"އަދި އެކަލާނގެއީ، އުޑުން ފެންވެއްސެވި ރަސްކަލާނގެއެވެ. އެފެނުން ތިމަންރަސްކަލާނގެ ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ. އަދި އެ ގަސްގަހާގެހިން ރޯ ފެހިކުލައިގެ ގޮފިތައް ނެރުއްވައި، އެއިން މަތިމައްޗަށް ހުންނަ އޮށްޓަރުތައް ނެރުއްވަމެވެ. އަދި ކަދުރުރުކުގެ އެތްތަކުން ގާތްގާތުން އިހާތައް ނެރުއްވަމެވެ. އަދި މޭބިސްކަދުރާއި، ޒައިތޫންޏާއި، އަންނާރުގެ ބަގީޗާތައް ނެރުއްވަމެވެ. (އެތަކެތި) އެއްވައްތަރުވެގެންވާ ގޮތުގައްޔާއި، އެއްވައްތަރު ވެގެންނުވާ ގޮތުގައެވެ. ތިޔަބައިމީހުން އޭގެ މޭވާ ނުކުންނަހިނދު އެ މޭވާއަށާއި، އެ މޭވާ ފައްކާވާ ފައްކާވުމަށް ބަލާށެވެ! ހަމަކަށަވަރުން، އީމާންވާ ބަޔަކަށް އެކަންތަކުގައި ދަލީލުތަކެއް ވެއެވެ."
އިސްވެދިޔައީ އަންޢާމް ސޫރަތުގެ 99 ވަނަ އާޔަތެވެ. ރޯދަ މަހަށް އަޅުގަނޑު މަރުހަބާ ކިއީ ކަދުރުގެ ވާހަކައިންނެވެ. މި ލިޔުމުގައި އަޅުގަނޑު ބަލާލާނީ ކަދުރުވެސް ހިމެނޭހެން ކީރިތި ޤުރުއާނުގައި އައިސްފައިވާ މޭވާގެ ވާހަކަތަކަށެވެ. އިސްވެދިޔަ އާޔަތަށް ނަޒަރުކޮށްލުމުންވެސް، އެކިއެކި މޭވާ ނެތުމުގެ ތެރެއިން ވުޖޫދަށް އަންނަ ގޮތުގެ މަރުހަލާތަކުގެ މަންޒަރުތަކަކީ ވިސްނާފިކުރުކުރާ ބަޔަކަށް ވޮޑިގެންވާކަމުގެ ހެކިތަކެއްކަން އެނގެއެވެ.
އަންޢާމް ސޫރަތުގެ 141 ވަނަ އާޔަތް ވިދާޅުވާށެވެ! "އެކަލާނގެއީ، ފެތުރޭ ވެޔޮތަކާއި، ވެޔޮނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާއާއި، އޮށްޓަރު ތަފާތުވެގެންވާ ގޮތުގައި ކަދުރުރުކާއި، ގޮވާމާއި، އެއްވައްތަރު ވެގެންވާ ގޮތުގަގައްޔާއި، އެއްވައްތަރުވެގެން ނުވާ ގޮތުގައި، ޒައިތޫންޏާއި، އަންނާރު އުފެއްދެވި ރަސްކަލާނގެއެވެ. އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ! އަދި ގޮވާންކަނޑާ ދުވަހަކުން، އޭގެ ޒަކާތް ދޭށެވެ! އަދި ތިޔަބައިމީހުން އިސްރާފު ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެއެވެ."
