ރިޕޯޓުސިޔާސީ ކުޅިން ފެންނަ ނިފާގުކަން

ސިޔާސީ ކުޅިން ފެންނަ ނިފާގުކަން

ކޯލިޝަނާމެދު ނަޝީދު ނަފުރަތުކުރައްވާ ހުރިހާ ކަމެއް ދެމި އޮންނާނެ އެވެ. ރައީސް ސޯލިހާ ދެކޮޅަށް ނުކުންނަވަން ޖެހުނު ގިނަ ސަބަބުތަކާވެސް އެކު އެވެ. ހަމައެކަނި ތަފާތަކަށް ވާނީ ލަގަނު މިފަހަރު އޮންނާނީ އެމްޑީޕީ ނޫން އެހެން އަތެއްގައި ކަމެވެ. ދޯކާ ދިނުމުގެ ބާރާ ވެސް އެކު އެވެ.

ސިޔާސީ ކުޅިން ފެންނަ ނިފާގުކަން

ކޯލިޝަން ސަރުކާރެވެ، މަރުކަޒުކުރުމެވެ، ކޮރަޕްޝަނެވެ، ރިޔާސީ ނިޒާމެވެ،

މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ނުރުހޭ ކަންކަމެވެ. ނޫނީ އެމަނިކުފާނު ކަނޑައެޅިގެން ނަފުރަތު ކުރައްވާ ކަންކަމެވެ.

ޅަ ދުވަހުގެ އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ނަޝީދު ނުކުންނަވަންޖެހުނީ ވެސް އެ ގަބޫލުކުރެއްވުންތަކަށް ދޫދެއްވަން ބޭނުންނުވީމަ އެވެ. އާއިލީ ގުޅުމާއި ރަހުމަތްތެރިކަމުގެ މާޒީއަށް ފަރުވާލެއް ނުދީ އެވެ. އަމިއްލަ ޕާޓީ ދެފަޅިއަށް ފެޅުނަސް ވަރިހަމަކޮށްފަ އެވެ. އެމަނިކުފާނު އެންމެ ލޯބިވާ އެމްޑީޕީގެ މެމްބަރުން ގުރުބާން ކުރައްވަން ވެސް ތައްޔާރެވެ.

ރައީސް ސޯލިހުގެ ސަރުކާރާމެދު ނަޝީދު ފުރަތަމަ ހިތްހަމަޖެހިވަޑައިނުގަތުން ފާޅުކުރެއްވީ ވައްކަމާއި ކޮރަޕްޝަނަށް ޖާގަ ދޭ ކަމަށް ތުހުމަތުކުރައްވަމުންނެވެ. އޭގެ އެންމެ ކުރީގައި އޮތީ ކުރީގެ ސަރުކާރުން ހިންގި އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ. ނަޝީދުގެ ނަޒަރުގައި މި ސަރުކާރުން އެ ތަހުގީގުތައް ހިންދާލީ އެވެ. އެކަން ކުރީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުން ސަރުކާރުގައި ތިބީމާ ކަމަށް ތަކުރާރުކޮށް ތުުހުމަތު ކުރެއްވި އެވެ. އޭގެ ފަހުން އައީ ވެންޓިލޭޓަރު ހިޔާނާތެވެ. އެ މައްސަލަ ނަޝީދަށް އަދި އަމުދުން ހަޖަމު ނުވި އެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެކި ފަހަރު މަތިން އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނެވި އެވެ. އެކަން ބަލައި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައި އެކި އިންޒާރުތައް ވެސް ދެއްވި އެވެ. ރައީސް ސޯލިހާ އޮތް ހިޔާލު ތަފާތުވުންތަކުގެ އަސްލަކީ ވެންޓިލޭޓަރު ހިޔާނާތް ކަމަށް ނަޝީދު އެންމެ ފަހުން ވިދާޅުވި އެވެ.

ސަރުކާރު މިކަމުގައި ބައިވެރިވާތަން ފެންނަނީ، ވައްކަން ކުރާ ސަރުކާރާ އެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ."

ފާއިތުވި ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި، ސަރުކާރާމެދު ނަޝީދު ފާޅުކުރައްވަމުން ގެންދެވި މިފަދަ ކަންބޮޑުވުންތައް އާންމުކޮށް ގޮސް ގުޅެނީ ވެރިކަންކުރާ ކޯލިޝަނާ އެވެ. އެމަނިކުފާނު އޭރު ވިދާޅުވާ ގޮތުންނަމަ، އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުވަނީ ކޯލިޝަނުގައި އޮތް ޕާޓީތަކާ ހެދި އެވެ. ނަޝީދުގެ ނަޒަރުގައި ރައީސް ސޯލިހުގެ މައްސަލައަކީ ވެސް އެއީ އެވެ. އެމްޑީޕީއަށް ވުރެ މާ ކުދި ޕާޓީތަކަށް ދޫދޭން ނުޖެހެ އެވެ. އެމްޑީޕީ ބޭނުންވާ ކަމެއް، ބޭނުންވާ ގޮތަށް ކުރެވެންޖެހޭނެ އެވެ.

