ރައްޔިތުން މަޖިލީހުގެ މި ހަފުތާގެ ޖަލުސާތަކުން ފާހަގަ ވާނެ އެއް ކަމަކީ ޖަލުސާ ފަށާއިރު ވެސް ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އިންނެވުމެވެ. މަޖިލީހުގެެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގަ އެވެ. ނައިބު ރައީސް އީވާ އަބްދުﷲ ރަސްމީ ދަތުރުފުޅެއްގަ އެވެ. އެހެންވެ، ރިޔާސަތު ބަލަހައްޓަވާނީ އަފީފު ކަމުގައި އިއުލާނު ކުރައްވަ އެވެ.
އެ ހާލަތުގައި އަމަލުކުރަންޖެހޭ ކަމަށް ގަވާއިދުގައި ބުނެފައި އޮތީ އެގޮތަށެވެ. ނަމަވެސް, ރާއްޖޭގެ ބަރުލަމާނީ ތާރީހުގައި، 19 ވަނަ މަޖިލީސް ފިޔަވައި، ހިނގަމުންދާ ދައުރެއްގެ މެދުތެރެއިން މަޖިލީހުގެ އިދާރާގެ ހިންގުމުގެ ޒިންމާ އެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްއަށް އަދާ ނުކުރެއްވޭ ފަދަ ގޮތަކަށް އެއް ވަގުތެއްގައި ދެ ބޭފުޅުން ރާއްޖޭން ބޭރަށް ވަޑައިގެންފައި ނެތެވެ. މި މަޖިލީސް ފިޔަވައި އެފަދަ ހާލަތެއްގައި ރިޔާސަތު ބެލެހެއްޓެވުން ވެސް އެހެން މެމްބަރަކާ ހަވާލުކުރައްވާފައެއް ނެތެވެ.
މި ހާލަތު މެދުވެރިވީ މަޖިލީހުގެ ރައީސް ނަޝީދު ޗުއްޓީގައި އިނގިރޭސި ވިލާތަށް، އަދި ރަސްމީ ދަތުރުފުޅެއްގައި އީވާ ތައިލޭންޑަށް ވަޑައިގެންނެވުމުންނެވެ. މީގެ ކުރިން މިފަދަ ހާލަތެއް ދިމާވީ، އެނގިފައިވާ ގޮތުގައި، 2021 ގެ މެއި މަހު ނަޝީދަށް ދިން ހަމަލާއަށް ފަހު ބޭސްފަރުވާގައި އެ މަނިކުފާނު ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް، އީވާ ބޭރަށް ވަޑައިގަންނަވަން ޖެހުމުން ކަމަށް އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ށ. ގެ ދަށުން މަޖިލީހުގެ ރިޔާސަތު މެމްބަރަކު ބެލެހެއްޓެވި ނަމަވެސް، މަޖިލީހުގެ އިދާރާގެ ކަންކަން މި ވަގުތު ހިންގަމުން މިދަނީ ނައިބު ރައީސްގެ ބެއްލެވުމާއި އިރުޝާދުގެ ދަށުން. މި ދިޔަ މުއްދަތުގައި [މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ރާއްޖޭގައި ނެތް މުއްދަތު] އެ ބޭފުޅުން ސޮއިކުރައްވައި ފޮނުވަންޖެހޭ ފަދަ ކަމެއް ދިމައެއް ނުވޭ. އެހެން އިންތިޒާމުތައް ގަވާއިދާ އެއްގޮތަށް ހުރީ ހަމަޖައްސަވާފައި،" ނިއުޝާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި އަދި މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން މަޖިލިހުގެ ހިންގުމުގެ ޒިންމާއާ ބާރު އޮތީ ރައީސަށެވެ. އަދި ރައީސް ނެތް ހާލަތެއްގައި ނައިބު ރައީސްއެވެ. މަޖިލީހުގެ ރިޔާސަތު މަޖިލީހުގެ މެމްބަރަކު ބެލެހެއްޓެވި ނަމަވެސް، މަޖިލީހުގެ އިދާރާގެ ހިންގުން ބަދަލުކުރެވޭނެ ގޮތެއް ލިޔެފައި ނެތެވެ.
އެހެންވެ، ވޭތުވެދިޔަ އެއްވެސް މަޖިލީހެއްގައި ދައުރު ހިނގަހިނގާ އޮއްވައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އެއް ވަގުތެއްގައި ރާއްޖޭން ބޭރަށް ވަޑައިގެންފައި ނެތެވެ.
"ދައުރު ހިނގަމުން ދަނިކޮށް މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް އެއް ވަގުތެއްގައި ރާއްޖޭން ބޭރަށް ވަޑައިގެންފައިވާ ކަމުގެ ހަނދާނެއް ނެތް،" މަޖިލީހުގެ އަމީން އާންމުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

ނަޝީދާއި އިވާގެ ބަދަލުގައި ރިޔާސަތުގައި މިވަގުތު އިންނަވަނީ އަފީފް -- ފޮޓޯ؛ މަޖިލިސް އިދާރާ
މަޖިލީސް 19 ގައި މި ހާލަތު ކުރިމަތިވެފައި ވާއިރު، ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ އެތެރޭގެ ބައިބައިވުމާއި ސިޔާސީ ވާދައިގެ ޒުވާބު މިކަމަށް ވެސް އަމާޒުވެ، ބައެއް މެމްބަރުން ވަނީ ފާޑުވިދާޅުވެފަ އެވެ.
"މަޖިލީހުގެ އިނާޔަތާއި ރައްކާތެރިކަމާއި ހުރިހާ އެއްޗެއް ނަގައިގެން މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވީ ތަނެއް އެނގޭ މީހަކު ނެތް،" އަފީފްގެ ރިޔާސަތާ މެދު ހިތްހަމަނުޖެހި ވަޑައިގެން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު އިއްޔެގެ ޖަލްސާގައި ނިޒާމީ ނުކުތާ ނެންގެވުމަށް ފަހު ވިދާޅުވި އެވެ.
