އަމިއްލަ ހަނދާންތަކާއި ތަޖުރިބާތައް ކަރުދާހަށް ތިރިކުރެވެނީ އަޅުގަނޑުމެން އިންސާނުންގެ ތެރެއިން ނިސްބަތުން ހާދަހާ މަދު ބަޔަކަށެވެ. ގިނަ މީހުންގެ ހަނދާންތަކާއި އެ ހަނދާންތައް ގުޅިފައިވާ ހާދިސާތައް އެ މީހުންގެ ގަބުރާއެކު ވަޅުލެވި، ނެތި ދަނީ އެވެ. އަރުޝީފުކޮށްފައިވާ މި ފަދަ ހަނދާންތަކުގެ ތެރެއިން، މާޒީއިން ދުވަހެއް ތަޖުރިބާކޮށްލުމަކީ އެހާ އަގުބޮޑު ޚަޒާނާއެއް ކަމުގައި ގިންތި ކުރެވެނީ މި ސަބަބާހުރެ ތޯއްޗެކެވެ. މިއަދު އަޅުގަނޑާއެކު މާޒީގެ ތެރެއަށް ދަތުރުފައްޓަވަމާ ހިންގަވާށެވެ. އާރުކާޓީއަކީ ދެވަނަ އެހެން ބޭފުޅެއް ނޫނެވެ. އަޅުގަނޑުމެންގެ އުސްތާޛުލް ޖީލް، މުޙައްމަދު ޖަމީލް ދީދީއެވެ. ސަވާރީއަކީ 1976 ވަނަ އަހަރު "އަމާޒު"އަށް ލިޔުއްވާފައިވާ މަޒުމޫނު "ރޯދަ މަހާ ގުޅޭ ބައެއް ހަނދާންތައް" މިއެވެ.
ފައްޓަވަނީ އަޅުގަނޑުމެންނާ ވަރަށް ފަރިތަ ބަސްކޯޅިއެއްގެ މާނައަށް އަލިއަޅުއްވާލައްވަމުންނެވެ. "ރޯދަމަހާ ރޯއްޖާ"އޭ ބުނެއުޅޭ ބުނުމަށެވެ. ދީނީ މާނަކުރުންތަކަށްވުރެ، އާދަކާދަތަކާ ގުޅުންހުރި ހަނދާންތައް ކިޔައިދެއްވަމުން އެ މަޝްހޫރު ބުނުން މާނަކުރެވޭ ގޮތް ވަރަށް ސާދާ ޢިބާރާތުން ލިޔުއްވާފައިވެއެވެ. އިންސާނާގެ ޒާތާ ގުޅުވައިގެންނެވެ.
"އަބަދުވެސް އިންސާނާއަށް އެންމެ ބޭނުންކަމަކީ ނުލިބި އޮންނަ ކަންކަމެވެ. ތަކެއްޗެވެ. ކަޅުމީހަކުނަމަ އެންމެ ބޭނުންކަމަކީ، ދޮންވާށެވެ. ދޮން މީހުން ބޭނުމީ ކަޅުވާށެވެ. އަވިގަދަ ތަންތަނަށްގޮސް އަވީލެވިގެން އެތިބެނީ އެބޭނުމުގައި ކަމަށް ބުނާތީއަހަމަވެ. ކޮންމެ އަކަސް ރޯދަމަހުގެ ގިނަ ވަގުތު ނުކައިނުބޮއެ ތިބެން ޖެހޭތީ އެންމެ ބޭނުންކަމަކަށް ވެފައި އިންނަނީ ރޯދައަށް ތިބެގެން ނުކުރެވޭ ކަންތަކެވެ. ކެއުމާއި ބުއިމެވެ. ދުފުމާއި ދުންބުއިމެވެ. އަދި އެ ނޫންވެސް ކަންތައްތަކެވެ. އެހެންކަމުން އެކަންތައްތައް ނުކޮށްތިބޭ ވަގުތުތަކުގައި ގެއްލިގެންދާ އުފާތައް އެތައް ގުނައަކަށް އިތުރުކޮށްގެން ލިބިގަތުމެވެ."