މިއާޔަތުގައި ބަޔާންވެފައި މިވަނީ، ތަފާތު ގޮތްގޮތުގައި ތަފާތު ބާވަތްތަކުން މޭވާ ލެއްވުނު ސަބަބުތަކެކެވެ. އާޔަތުގެ ފުރަތަމަ ބައިގައި އިޝާރާތްކުރައްވަނީ، ތަފާތު ބާވަތްބާވަތުގެ މޭވާ ތަފާތު ގޮތްގޮތުން ލެއްވެވުމުގައި މާތް ﷲ ގެ ހަލުގު ކުރެއްވުމުގެ ސިފަފުޅުގެ ފުރިހަމަކަމަށެވެ. އެޔާއެކު ﷲ ދެއްވި މޭވާގެ ނިޢުމަތުން ބޭނުންކުރުމަށް ކަނޑައެޅިގެން އެވަނީ އަމުރުކުރައްވާފައެވެ. އެއަމުރުން މުރާދުވެވެނީ އިރުޝާދެއްކަމަށްވިޔަސްމެއެވެ. އެ ނިޢުމަތް ބޭނުންކުރުމާއެކު ވަރަށް މުހިންމު ދެކަމަކަށް އެބަ އަމުރުކުރައްވައެވެ. އެއް ކަމަކީ ޒަކާތް ނެރުމެވެ. އާދޭހެވެ! ނިއުމަތްތައް ބޭނުންކުރުމުގައި އެހެން މީހުންގެ މަތީން ހަނދާން ނައްތާ ނުލުމެވެ. ތިމާގެ ދުނިޔޭގެ ބައިވެރިން ތިމާގެ ނިއުމަތުގައި ބައިވެރިކުރުމެވެ. ކޮންމެ އިންސާނަކީ އަނެއް އިންސާނެއްގެ ބައިވެރިއެއް ނޫންތޯ އެވެ. އެޔާއެކު އިސްރާފުކުރުން ކަނޑައެޅިގެން މަނާކުރައްވައި، އެކަން ކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންނުވާކަން އެވަނީ ބަޔާންކުރައްވާފަ އެވެ.
މާތް ﷲ ވޮޑިގެންވާކަމުގެ ހެކިތައް އެކުލެވިފައިވަނީ، އެމޭވާ އުފެދިގެން އަންނަ ގޮތާއި އޭގެ ވުޖޫދުވެ ނިމުމާ ހަމައަކަށްނޫނެވެ. އާދޭހެވެ! ޝައްކެތް ނެތެވެ. އެމޭވާއިން އުފައްދާހާ ތަކެތި އެއީ މާމޮޅު އަދި މަގުބޫލު ތަކެއްޗަށް ވެގެންދަނީ ހަމަ އެމޭވާގެ މޮޅުކަމުންނެވެ. އެކަމަށްޓަކައި މޭވާ ބޭނުންކޮށްގެން އުފެއްދޭ ކޮންމެ އެއްޗަކީ ވެސް އޭގެ ޒާތުން ﷲ ވޮޑިގެންވާކަމުގެ ހެކިތަކެއްކަމުގައި ނަޙްލު ސޫރަތުގެ 67 ވަނަ އާޔަތުގައި ބަޔާންވެފައިވެ އެވެ. "އަދި ކަދުރު ރުކުގެ މޭވާއާއި، މޭބިސްކަދުރުން މަސްތުވާ ބުއިންތަކާއި، ރަނގަޅު ކާތަކެތި ތިޔަބައިމީހުން ހަދަމުއެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ." ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ މިއާޔަތަކީ ރާ ހަރާންކުރެއްވުމުގެ ކުރީން ބާވާލެއްވުނު އާޔަތެއްކަމަށެވެ.
ގުދުރަތީ އަޖައިބުތަކުގެ ތެރެއިން ގިނަގުނަ ކަންކަން އޭގައި އެކުލެވިފައިވާ މޭވާގެ ތަބީއަތާއި މޭވާތަކުގެ ބާވަތްތައް ތަފާތުކުރެވިގެންވުމާއި މިކަންކަމުގައި އެކުލެވިފައިވާ އިލާހީ ހިކުމަތްތަކުގެ ގިނަކަމާއި ބޮޑުކަމަށްޓަކައި، ކީރިތި ޤުރުއާނުގައި ބައެއް މޭވާ ގަންދެއްވައި ހުވާގެ ބަސް ވަހީކުރައްވާފަ އެވެ. އެގޮތުން ތީނާއި ޒައިތޫނި ގަންދެއްވައި ވަޙީގެ ބަސްފުޅު އައިސްފައިވެއެވެ. އެއްޗެއް ގަންދެއްވައި މާތް ﷲ ހުވާގެ ބަސްފުޅު ވަޙީކުރައްވައިފިނަމަ، އެއީ އެއެއްޗެއްގެ ނުވަތަ އެކަމެއްގެ މަތިވެރިކަމާއި ބޮޑުކަމުގެ މައްޗަށް ހުރި އިޝާރާތެއްކަމަށް ތަފްސީރު އިލްމުވެރިން ވިދާޅުވެއެވެ. ތީންޏާއި ޒައިތޫންޏަކީ އޭގައި ފަރުވާގެ އެތައް ބާވަތެއް ހިމެނޭ އެއްޗެއްކަމުގައި އިހުގެ ބޭސްވެރިން ތަފާތު އެކި ފޮތްފޮތުގައި ބަޔާންވެފައިވެއެވެ. އަދި މިޒަމާނުގެ ސައިންސްގެ އަލީގައި އޭގައި އެކުލެވިގެންވާ ގިނަގުނަ ފައިދާތަކާއި ވިޓަމިންތައް ދެނެގަނެވިފައިވެއެވެ.
