި މެސީ ނޫނީ އެމްބާޕޭ އަކަށް ނޫން، މިއީ ޓީމު ކުޅެގެން މޮޅުވާނެ ކުޅިވަރެއް،" މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުންޏެވެ.
މިއީ ހުރިހާ މުބާރާތެއް އެއްކޮށް ބަލާނަމަ 2023 ވަނަ އަހަރު ފެށި ފަހުން ޕީއެސްޖީ ބަލިވި އަށް ވަނަ މެޗެވެ. ގަލްޓިއޭ ބުނީ ހާލަތު ބަދަލުުކުރަން ކުރަންޖެހޭ ކަންކަން ވީ އެންމެ އަވަހަށް ކުރަން ޖެހޭނެ ކަމަށެވެ.












