މިލާން (އޭޕްރީލް 2) - އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާ އަތުން 1-0 އިން އިންޓަ މިލާން ބަލިވިއިރު، ވެރޯނާ އަތުން 1-0 އިން މޮޅުވެ، ޔުވެންޓަސް އިން ގަދަ ހަތަރެއްގެ ތެރޭގައި ނިންމުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
އިޓަލީ ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް 27 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތީ 27 މެޗުން 52 ޕޮއިންޓް ހޯދާފައިވާ ލާޒިއޯ އެވެ. ތިން ވަނައިގައި އޮތް އިންޓަ އަށް 28 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ރޭ މޮޅުވިނަމަ އިންޓަ އަށް ދެ ވަަނަށް ޖެހިލުމުގެ ފުރުސަތު އޮތެވެ.
ހަތަރު ވަަނައިގައި އޮތް އޭސީ މިލާނާ އެއްވަރަށް ފަސް ވަނައިގައި އޮތް އެޓަލަންޓާ އިން ވަނީ އެއް މެޗު އިތުރަށް ކުޅެގެން ޕޮއިންޓް ހޯދައިފަ އެވެ. މިލާނަށް 27 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، އެޓަލަންޓާ އިން ރޭ ކްރެމޮނީސޭ އަތުން 3-1 އިން މޮޅުވެ، 28 މެޗުން ވަނީ 48 ޕޮއިންޓް ހޯދައިފަ އެވެ. ހަ ވަނައިގައި އޮތް ރޯމާ އަށް 27 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި ޔުވެންޓަސް އޮތީ 28 މެޗުން 44 ޕޮއިންޓާ އެކު އެވެ.
އިންޓަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 53 ވަނަ މިނިޓްގައި ފިއޮރެންޓީނާ އަށް ޖަހައިދިނީ ކުރިން އޭސީ މިލާނަށް ކުޅުނު މިޑްފީލްޑަރު ޖިއަކޯމޯ ބޮއެނަވެންޗޫރާ އެވެ. މި މެޗުގައި އިންޓަ އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
ވެރޯނާގެ މައްޗަށް އަމިއްލަ ދަނޑުގައި ކުޅުނު ޔުވެންޓަސް އަށް ވެސް ހޯދުނީ އުނދަގޫ މޮޅެކެވެ. މި މެޗުގައި ގޯލު ޖަހާނެ ގިނަ ހުސް ފުރުސަތުތަކެއް ނަގާލި ޔުވެންޓަސް އަށް ހަމައެކަނި ގޯލު ޖަހައިދިނީ ދެ ވަނަ ހާފުގައި މޮއިސް ކީން އެވެ. މޮއިސް ކީން ގޯލު ޖަހަން ފުރުސަތު ހޯދައިދިނީ މެނުއަލް ލޮކަޓެއްލީ އެވެ.