އިއްޔެ އާއި މިއަދުގެ ދިރިއުޅުމުގައިވެސް ބަދަލެއް ނާންނަ ކަމެއް ދެއްތޯއެވެ؟ މިއަދުވެސް ރޯދަމަހަށް ވާ އެންމެ ބޮޑު ތައްޔާރީއަކީ، ރޯދައަށް ތިބޭ ވަގުތުގައި ނުކައިނުބޮއެ އެ ތިބޭ ތިބުމުން ގެއްލުނު ބައި ފޫބެއްދުމަށްޓަކައި ރޯދަ ވިއްލާ ގަޑީގެ ސުފުރާމަތި ފަޅުފިލުވުމަށް ވެވޭ ތައްޔާރީއެވެ. މި ކަންކަމަށް މާބޮޑު ބަދަލެއް ނާންނަނީ މިއީ އިންސާނާގެ ޒާތުގެ އެއް ސިފައާ ގުޅިފައިވާ ކަމަކަށް ވާތީކަމަށް ވެދާނެއެވެ. މިއަދުވެސް، އެއީ އެންމެ މޮޅު އިތުރު ގޮތް ނޫންކަން އެނގި ތިބޭ ޙާލުގައިވެސް ޖަމީލުދީދީ ސިފަކުރެއްވި ފަދައިން "ދަރައިގެންވެސް ކޮށާރުތެރެ ތިޔާގިކުރަން" މަސައްކަތް ކުރާ ބަޔަކު އުޅެނީ މިހެންވެގެންނެވެ.
މިހާހިސާބުން ޖަމީލު ސިފަކުރައްވަނީ އަންބަލަމުގެ ހަނދާނެވެ. އަންބަލަން އެއީ ކޮން އެއްޗެއްކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދަންނާނެއެވެ. ރޯދައަށް ހަނދުބަލާ ހިސާބުން ރަށުގެ އެކި ހިސާބުތަކުގައި ތައްޔާރުކުރާ ވެލިފުންޏެވެ. ފަންނުވެރި ޒުވާނުން އެ ވެލިފުނި މާމެލާމެއްޔާއި ފަތްޕިލާވެއްޔާއި މޭވާއިން ޒީނަތްތެރި ކުރާނެއެވެ. ވެލިފުނި ހުންނާނީ ވަރަށް ހަރުކޮށްލާފައެވެ. ފަސޭހައިން ނުރޫޅޭ ވަރަށެވެ. ރޯދައަށް ހަނދުބަލާރޭ ބަޑިޖެހުމާއެކު އަންބަލަން ދޮށުގައި އެއްވެ ތިބޭ މީހުން ހަޅޭއްލަވައިގެންފައި އަންބަލަން ރޫޅާލާ ކަމަށް ޖަމީލު ދީދީ ސިފަކުރައްވާފައިވެއެވެ. ދެން އެ ފެތުރޭ ފަސްގަނޑު ހުންނާނީ ހަތަރުކައިރީގައި ލަކުޑި އަޅައިފައެވެ. މިހާރު ބައިބަލާ ކުޅެން އެ ތައްޔާރުކުރާ ފަސްގަނޑުހެން ތައްޔާރުކޮށްފައެވެ. ރޯދަ މަހުގެ ކޮންމެ ރެއަކުވެސް ތަރާވީހުން ފައިބައިގެން ދަންބެރު ޖަހަންދެން އެތާ "ހިފަމުން ބުރުޖަހާ" މި ފަދަ މޮޅުކަން ދެއްކުމުގެ ކުޅިވަރުތައް އޮންނަ ކަމަށް ވެއެވެ. ޖަމީލްދީދީ ލިޔުއްވާފައިވެއެވެ.
"އެއް އަންބަލަމުން އަނެއް އަންބަލަމުން ހިފަމުން ބުރުޖަހާ މަޝްހޫރު ބަޠަލުން ތިބެއެވެ. އެއިން މީހަކު "ވަތަކުތޯ"ޖަހައިލުމަކީ ވަރަށް އުނދަގޫކަމެކެވެ. ތެދުތެދަށް ބުނަނީނަމަ ރޯދަމަހުގެ އަންބަލަންތަކަކީ ކުޅިވަރު މަރުކަޒުތަކެކެވެ. ވަރަށް ގިނަ ބަޔަކު ފޫހިފިލުވާން ރޭގަނޑަށް ގޮސްތިބޭތަނެކެވެ."