މިއީ މަޖިލީހުގެ ހިންގުމުގައި މައްސަލައެއް ކަމަށް ދެކެވަޑައިގެންނެވި ނަމަވެސް، އިތުރަށް ގޯސްވެދާނެތީވެ ބައެއް މެމްބަރުން ފާޑުވިދާޅުވާން ބޭނުންފުޅެއް ވެސް ނުވެ އެވެ.
"ދުވަހަކު ވެސް މިފަދަ ކަމެއް އަޅުގަނޑުގެ މަޖިލީހުގެ ހަޔާތުގައި ދިމާވެފައެއް ނެތް. މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ރަށުގައި ނެތި މަޖިލީހުގެ ރިޔާސަތު އެހެން މެމްބަރަކަށް ދިނުމަކީ އެއްގޮތަކަށް ވެސް ރަނގަޅު އުސޫލެއް ނޫން. ވެފައި އޮތް ކަމެއް ވެސް ނޫން،" އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދު ބުނަނީ ކީކޭ؟
މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ބަހައްޓަން އުޒުރުވެރިވެއްޖެ ހާލަތެއް މެދުވެރިވެދާނެކަން، މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ތަސައްވުރުކޮށް، އެކަމަށް ފަރުވާއެއް ދީފައިވެ އެވެ.
އެފަދަ ހާލަތަކަށް ފަރުވާއެއްގެ ގޮތުން ގަވާއިދު ލާޒިމުކުރަނީ، ރައީސް އަދި ނާއިބު ރައީސްއަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ނުބެހެލެހެއްޓޭ ހާލަތުގައި، މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ އިތުރު 5 މެންބަރުން ކަނޑައެޅުމެވެ. މި މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތްކުރި ފަސް މެންބަރުންނަށް ވުން ގަވާއިދު ލާޒިމު ކުރެ އެވެ. މި އުސޫލުން ރައްޔިތުންގެ މަޖިލީހުން މިވަގުތަށް ކަނޑައަޅުއްވާފައިވާ މެންބަރުންނަކީ؛
- ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
- މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
- މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް
- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
- މާމިގިލީ ދާއިރާގެ މެންބަރުން ގާސިމް އިބްރާހީމް
މި މެންބަރުންގެ ތެރެއިން މެންބަރަކަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން 3 ޖަލްސާގެ މުއްދަތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި އޮވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ މި އިންތިޒާމަށް ބަލާއިރު، ގަވާއިދު ބާރު އަޅާފައި އޮތީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނޫން މެންބަރުން ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަކީ އާންމު އުސޫލަކަށް ވިޔަނުދިނުމަށްކަން އެނގެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި މި ބޭއްވޭ ޖަލްސާއަކީ މަޖިލީހުގެ އާންމު މެންބަރަކު ވިދިވދިގެން ރިޔާސަތު ބަލަހައްޓަވާ ތިންވަނަ ޖަލްސާ އެވެ. އެހެންކަމުން، ރިޔާސަތު ބަލަހައްޓާން ކަނޑައެޅުނު ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ދެން ރިޔާސަތުގައި އިނދެވޭނީ، މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް ރިޔާސަތުގައި އިންނަވައިގެން ޖަލްސާއެއް ބޭއްވުމަށްފަހުގަ އެވެ.
ހިނގަމުން މިދާ 19 ވަނަ މަޖިލީހުގައި ޖަލްސާތަކުގެ ފުރަތަމަ ސައިގަޑިއަށް ފަހު މަޖިލީހުގެ ރައީސް ނަޝީދު އާންމު ގޮތެއްގައި ރިޔާސަތު ނުބަލަހައްޓަވަ އެވެ. ބައެއް ދުވަސް ދުވަހު މެންދުރު ދަންފަޅި ފެށޭ ވަގުތުގައި ނައިބު ރައީސް ރިޔާސަތުގައި އިންނެވި ނަމަވެސް، އާދަވެގެން ކޮންމެ ދުވަހަކު ވެސް ޖަލްސާ ނިމޭއިރު ރިޔާސަތުގައި އިންނަވަނީ އަފީފެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ގޮތާ މެދު ނަޝީދަށް އެމްޑީޕީގެ ބައެއް މެމްބަރުންގެ ވެސް ފާޑުކިޔުން އަމާޒުވާއިރު، މިފަހަރު ވެސް މި ވަނީ އާ ކަމެއް މެދުވެރިވެފަ އެވެ. މަޖިލީހުގެ ގަވާއިދުގައި ރައީސް އާއި ނައިބު ރައީސް އަށް އެއް ވަގުތެއްގައި ރާއްޖޭން ބޭރަށް ވަޑައި ނުގެންނެވޭނެ ކަމަށް ވިދާޅުވެފައި ނެތަސް، މަޖިލީހުގައި އަދި ގަވާއިދުގައި ތަރުތީބުކޮށްފައި ހުރި ކަންކަން ފުރިހަމަ އަށް ހިންގޭނީ އޭގެ ތެރެެއިން ކޮންމެ ވެސް އެއް ބޭފުޅަކު މަޖިލީހުގެ އިދާރާ ފުރިހަމަ އަށް ހިންގެވޭނެ ގޮތަށް ހުންނަވައިގެންނެވެ. ކުރީގެ މަޖިލީސްތަކުގެ ރައީސާއި ނާއިބު ރައީސް އެގޮތަށް އަމަލުކުރެއްވީ އެހެންވެ އެވެ.












