ސައުދީ އަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯއިން ޗައިނާގެ ރޮންގްޝެންގް ޕެޓްރޯކެމިކަލް ކުންފުނީގެ 10 ޕަސެންޓު ހިއްސާ 3.6 ބިލިއަން ޑޮލަރަށް ގަންނަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެއީ ޗައިނާގައި އަރަމްކޯގެ ދައުރު ފުޅާކުރުމަށް މަގުފަހިވާނެ އެއްބަސްވުމެކެވެ. އެއްބަސްވުމަކާ ހަމައަށް ދިޔައީ ކުންފުނީގެ ރައީސް އަމިން ނާސިރް ޗައިނާ ޑެވެލޮޕްމަންޓް ފޯރަމް (ސީޑީއެފް) ގައި ބައިވެރިވުމަށް ފަހު އެވެ.
އެއްބަސްވުމުގެ ދަށުން އަރަމްކޯއިން ކޮންމެ ދުވަހަކު ވެސް 480،000 ފީފާގެ ސާފުނުކުރާ ތެޔޮ ރޮންގްޝެންގްއާ ގުޅުން އޮންނަ ޝެޖިއާންގް ޕެޓްރޯލިއަމް އެންޑް ކެމިކަލްއަށް ފޯރުކޮށްދޭނެ އެވެ.

"މިއީ މުހިއްމު މާކެޓެއްގައި އަރަމްކޯއަށް ހޯދުނު ކުރިއެރުމެއް،" އަރަމްކޯގެ އެގްޒެކްޓިވް ނައިބު ރައީސް މުހައްމަދު އަލް ގަހްތާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
ރޮންގްޝެންގްގެ ޗެއާމަން ލީ ޝުއިރޯންގް ވިދާޅުވީ އަރަމްކޯގެ ބައިވެރިވުމާ އެކު ކުންފުނީގެ ޕެޓްރޯކެމިކަލް ފުޅާކުރުމުގެ ސްޓްރެޓެޖީއަށް އިތުރު ކުރިއެރުމެއް ލިބުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ދާދި ފަހުން އަރަމްކޯއިން ވަނީ ޗައިނާގެ ނޮރިންކޯ ގްރޫޕާއި ޕަންޖިން ޝިންޗެންގް އިންޑަސްޓްރިއަލް ގްރޫޕްއާ ގުޅިގެން އިރުއުތުރު ޗައިނާގައި 12.2 ބިލިއަން ޑޮލަރު ހޭދަކޮށްގެން ތެޔޮ ކާރުހާނާއަކާއި ޕެޓްރޯކެމިކަލް ކޮމްޕްލެކްސެއް ބިނާކުރަން އެއްބަސްވެފަ އެވެ.










