ސެވިލް، ސްޕެއިން (މާޗް 26) - ސްޕެއިނުން އާ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ނޯވޭ 3-0 އިން ބަލިކޮށް ޔޫރޯ ކޮލިފައިން މޮޅަކުން ފަށައިފި އެވެ.
ޑިސެމްބަރު މަހު ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުން މޮރޮކޯ އަތުން ސްޕެއިން ކެޓުމަށް ފަހު، އެ ޓީމުގެ ކޯޗަކަށް އޭރު ހުރި ލުއިސް އެންރީކޭގެ ވަޒީފާ ގެއްލުނެވެ. ސްޕެއިން ޓީމުގެ ކޯޗަކަށް ހަމަޖެއްސި ފުއެންޓޭ އަކީ 2013 އިން ފެށިގެން ސްޕެއިނުގެ ޔޫތު ޓީމުތަކުގައި މަސައްކަތް ކުރަމުން އައި އެ ގައުމުގެ ފުޓްބޯޅަ އަށް ފަރިތަ ކޯޗެކެވެ.
ސްޕެއިނުން ރޭގެ މެޗުގައި ލީޑުނެގީ 13 ވަނަ މިނިޓްގަ އެވެ. އޭރިއާ ބޭރުން ސްޕެއިންގެ ފުލްބެކް، އަލެހަންދްރޯ ބާލްޑޭ ނެގި ބާރު ބޯޅަ އޭރިއާތެރޭގައި ހުރި ޑެނީ އޮލްމޯ ވަނީ ފައިން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.
އަނިޔާގެ ސަބަބުން އާލިން ބްރައުޓް ހާލަންޑް ނުލައި ކުޅުނު ނޯވޭގެ އެޓޭކްގައި ކުޅެމުން އައީ ކެޕްޓަން، މާޓިން އޮޑެގާޑާއި އަލެކްސަންޑަ ސޯލޯތު އެވެ.
ސްޕެއިން ގޯލުގައި 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށް ކުޅެމުން ދިޔަ، ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ ނޯވޭގެ ހަމަލާތައް ހުއްޓުވުމުގައި ހުށިޔާރުކަން ދައްކައިފަ އެވެ.
ސްޕެއިނަށް މި މެޗުގައި ނަތީޖާ ނެރެން ޕްރެޝަރު ކަނޑުވާލައިދީ މޮޅު ކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކުރީ ބަދަލަކަށް ނުކުތް ފޯވާޑް ހޮސޭލޫ އެވެ. ދެ މިނިޓް ތެރޭގައި ހޮސޭލޫ، 32، ދެ ގޯލު ޖެހިއިރު، އޭނާ އަކީ ފެނާންޑޯ މޮރިއެންޓޭސް އަށް ފަހު ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ދެ ގޯލު ޖެހި ފުރަތަމަ ކުުޅުންތެރިޔާ އެވެ.
މޮރިއެންޓޭސް ވަނީ 1998 ވަނަ އަހަރު ސްޕެއިނަށް ކުޅެދިން ފުރަތަމަ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ.
ކޮލިފައިންގައި ސްޕެއިން ހިމެނޭ ގްރޫޕްގައި ކުޅުނު އަނެއް މެޗުން ސައިޕްރަސް އަތުން ސްކޮޓްލެންޑް ވަނީ 3-0 އިން މޮޅުވެފަ އެވެ. ކޮލިފައިން ގްރޫޕް ޑީގައި ރޭ ކްރޮއޭޝިއާ އާއި ވޭލްސް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.