މި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށް ދެކޭ ދެކުން، އެއީ ވަރަށް ބޮޑު ކުށްހީއެއް."

އެވަރުން ފުއްދާނުލައި، އެމްޑީޕީއަށް ސަރުކާރު ނުހިންގެނީ އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުންނާ ހެދި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެ ބޭފުޅުން ނާގާބިލުވީމަ އެވެ. އެމްޑީޕީގެ ސިޔާސަތުތަކާ މާބޮޑަށް ބީރައްޓެހިވީމަ އެވެ. ރައީސް ސޯލިހާއި މުޅި ސަރުކާރުވެސް "ސްލޯ"ކަމަށް ރައްޔިތުން ބުނަނީ އެ ސަބަބާހެދި އެވެ. އެމްޑީޕީގެ ހިތާ އެންމެ ގާތް، ލާމަރުކަޒީ ނިޒާމު ވެސް ނުހިންގެނީ ކޯލިޝަންގެ ލީޑަރުންނަށް އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ބަހަން ޖެހިފައި އޮތުމުން، އަތޮޅު ކައުންސިލްތަކަށް އެ ވަސީލަތްތައް ނުލިބޭތީ އެވެ. އެންމެ ކުޑަމިނުން، މަހަށް ހަމަ އަގު ނުދެވުމުގެ ފަހަތުގައި އޮތީ ވެސް މި ކޯލިޝަނެވެ.

މަހުގެ އަގު އުފުލިފައި ނެތުމާ މި އިއްތިހާދާ ގުޅުމެއް އެބަ އޮތް. ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އިއްތިހާދުގެ ލީޑަރުންނަކީ ރޯ މަސް އެކްސްޕޯޓް ކުރާ ބައެއް ކަން. އެހެންވެ ރައީސް ސޯލިހުގެ ސަރުކާރުން އިއްތިހާދު ދެމެހެއްޓުމަށް ޓަކައި ރޯ މަސް އެކްސްޕޯޓް ކުރުން ސިޔާސަތަކަށް ހަދައިގެން ކުރިއަށް ދިޔައީ،"

މިހުރިހާ ކަމެއް ގެންގޮސް ނަޝީދު އަބަދުވެސް ގުޅުވާލައްވަނީ ކޯލިޝަން ސަރުކާރެއްގެ ނަފުރަތާ އެވެ. ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެއަށް ދިމާވެފައިއޮތް ހުރިހާ މައްސަލަތަކެއް މުލުގައި އޮތީ މި ރިޔާސީ ނިޒާމެވެ. އެއް ޕާޓީއަކަށް ކޯލިޝަނެއްގެ އެހީއާ ނުލައި ވެރިކަމަށް އާދެވޭ ވަރަށް ރައްޔިތުންގެ ތާއީދު ނެތުމަކީ ނަޝީދު އަބަދުވެސް ވިދާޅުވާ ގޮތުންނަމަ، ނިޒާމުގެ މައްސަލަ އެކެވެ. އެހެންވީމާ، ނިޒާމު ކޮންމެހެން ވެސް ބަދަލުކުރުމަކީ އެއްވެސް އިރެއްގައި އެމަނިކުފާނު ސިއްރު ކުރައްވާ ކަމެއް ނޫނެވެ.

އަޅުގަނޑުމެންނަށް ފެންނަނީ މަދު ބައެއްގެ ތާއީދު އޮތް ބަޔަކު ސަރުކާރުގެ ގިނަ ވުޒާރާތަކުގެ ގިނަ މަގާމުތައް ފުރަމުން ދިޔާމަ އޭގެ ސަބަބުން ނުކުންނަ ހިތްހަމަ ނުޖެހުމާއި އޮނިގަނޑުގެ މައްސަލަ."

ރައީސް ސޯލިހާ އެކު އޮތް އަރައިރުން، ވަރުގަދަ ހަނގުރާމައަކަށް ބަދަލުވެ، އެންމެ ފަހުން ދެ ރައީސުން އަލުން ނުގުޅެވޭ ހިސާބަށް މައްސަލަ ގޯސްވެފައި މިވަނީ ވެސް ނިޒާމު ބަދަލުކުރުމާ ރައީސް ސޯލިހު ދެކޮޅު ހެއްދެވުމުން ކަމަށް ނަޝީދު ވިދާޅުވެ އެވެ. ނަޝީދު ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް، ނިޒާމު ބަދަލުކުރުމުގެ ވޯޓަކާމެދު ވިސްނަވަންވެސް ރައީސް ބޭނުންނުވީމަ އެވެ. އެކަން ކުރެއްވުމުގެ ބަދަލުގައި، އަނެއްކާވެސް ކޯލިޝަން ހަދައިގެން ރިޔާސީ ނިޒާމެއްގެ ވެރިކަން ހޯއްދަވަން ރައީސް ސޯލިހު ނިންމެވުމަކީ މޫނު މަތީގައި ތަފާލެއް ޖެހުމާ އެއްފަދަ އެވެ.