ކަދުރާއި އަންނާރާއި މޭބިސްކަދުރާއި ތީންޏާއި ޒައިތޫނީގެ އިތުރުން ދޮންކޭލުގެ ވާހަކަ ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ. އެހެން މޭވާތަކުގެ ވާހަކަ އެއްވެސް ގޮތަކަށް ނެތީކީ ނޫނެވެ. އަންނަޙްލު ސޫރަތުގެ 11 ވަނަ އާޔަތުގައި ވަނީ، "އެކަލާނގެ އެ ފެނުގެ ސަބަބުން ގޮވާމާއި، ޒައިތޫނި ގަހާއި، ކަދުރު ރުކާއި، މޭބިސްކަދުރާއި، އެންމެހާ މޭވާގަސްތައް ތިޔަބައިމީހުންނަށްޓަކައި ފަޅުއްވައެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް އެކަންކަމުގައި ހެތްކެއްވާކަން ކަށަވަރެވެ." އަދި އަލްމުއުމިނޫން ސޫރަތުގެ 19 ވަނަ އާޔަތުގައި، "ފަހެ، އެ ފެނުގެ ސަބަބުން ކަދުރުރުކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިޔަބައިމީހުންނަށްޓަކައި، ތިމަންރަސްކަލާނގެ އުފެއްދެވީމެވެ. އެ ބަގީޗާތަކުގައި ތިޔަބައިމީހުންނަށްޓަކައި، ގިނަ މޭވާތައްވެއެވެ. އަދި ތިޔަބައިމީހުން ކައިއުޅެނީ، އެ ތަކެތިންނެވެ." މިދެ އާޔަތުގައިވެސް ޖުމުލަ ގޮތެއްގައި ހުރިހާ ވައްތަރެއްގެ މޭވާތަކަކީ ވެސް ގުދުރަތީ އަޖައިބުތައްކަމާއި ﷲ ދެއްވި ބޮޑު ނިއުމަތެއްކަން ބަޔާންވެފައި އެވަނީ އެވެ.
އަހަރެމެންގެ ކައިބޮއިއުޅުމުގެ ނިޒާމަށް ބަލާއިރު، މޭވާއަކީ ވަރަށް ކުޑަ މިންވަރަކަށް ބޭނުންކުރަމުންދާ އެއްޗެކެވެ. ކެއުމުގެ ބޮޑު ބައި އަހަރެމެން ބިނާކޮށްފައި އޮންނަނީ، މުޅިން އެހެން އެއްޗެހިތަކެއްގެ މައްޗަށެވެ. މަތީގައި ބަޔާންވެ ދިޔަ އެއް އާޔަތުގައި މޭވާ ކެއުމަށް އަމުރުގެ ބަހުރުވައިން އިރުޝާދު އައިސްފައިވާކަން ފާހަގަކޮށްފައިވާނެއެވެ. ގެއްލުން ވާ ވަރަށް މޭވާ ކާ ވާހަކައެއް ނޫނެވެ. އިސްރާފު ނުކުރުމަށް ވެސް އެއާޔަތުގައި އަންގަވާފައި އެބަވެ އެވެ.
