ރޯމް (އޭޕްރީލް 1) - އިޓާލިއަން ލީގުގައި ނަޕޯލީ އާއި އޭސީ މިލާން މާދަމާ ކުރިމަތިލާއިރު، މި ސީޒަންގައި ވަރަށް ރަނގަޅު ފޯމެއްގައި ހުރި ނަޕޯލީގެ ފޯވަޑް ވިކްޓަ އޮސީމެން އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.
އިޓަލީ ލީގުގެ ތާވަލްގެ އެއް ވަނައިގައި ބޮޑު ލީޑަކާ އެކު އޮތް ނަޕޯލީން ބުނީ އިންޓަނޭޝަނަލް ބްރޭކްގައި ނައިޖީރިއާގެ ފޯވާޑް، އޮސީމެން، 24، ގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން މާދަމާރޭ އަމިއްލަ ދަނޑުގައި މިލާންއާ ދެކޮޅަށް ކުޅޭ މެޗުގައި އޮސީމެން އަށް ނުކުޅެވޭނެ ކަމަށެވެ.
އަދި އޮސީމެންގެ ހާލަތާ ގުޅޭ ގޮތުން އިތުރު އެއްޗެއް ބުނެވޭނީ މި ހަފުތާގައި ހަދާ ޓެސްޓްތަކަށް ފަހު ކަމަށެވެ.
ޑިއޭގޯ މަރަޑޯނާގެ ޖާދުލާ އެކު 1990 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކުރި ފަހުން، ފުރަތަމަ ފަހަރަށް ލީގު ހޯދުމަށް ނަޕޯލީ މިސްރާބު ޖަހާފައިވާއިރު، މި ސީޒަންގައި އެންމެ ވިދުން ގަދަ އެއް ކުޅުންތެރިއަކީ އޮސީމެން އެވެ. އޮސީމެން ވަނީ މި ސީޒަންގެ އިޓާލިއަން ލީގުގައި މިހާތަނަށް 21 ލަނޑު ޖަހައިފަ އެވެ.
ނަޕޯލީން އިޓަލީ ލީގު ލީޑުކުރަމުންދަނީ 19 ޕޮއިންޓުގެ ފަރަގަކާ އެކު އެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަން މިލާން މި ވަގުތު އޮތީ ތާވަލްގެ ހަތަރު ވަނައިގައެވެ. މިލާން އޮތީ ނަޕޯލީ އަށް ވުރެ 23 ޕޮއިންޓް ފަހަތުގަ އެވެ.