މި އިއްތިހާދު މިއީ ދެން ވަރަށް ބޯދާ ބަޔެއް، ވިސްނުމެއް ނެތި، ކުރިއަށް ދާނެ ގޮތުގެ ތަސައްވުރެއް ނެތި، ހަމަ ކުރިން ވެސް ކުރަމުން އައި ކަންކަން ކޮށްލަ ކޮށްލަ ތިބުމުގެ ވިސްނުމުގައި ތިބި ބައެއް،"

ރައީސް ސޯލިހު ދީލައިނުލެއްވުމުން، އެމަނިކުފާނާ ދެކޮޅަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނަޝީދަށް ޒާތަކަށް މަޖުބޫރުވީ ވެސް އެހެންވެ އެވެ. އަނެއްކާވެސް ކޯލިޝަނެއް ހަދައިގެން އެމްޑީޕީ ވެރިކަމަށް އައުމަށް ނޭދޭތީ އެވެ. އެކަން ހުއްޓުވައި، ރިޔާސީ އިންތިހާބުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމުގެ މަގު އޮތީ ޓިކެޓު ހޯއްދަވައިގެން ކަން ނަޝީދަށް ސާފުވި އެވެ.

އަޅުގަނޑަކީ ޕާޓީގެ [އެމްޑީޕީ] މީހެއް. އެ ނިންމުންވާނީ އެމްޑީޕީގެ ނިންމުމަކަށް. ރިޔާސީ ކެންޑިޑޭޓާމެދު ޕާޓީން ނިންމާ ނިންމުމަކަށް އަޅުގަނޑު އިހުތިރާމްކޮށް ބޯލަނބާނަން،" -- ނަޝީދު

އެކަމަކު ކަން ހިނގާދިޔައީ ނަޝީދު ދިމާ އިދިކޮޅަށެވެ. ބޮޑު ތަފާތަކުން ޕްރައިމަރީން ނާކާމިޔާބުވީ އެވެ. ޕާޓީގެ މެންބަރުންގެ އެ ނިންމުމާއެކު އަނެއްކާވެސް އާ މަގެއް ހިޔާރުކުރައްވަން މަޖުބޫރުކުރުވީ އެވެ. ފިކުރެއް ނުދިރުވައި ވާނެ އިތުރު ގޮތެއް ނެތެވެ.

ފިކުރެއްގެ ދިރުންގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާނީ ފަހުން. ރިޔާސީ އިންތިހާބުގެ ކުރިއަށް ޕާލަމެންޓަރީ ނިޒާމަށް ބަދަލު ކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދު ކުރަން ފަސޭހަވާނެ ކެންޑިޑޭޓެއް،" -- ނަޝީދު

އެއާއެކު ރައީސް ސޯލިހާ ދެކޮޅަށް ނަޝީދު މިހާރު ހުންނެވީ ނުކުންނަވަ އެވެ. އެމަނިކުފާނު އިންތިހާބުގައި ވަކިން ވާދަކުރައްވާނެކަން ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ. އެކަމަކު އެމަނިކުފާނުގެ އަމާޒުހުރި ގޮތުން، ސިފަވަނީ، ރައީސް ސޯލިހާ ބައިއަތު ހިފާނެ ޕާޓީތައް މަދުކުރުމަށް މަސައްކަތް ކުރައްވާކަމެވެ. އަމާޒަކީ ރައީސް ސޯލިހަށް ވެރިކަން ލިބޭނެ ދޮރުތައް ބަންދުކުރުމެވެ. އެކަމުގައި ނަޝީދަށް ބޮޑު ކާމިޔާބެއް ވަނީ ލިބިފަ އެވެ. މިހާރު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފަ އެވެ.