ޢަބަސަ ސޫރަތުގެ 24 ވަނަ އާޔަތުން 32 ވަނަ އާޔަތަށް ވެސް ވިދާޅުވާށެވެ! 24 ވަނަ އާޔަތުގައި މޭވާއަށް ނަޒަރުކުރުމަށް އެންގެވުމުގެ ބަދަލުގައި، ތިޔަބައިމީހުން ކާ ތަކެއްޗަށް ނަޒަރުކުރުމަށް އިރުޝާދު އައިސްފައިވުމުން، ކީރިތި ޤުރުއާނުގެ ތަސައްވުރުގައި މޭވާއަކީ އާދަވެގެން އިންސާނާ ކައިއުޅޭނެ މައިގަނޑު އެއްޗެއްކަމަށް ހަދަންޖެހޭކަމަށް ދޭހަވެއެވެ. "ފަހެ، އެ އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލާހުށިކަމެވެ! ބޯކޮށް އޮހިގެން އަންނަގޮތުގައި، ތިމަންރަސްކަލާނގެ ފެން އޮއްސެވީމެވެ. ދެން ތިމަންރަސްކަލާނގެ (ގަސްހެދުމަށް ފަސޭހަވާނެގޮތުން) ބިންގަނޑު ފެޅުއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެ ބިމުގައި ގަސްތައް ފެޅުއްވީމެވެ. އަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ. އަދި ޒައިތޫނި ގަހާއި ކަދުރު ރުކެވެ. އަދި ގަސްތައްގިނަ ބަގީޗާތަކެވެ. މޭވާގެ ބާވަތްތަކާއި ހުއިތަކެވެ. އެއީ ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ ނައަމް ސޫފިތަކަށް ދިރިއުޅުމުގެ އުފަލެއްގެ ގޮތުގަ އެވެ."
މިލިޔުން ނިންމާލާނީ، މޭވާ ގަސްތައް ފަޅައިގެން އަންނަ ގޮތުގެ މިސާލަކީ، ގިޔާމަތް މަހުޝަރު ދުވަހުން އަލުން ދިރުއްވާނެ ގޮތުގެ މައްޗަށް އޮތް ނަމޫނާ މިސާލެއްކަމަށް މާތް ﷲ ބަޔާންކުރައްވާފައިވާ އާޔަތްތަކުންނެވެ. ޔާސީން ސޫރަތުގެ 32 ވަނަ އާޔަތުން 36 ވަނަ އާޔަތަށެވެ. "އަދި އެއެންމެންނީ ޤިޔާމަތްދުވަހުން ތިމަންރަސްކަލާނގެ ހަޒުރަތަށް ހާޒިރުކުރައްވާނެ ބަޔަކުކަމުގައި ނޫނީ ނުވެ އެވެ. މަރުވެފައިވާ ބިމަކީ، އެއުރެންނަށްޓަކައި (އަލުން ދިރުމަކަށް ފޮނުއްވާނޭކަމުގެ) ހެތްކެކެވެ. ތިމަންރަސްކަލާނގެ އެ ބިންގަނޑު ދިރުއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ބިމުން އޮށްޓަރު ނެރުއްވީމެވެ. ފަހެ، އެއުރެން ކައިއުޅެނީ އެއިންނެވެ. ކަދުރުރުއްތަކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިމަންރަސްކަލާނގެ އެ ބިމުގައި ލެއްވީމެވެ. އަދި ފެންއާރުތައް އެބިމުގައި ހިންގެވީމެވެ. (އެއީ) އެތާނގެ މޭވާއިންނާއި، އެއުރެންގެ އަތްތަކުން މަސައްކަތްކޮށްގެން ހޯދިތަކެތިން އެމީހުން ކައިއުޅުމަށްޓަކައެވެ. ފަހެ، އެމީހުން ޝުކުރުނުކުރަނީ ހެއްޔެވެ؟ ބިމުން ފަޅައިގެންހެދޭ ތަކެތީގެ ތެރެއިންނާއި، އެމީހުންގެ އަމިއްލަ ނަފުސުތަކުންނާއި، އެމީހުން ނުދަންނަ ތަކެތިން، ޖޯޑުޖޯޑަށް ހުރިހާ ތަކެތި ހެއްދެވި ރަސްކަލާނގެ ހުސްތާހިރުވަންތަކަމާ އެވެ!