ވަތަކުތޯޖެހުމަކީ، "ގަދަބައްޔަށް ހިފުމުގައި އުކުޅަށް އަރުވައި ބަނޑުވަތަށް ޖެހުމެވެ". އަޅުގަނޑުމެންގެ އުސްތާޛުލް ޖީލު ސިފަކުރައްވާ ގޮތުގައި، އެ ކުޅިވަރު މައިޒާންތަކުގައި ކުޅި ބަލަން އަންނަ މީހުންނަށްވެސް ފަނިރުނބާތަކާއި ބިލެތް މަލާފަތްތައް އެ ތަންތަނުގައި ހުރެއެވެ.
މިއަށްފަހު އެމަނިކުފާނު ސިފަކުރައްވަނީ ރޯދަމަހުގެ ހެނދުނު ރަށުތެރެއިން ފެންނަ ކަންތައްތަކެވެ. މިހާރެކޭ އެއްފަދައިން، އޭރުވެސް، ރޯދަމަހު ނިދައި ހޭލަނީ ލަހުންނެވެ. ދުވާލު ފޫހި ފިލުވުމަށް ދަނީ އަތިރިމައްޗަށެވެ. މައިޒާންތަކުގައި ރާޒުވާ ކުޅުމާއި، ވާހަކަ ކިޔުމާއި، މިފަދަ ކަންތައްތަކީ ރޯދަ ކުރުކުރާން ކޮށް އުޅުނު ކަންތައްތައް ކަމަށްވެއެވެ. މިއީ ބޮޑެތި މީހުންނަށް ޚާއްޞަ ވާހަކަ މައިޒާންތަކެކެވެ. އޭރު އެ މައިޒާންތަކުގައި ކޮންމެހެން ކިޔައި އުޅޭ ކަމަށްވަނީ ރޯދަވެރިންނަށް އެންމެ އަޑުއަހަން އެކަށޭނަ ވާހަކަތައް ނޫންކަމުގައިވެއެވެ. ކޮންމެއަކަސް، މި މައިޒާންތައް ދޫކޮށް ދަނީ ހަވީރުއަތަށް އެޅީމައެވެ. ދެން ފެންވަރައި ނަލަހެދިގެން ނިކުންނަނީ ހަވީރު ފިންޏަށެވެ. މިއީ މިހާރުވެސް ގިނަ ބަޔަކު ކޮށްއުޅޭ ކަމެކެވެ. ތަފާތަކީ ކުރާ ކަންތައްތަކެވެ. އޭރު ބޮޑުބުމަރު ޖަހައި ސަފުސާން ލަނީއެވެ. މިހާރު މަޑިއަރުވައި، ގުރާ އުދުއްސައި، ނަނު ދޫކޮށް، ދޮށިއެއްލައި، ސައިކަލު ބުރުޖަހަނީއެވެ. ޖަމީލު ދީދީގެ ހަނދާންތަކުގެ ތެރެއިން ސިފަކުރައްވާފައިވާ ސަފުސާންލުން މިއީ، މިހާރުގެ ދިވެހިންނަށް ވަރަށް ތަފާތު ކަމަކަށް ވެދާނެއެވެ. ލިޔުއްވާފައިވެއެވެ.
"ސަފުސާންލުމަކީ ލޯއޮނެއްގެ ތެރެއަށް ފުށްގުޅައެއްލާފައި، ކާޅަށް ނުވަތަ ބޮނޑަށް އަމާޒުކޮށް ދުއްވައިލުމެވެ. އޮނުގެ އެއްކޮޅުގައި އަނގަޖަހައި ބާރަށް ފުމެ ދުއްވާލަނީއެވެ. މިކަމަށް ވަރަށް ކުޅަދާނަ މީހުން ތިބެއެވެ."
ބަސްފޮތުގައި އިތުރު ތަފްޞީލެއް އޮތްތޯ ބަލާލީމެވެ. ކޮންމެވެސް ވަރަކަށް ތަފުސީލު ލިބުނެވެ. އެ ފުށްގުޅަ މޮޑެނީ ގޮދަންފުށާއި ވެއްޔާއި ފެނުންނެވެ. ފުށްގުޅަ އެކި ދިމަދިމާލަށް އަމާޒުކޮށް ދުއްވަނީ އޮނުތެރެއަށް ފުށްގުޅަ ލައި، އޮނުގެ އެއް ކޮޅުގައި އަނގަޖަހައި ބާރަށް ފުމެގެންނެވެ. ފުށްގުޅަ ދުއްވަނީ ކާޅާއި، ބޮނޑާއި، ހޯނު ފަދަ ތަކެއްޗަށެވެ. މި ކުޅިވަރު ކުޅޭ ކަމަށްވަނީ ތިން ހަތަރުމީހުން އެކުވެގެންކަމަށްވެއެވެ.
