އައްޑޫ ސިޓީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކުރީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ އެވެ.
ހަންކެޑެ، އިންޓަގްރޭޓެޑް ޕްރޮޖެކްޓްގެ ގޮތުގައި ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.
މަޝްރޫއުގެ ދަށުން ގާއިމުކުރާނީ؛
- 1041 ކޮޓަރި
- 2082 އެނދު ހުންނާނެ
- ދެ ގްރޭންޑް ހޮޓެލް
- ދެ ޑިލަކްސް ހޮޓެލް
- 10 ބުޓީކް ހޮޓެލް
- 64 ސާވިސްޑް އެޕާޓުމެންޓު
- 17 ބީޗު ވިލާ
- ނޮލެޖު ސެންޓަރު
- މިކްސް ސްޕޯޓްސް ބިލްޑިން
- އައުޓްޑޯ ބީޗް ސްޕޯޓްސް
- ތިއޭޓަރު
- ފުޑް ކޯޓާއި ރެސްޓޯރަންޓު އަދި ފިހާރަތަކެވެ.

ހަންކެޑެ މަޝްރޫއު ހަވާލު ކުރުމަށް ފަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ޗައިނާގެ ވަފުދާއި ބައްދަލުކުރައްވަނީ --- ފޮޓޯ: އެމްއެފްއެމްސީ
ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ އެމްއެފްމްސީން "ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓު" ސިފަކޮށްފައި ވަނީ އައްޑޫގެ އިގްތިސާދަށް އާ ދިރުމެއް ގެންނާނެ މަޝްރޫއުއެއްގެ ގޮތުގަ އެވެ.
މި މަޝްރޫއުއާ އެކު ހުޅިވިގެންދާ ފުރުސަތުތަކުން އައްޑޫގައި އިތުރު ވަޒީފާތައް އުފެދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރައިދިޔުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެފްއެމްސީން ބުނެ އެވެ.
ރިއަލް އެސްޓޭޓުގެ ބޭނުމަށް ކަނޑައަޅާ ސަރަހައްދުތަކުގެ ބިން ހިއްކުމާއި، ކުއްޔަށް ދިނުމުގެ ކަންކަން ކުރަނީ އެމްއެފްއެމްސީންނެވެ.
ސަރުކާރުން އަމާޒު ހިފާފައި ވަނީ އައްޑޫ ސިޓީގައި 8،000 އެނދު ތަރައްގީ ކުރުމަށެވެ. އެ އަމާޒަށް ވާސިލުވުމުގެ ގޮތުން ބިން ހިއްކައި ރިސޯޓު ތަރައްގީ ކުރުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.










