ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ދެ މަނަވަރު ކަމަށްވާ "ޖޭއެސް އަވަޖި" އަދި "ޖޭއެސް އުރަގަ" މިއަދު ރާއްޖެއަށް އަތުވެޖެ އެވެ.
ތިން ދުވަހުގެ މުއްދަތަށް މި ދެ މަނަވަރު ރާއްޖެއަށް ކުރާ މި ޒިޔާރަތަކީ ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން ކުރާ ރަޙްމަތްތެރިކަމުގެ ޒިޔާރަތެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ޒިޔާރަތުގައި އެމްއެންޑީއެފްގެ ލީޑަޝިޕާއެކު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ދެ މަނަވަރަށް މާލެ ބަނދަރުން މަރުހަބާ ދެންނެވުމުގެ ގޮތުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުހައްމަދު ރިޒްމީ ވަލީދުވަނީ މި ދެ މަނަވަރަށް ޒިޔާރަތްކޮށް މަނަވަރުގެ އިސްވެރިންނާއި ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްޓާފް އޮފިސަރުން ވެސް ބައިވެރިވި އެވެ.
ޖަޕާނަކީ އަސްކަރީ ގޮތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދީ ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ.