އިސްވެ މި ދެންނެވުނީ ހައްތަހާވެސް ފިރިހެންވެރިންނަށް ޚާއްސަކުރެވިފައިހުރި ރޯދަކުރުކުރުމުގެ ހަރަކާތްތަކެވެ. އަންހެނުންނަށް އޮންނަނީ ކެއްކުމެވެ. ކެއްކުމުގެ ކަންކަން ނިމުމުން ފެންވަރައި ނަލަހެދިގެންވެސް ތިބެނީ ގޭތެރޭގައެވެ. އެންމެ ދުރަށްވެސް މި ނިކުންނަކީ "ފާރުމައްޗަށް، ފުޅައްމައްޗަށް އަދި ދޮރޯށި ދޮށަށެވެ."
މިހެން ލިޔުމުން، އެ ޒަމާނުގައި މުޅި ރޯދަމަސް ހޭދަކުރަނީ ކުޅިމަޖަލުގައޭ ހީވާނަމަ އެއީ ކުށްހީއެކެވެ. އޭރުވެސް މިސްކިތްތަކުގައި ތަރާވީސް ކުރެއެވެ. ހުކުރު ދުވަހާއި ހޯމަދުވަހު ވަޢުޠު އިއްވެވުން އޮވެއެވެ. ކޮންމެ ދުވަހަކު ދުވާލު ހަތަރުދަމު ޤުރުއާން ކިޔެވުން އޮވެއެވެ.
ރޯދަމަހުގެ ވިހި ވަނަ ދުވަހަކީ ޚާއްޞަ ދުވަހެކެވެ. އެއީ ކޯއްޓޭ (ނުވަތަ ދިދަ) ނަގާ ދުވަހެވެ. ޖަމީލް ދީދީ ލިޔުއްވާފައިވެއެވެ.
”މީހުން ބުނެ އުޅެނީ އެއީ މައްކާ ހިއްޕެވި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރާ ކަމެއް ކަމުގައެވެ. ވިހިވަނަ ދުވަހުން ފެށިގެން ހުކުރު ހޯމަ ދުވަސް ދުވަހަށް ކޯއްޓޭގައި ދިދަ ހުރެއެވެ."
އޭރާއި މިހާރުގެ ރޯދަމަހުގެ އާދަކާދަތައް ތަފާތު ވެދާނެއެވެ. ރޯދަމަހު ރޯދިބަރަކާތް އިތުރުކުރުމަށް ކުރާ ކަންތައްތައްވެސް ތަފާތުވެދާނެއެވެ. ރޯދަކުރުކުރަން ކުޅޭ ކުޅިވަރުތައްވެސް ތަފާތުވެދާނެއެވެ. ރޯދަމަހުގެ ދަރުމަ ކަށަވަރުކުރަން އަހައްމިއްޔަތުކަން ދޭ ކަންކަންވެސް ތަފާތުވެދާނެއެވެ. އެހެންނަމަވެސް އެ މާޒީގެ ތެރެއަށް ދަތުރުކޮށްލުމުން، މިއަދު ދިވެހި މުޖުތަމަޢު ދީނާމެދު ހޭލުންތެރިވެފައިވާ މިންވަރު ފެނެއެވެ. އާދަކާދަތަކާއި އަގުކުރުންތައް ބަދަލުވެފައިވާ މިންވަރު ފެނެއެވެ. އީޖާބީ އަދި ނާއީޖާބީ ބަދަލުތައްވެސް ހިމެނޭނޭ ގޮތުންނެވެ. ޙަޤީޤަތުގައި ދަންނަވަނީނަމަ މާޒީގެ ދުރުމީއިން ފެންނަ މަންޒަރު ދުށުމަށްފަހު، މިއަދުގެ ޙާލަތު ވަޒަންކުރަން ފަސޭހަ ވެގެންދެއެވެ. ވަޒަން ކުރާ ގޮތް ތަފާތުވުން އެއީ ނުވެ ނުދާނެ ކަމެކެވެ. މި މަޒުމޫނުގައި ޖަމީލް ދީދީ ވިދާޅުވާ ފަދައިންނެވެ. "ކޮންމެ މީހަކަށްވެސް، އެމީހެއްގެ މީރު އޮންނާނެ ނޫންތޯއެވެ!"