މިވަގުތު އެމްޑީޕީއަށް ލިބިފައި އޮތީ 40 ޕަސެންޓު ސަރުކާރުގެ، އެއަށް ވުރެ އިތުރު މިންވަރެއް ލިބޭ ގޮތް ކަމަށް ވަންޏާ އެއީ ޕާޓީއަށް ރަނގަޅު ގޮތް ކަމަށް ލަފާ ކުރެވިދާނެ،" -- ނަޝީދު

އިންތިހާބަށް ޖޭޕީއާއެކު މަޝްވަރާތައް ކުރަން ނަޝީދު ވަނީ ފައްޓަވައިފަ އެވެ. މިހާރު މަންޒަރު ނިއުޅެމުންދާ ގޮތަށްބަލާއިރު، ޖޭޕީން ކަނޑައަޅާ ކެންޑިޑޭޓެއްގެ ފަހަތަށް ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން އަރާނެ އެވެ.

ނަޝީދުގެ މިސްރާބު މިހާރު ހުރި ގޮތުން، އެމަނިކުފާނު ތާއީދުކުރައްވާނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓަކަށް ނޫނެވެ. އެމްޑީޕީގެ ރައީސްގެ މަގާމުގައި މިވަގުތަށް ނަމަވެސް ހުންނެވި ނަޝީދު ކެމްޕޭނު ކުރައްވާނީ ޖޭޕީ އަށެވެ. ޖޭޕީގެ ކެންޑިޑޭޓު ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯދައިފިނަމަ، ނަޝީދު ހުންނަވާނީ ކޯލިޝަނު ސަރުކާރެއްގެ ލީޑަރެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ސިޔާސީ ތާރިހުގައި ފުރަތަމަ ފަހަރަށް އެމަނިކުފާނުގެ "އެމްޑީޕީ" އޮންނާނީ އެހެން ޕާޓީއެއް ނޫނީ ޕާޓީތަކެއްގެ ފަހަތުގަ އެވެ.

ފަހަރުގައި ނަޝީދު ވެސް ބޭނުންނުވާ ސިޔާސަތުތަކަކަށް ތާއީދުކުރަން ޖެހިދާނެ އެވެ. ސަރުކާރު ހިންގަން ތިބޭނީ "އެމްޑީޕީ"ގެ ގާބިލު ވަރަށް މަދު ވަޒީރުންކޮޅެކެވެ. އެމްއެމްޕީއާރުސީ ލިސްޓުގައި ހިމެނޭ ގިނަ ނަންތަކެއް ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭނެ އެވެ. ހުރިހާ ކަމެއްގައި ފަހު ބަސް ވިދާޅުވާނީ އެމްޑީޕީގެ ފަލްސަފާއާ މާބޮޑަށް ބީރައްޓެހި ބޭފުޅެކެވެ. ނަޝީދު އެންމެ ބޭނުންވާ ބަރުލަމާނީ ނިޒާމާ ވެސް ސީދާ ދެކޮޅު ބޭފުޅެކެވެ.

ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ، ރިޔާސީ ނިޒާމެއް އޮވެގެންނެވެ. ރައީސާއި، މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަޤާމުތަކެވެ. ބަރުލަމާނީގައި ގައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިހާބުކުރާ ފަރާތެއް ނޫނެވެ،" -- ގާސިމް އިބްރާހީމް

ކޯލިޝަން ސަރުކާރުތަކާމެދު ނަޝީދު ނަފުރަތުކުރައްވާ ހުރިހާ ކަމެއް ދެމި އޮންނާނެ އެވެ. ރައީސް ސޯލިހާ ދެކޮޅަށް ނުކުންނަވަން ޖެހުނު ގިނަ ސަބަބުތަކާވެސް އެކު އެވެ. އެމްއެމްޕީއާރުސީ ހިޔާނާތް ބަލައި ފިޔަވަޅެއް އެޅުން ވެސް ނާދިރެވެ. ހަމައެކަނި ތަފާތަކަށް ވާނީ ލަގަނު މިފަހަރު އޮންނާނީ އެމްޑީޕީ ނޫން އެހެން އަތެއްގައި ކަމެވެ. ދޯކާ ދިނުމުގެ ބާރާ ވެސް އެކު އެވެ. ކޯލިޝަނުގެ ރޫޅާލުމުގެ އިހުތިޔާރާވެސް އެކުގަ އެވެ.

އެކަމަކު މި ހުރިހާ ކަމެއް ވަރިހަމަކޮށްލައިގެން ނަޝީދު ހުންނެވިހެން ވަރަށް ބޮޑަށް ހީވެ އެވެ. އަމަލުކުރައްވާ ގޮތުން ހީވަނީ ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ހެނެވެ. ވަކި ނަތީޖާއެއް ހާސިލުކުރަން ކޮންމެ އަގެއް ވެސް ދައްކަން ތައްޔާރަށެވެ. އެމަނިކުފާނުގެ ކާމިޔާބީ މިފަހަރު ގުޅިފައިވާތަން ސިފަ ވަނީ އެމްޑީޕީގެ ނާކާމިޔާބީއާ އެވެ.

މުހައްމަދު ވިޝާމް

--

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox