ޗައިނާގެ ރައީސް ޝީ ޖިންޕިން އަންނަ ހަފުތާގައި ރަޝިއާއަށް ވަޑައިގެން އެ ގައުމުގެ ރައީސް ލެޑިމިއަ ޕުޓިންއާ ބައްދަލުކުރައްވާނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ރަޝިއާ ސަރުކާރުން ބުނީ ދެ ލީޑަރުން މަޝްވަރާ ކުރައްވާނީ "އެކުގައި މަސައްކަތް ކުރުމާއި ސްޓްރެޓެޖިކް ގުޅުންތަކުގެ" މައްޗަށް ކަމަށެވެ.
ޝީ ރަޝިއާއަށް ދަތުރުކުރައްވަން ހަމަޖެހިފައިވާ އިރު، ޗައިނާއިން ދާދި ފަހުން ވަނީ ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ގޮތުގެ ހުށަހެޅުންތަކެއް ތައްޔާރުކޮށްފަ އެވެ.

އެހެން ނަމަވެސް ހުޅަނގުގެ ގައުމުތަކުން އެ ހުށަހެޅުންތަކަށް ދިނީ ފިނި ތަރުހީބެކެވެ. އަދި ޗައިނާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅަށް އިންޒާރު ދިނެވެ.
އަންނަ ހަފުތާގެ ދަތުރު ވާނީ މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ޝީ ރަޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރަށެވެ. ހޯމަ ދުވަހު ޕުޓިންއާ އެކު މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވުމަށް ފަހު، ރަސްމީ މަޝްވަރާތައް އޮންނާނީ އަންގާރަ ދުވަހު އެވެ.
ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ބުނީ ޔޫކްރެއިން ހަނގުރާމައާ މެދު ޗައިނާއިން ގެންގުޅޭނީ "ހަމަހަމަ، ހިކުމަތްތެރި" ވިސްނުމެއް ކަމަށާއި "ސުލްހައިގެ މަޝްވަރާތަކަށް ބާރުއަޅަން ހަރުދަނާ ދައުރެއް" އަދާކުރާނެ ކަމަށެވެ.










